ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އެންމެ ތަފާތު ބޮޑުކޮށް ކާމިޔާބުކުރާނީ މިއިންތިހާބު: ރައީސް

ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނީ މިހާތަނަށް އިންތިހާބެއް ކާމިޔާބު ކުރާނެ އެންމެ ތަފާތު ބޮޑު ނަތީޖާއިން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރަޢީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ހދ. ނައިވާދޫގައި މިއަދު ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް ވިދާޅުވީ އެފަދަ ނަތީޖާއެއް ލިބެންޖެހޭ ބައިވަރު ސަބަބުތައް އެބަހުރި ކަމަށެވެ. އެންމެ ބޮޑު އެއް ސަބަބަކީ 2013 އިން 2018 ވަނަ އަހަރާ ދެމެދު ރައްޔިތުންނާ ދޭތެރޭ އޭރުގެ ސަރުކާރުން އަމަލުކުރި ގޮތް ކަމަށް ވިދާޅުވި އެެވެ.

ރައީސް ވިދާޅުވީ ވާދަވެރި ކެންޑިޑޭޓުން ތަރައްގީ ގެނެސްދޭނެ ވާހަކައާއި އަނިޔާ ވެރިކަން ނަންތާލާނެ ކަމަށް ބުނާ ކަމަށާއި ނަމަވެސް އެ ބޭފުޅުން ބާރުގައި ތިއްބެވި ދުވަހު އަމަލުކުރެއްވި ގޮތުން ރައްޔިތުން އެ ބޭފުޅުންގެ ވާހަކަތައް ގަބޫލުނުކުރާނެ ކަމަށެެވެ.

"ނަމަނަމަ އެމީހުން ނަށް ވޯޓް ނުދޭތި. ވޯޓް ދިނުމަކީ ރަގަޅުކަމެއް ނޫން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ނިމިދިޔަ ސަރުކާރުގެ އަނިޔާވެރިކަން އަނބުރާ އިއާދަވުމަށް އެއްވެސް މީހަކު ބޭނުން ނުވާނެ ކަމަށާއި އެ އަނިޔާވެރިކަމުގެ ހަނދާންތައް އިއްޔެވީ ކަމެއްހެން މީހުންގެ ސިކުނޑީގައި އެބަހުރި ކަމަށެވެ.

"އެދުވަހު އެމަންޒަރު ދުން މީހުން އަޅުގަނޑުމެންނަކީ. އެއީ ދެން އަބުރާ އެއްވެސް ރައްޔިތަކު ދެކެން ބޭނުން ވާނެ ދުވަހެއް ނޫން،" އެމަނިކުފާނު ވިދާޅުވި އެވެ.

ވޯޓުލާން ދިއުމުގެ ކުރިން ރައްޔިތުން ރަނގަޅަށް ވިސްނުމަށް އެދިވަޑައިގެން ރައީސް ވިދާޅުވީ 2018 ގައި ރައްޔިތުން ނިކުމެ އަނިޔާވެރިކަން ނިންމި ގޮތަށް އެ އަނިޔާވެރިކަމަށް މިއަދުވެސް ވޯޓުން ނޫނެކޭ ބުނަންޖެހޭ ކަމަށެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މިދިޔަ ފަސް އަހަރު ރާއްޖެއަށް އައި ހެޔޮ ބަދަލުތައް ފެނިގެން ދާނެ ކަމަށާއި މި ހެޔޮ ބަދަލާ އެކު ކުރިއަށް ދިއުން ނޫން ގޮތެއް ނެތްކަން ރައްޔިތުން ގަބޫލުކުރާ ކަމަށެވެ.

މިސަރުކާރުން ތައާރަފްކުރި ފްރީ ޑިގްރީގެ ކާމިޔާބާ ގުޅިގެން ރައީސް ވިދާޅުވީ މަތީ ތައުލީމު ހާސިލްކުރަން ކުދިން އެ ކުދިންގެ އަތުން ކިޔެވުމަށް ފައިސާ ހަރަދު ނުކޮށް އެ ފައިސާ މިހާރު ރައްކާކުރެވޭނެ ކަމަށެވެ. ފެނާއި ނަރުދަމާ ނެތް ރަށްތަކުގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން 141 ރަށުގައި އެމަސައްކަތް ގާތްގަނޑަކަށް ނިމެމުންދާ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އާރްޓީއެލްގެ ފެރީގެ ނިޒާމު މިސަރުކާރުން ފެށުމާ ގުޅިގެން ރަށްތައް ގުޅާލެވި ރައްޔިތުންގެ ޖީބުން ދަތުރުފަތުރަށް ކުރިން ކުރި ހަރަދުގެ 87 ޕަސަންޓް މިހާރު ސަލާމަތް ކުރެވިފައިވާ ކަމަަށެވެ. ޓޫރިޒަމް ދާއިރާއަށް މިވެރިކަމުގައި ކޮށްދީފައިވާ ބައެއް ކަންކަން ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ ގާނޫނަކުން މިނިމަމް ވޭޖާއި 10 ޕަސަންޓްގެ ސާވިސް ޗާޖެއް ކަނޑައަޅައިދީ އެ ދާއިރާގެ މުސާރަތައް ބޮޑުވާ ގޮތަށް ކަންތައްތަކެއް ކޮށްދެވިއްޖެ ކަމަށެވެ.

ރައީސް ސޯލިހް އިތުރަށް ވިދާޅުވީ މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދިނުމުގެ ގޮތުން މާލެއިން ގޯތިކަޑާފައި ނުދޭތާ 40 އަކަށް އަހަރު ފަހުން އެ ރައްޔިތުންނަށްވެސް ގޯތި ދެވިއްޖެ ކަމަށެވެ.

"އެމަސައްކަތް ނިންމާނީ މާލެއިން ގޯތި ބޭނުންވާ އެންމެންނަން އެކަން ކޮށްދީފައި،" ރައީސް ވިދާޅުވި އެވެ.