ބޭރު ކުޅިވަރު

ނޭމާގެ ޔޮޓަކާއި ޖެޓް ވެސް ހިފަހައްޓައިފި

ޓެކްސް އަށް މަކަރުހެދުމުގެ ތުހުމަތުގައި ބާސެލޯނާ އާއި ބްރެޒިލްގެ ފޯވަޑް ނޭމާ ސަންޓޯސްގެ މުދާތައް ބްރެޒިލްގެ ކޯޓަކުން ހިފަހައްޓައިފި އެވެ.

ގާތްގަނޑަށް 35 މިލިއަން ޕައުންޑްގެ މުދާތައް ހިފަހައްޓަން އަމުރުކުރީ ބްރެޒިލްގެ ސައުޕޯލޯގެ ކޯޓުންނެވެ. އެއީ އޭނާ ބްރެޒިލްގެ ސަންޓޯސް އަށް ކުޅުނު ދުވަސްވަރު 2011 އިން 2013 އަށް ޓެކްސް ނުދައްކާ މައްސަލާގަ އެވެ.

ބްރެޒިލްގެ ކޯޓުން ބުނެފައިވަނީ ނޭމާ ޓެކްސް އަށް މަކަރު ހަދާފައިވާ ކަމަށެވެ. ނަމަވެސް މި މައްސަލާގައި އެމީހުން ހަރުކަށިކަން އިސްކުރަން ބޭނުންނުވާ ކަމަށާއި ނޭމާ ހަމަޖައްސަންޖެހޭ ކަންކަން ހަމަޖެއްސުމުން މުދާތައް ދޫކޮށްލާނެ ކަމަށެވެ.

ހިފަހައްޓާފައިވާ މުދާތަކުގެ ތެރޭގައި ނޭމާގެ އަމިއްލަ ޖެޓަކާއި ޔޮޓެއް ވެސް ހިމެނެ އެވެ.

ފަހަކަށް އައިސް ނޭމާ އަށް ދަނޑުބޑޭރުގެ ގިނަ މައްސަލަތަކާ އަންނަނީ ކުރިމަތިވަމުންނެވެ. މި ގޮތުން އޭނާ ބާސެލޯނާ އަށް ބަދަލުވުމުގެ ޓްރާންސްފާގައި ވެސް ނަހަމަ ކަންތައްތައް ކުރިކަމުގެ ތުހުމަތުގައި ވަނީ ކޯޓަށް ހާޒިރުކޮށްފަ އެވެ.