ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ދަނޑުވެރިންގެ އުފެއްދުންތައް އެކްސްޕޯޓް ކޮށްދޭނަން: ރައީސް

ދަނޑުވެރިންގެ އުފެއްދުންތައް ރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރެވޭނެ ގޮތް ހަދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ހދ. ވައިކަރަދޫއަށް ވަޑައިގެން ރައީސް ސޯލިހު ވިދާޅުވީ މީހުން ބޭނުންވާ ބައެއް މޭވާތައް ރާއްޖޭގައި ވަރަށް ރަނގަޅަށް އުފައްދަމުން އަންނަ ކަމަށެވެ.

އޭގެ ތެރޭގައި ފަޅޯ، ދޮންކެޔޮ، ކަރާ އަދި އަނބު ހިމެނޭ ކަމަށާއި ރަނގަޅު ނިސްބަތަކުން އުފެއްދިއްޖެނަމަ އެތަކެތި ބޭރުގެ މާކެޓަށް އެކްސްޕޯޓް ކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ބޭނުންވަނީ ދަނޑުވެރިންނަށް މި މަސައްކަތް ކުރެވޭނެ ގޮތްތަކާއި މިތަކެތި ވިއްކޭނެ ފަސޭހަ މާކެޓްތައް ހޯދައިދިނުން. ކުރިއަށް އޮތްތަނުގައި އިރާދަކުރެއްވިއްޔާ އެ މަސައްކަތް އަޅުގަނޑުމެންގެ ސަރުކާރެއްގައި ކުރާނަން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ދަނޑުވެރިންގެ އުފެއްދުންތައް ވިއްކުމަށް ދިވެހި މާކެޓުގެ އިތުރުން ރިސޯޓުތަކާ ގުޅުވައިދޭނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވަނީ ދަނޑުވެރިންނަށް މައިކްރޯ ފައިނޭންސް ސްކީމް ތައާރަފުކޮށް ދަނޑުވެރިކަމަށް ބޭނުންވާ ބިން ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

މީގެ އިތުރުން އެމްޓީސީސީ މެދުވެރިކޮށް ކާގޯ ފެރީ ތައާރަފުކޮށް ދަނޑުވެރިންގެ އުފެއްދުންތައް އެއް ރަށުން އަނެއް ރަށަށް ގެންދެވޭނެ ގޮތް ފަހިކޮށްދޭނެ ކަމަށް ވިދާޅުވި އެވެ.