ރިޔާސީ އިންތިހާބުގައި ވޯޓް ކަރުދާހުގައި ފާހަގަޖެހޭނީ ކަޅު ނޫނީ ނޫކުލައިގެ ގަލަމުން ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފި އެވެ.
ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައިސް އިސްމާއީލް ހަބީބް ވިދާޅުވީ ވޯޓް ކަރުދާހުގައި ފާހަގަޖެހުމަށް ބޭނުންކުރެވޭނީ ކަޅު ނޫނީ ނޫކުލައިގެ ގަލަމެއް އެކަނި ކަމަށެވެ. އިންތިހާބުތަކާ ބެހޭ އާމު ގަވާއިދުގައިވެސް އޮންނާނީ ވޯޓްލާން އަންނަ މީހަކު އާދައިގެ ގަލަމެއް ބޭނުންކުރުމަށް ކަމަށް ހަބީބް ވިދާޅުވި އެވެ.
"ކޮމިޝަނުން ނިންމި ނިންމުމަކީ އާދައިގެ ގަލަމަކީ ކޮބައިކަން. އެއީ މިގެންގުޅޭ ކަޅު ނޫނީ ނޫކުލައިގެ ގަލަން،" ހަބީބް ވިދާޅުވި އެވެ.
ވޯޓުލާ ގަލަމާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ގޮތްތަކެއް ނިންމާފައި މިވަނީ ސަރުކާރުން ބައެއް މީހުންނަށް މަޖުބޫރުކޮށްގެން ވަކިކުލަތަކެއްގެ ގަލަމުން ފާހަގަޖެހުމަށް ބާރު އެޅުމާއި، ކެންޑިޑޭޓެއްގެ ނަމާއި ދިމާލުގައި ގާނޫނުގައި ބުނާ ފާހަގައިގެ އިތުރުން އިތުރު ފާހަގައެއް ޖަހަން ބައެއް މީހުންނަށް މަޖުބޫރު ކުރާ ކަމަށް ބުނެ ޕީޕީއެމް ޕީއެންސީ އިން މައްސަލަ ޖައްސާފައި ވަނިކޮށެވެ.
މިނިވަން އިންސާފުވެރި އިންތިހާބެއް ކަށަވަރުކުރުމަށްޓަކައި ބައެއް ޕާޓީ ތަކުން ކޮމިޝަނަށް ހުށަހެޅުންތަކެއް ހުށަހަޅާފައިވާ ކަން ފާހަގަކުރައްބާ ހަބީބް ވިދާޅުވީ އެ ކަންކަމުގައި ކޮމިޝަނަށް ކޮށްދެވޭނެ ކަމެއް ކޮށްފައިވާނެ ކަމަށެވެ. އެގޮތުން ވޯޓުލާ ބޫތުގައި ވޯޓުލާ މީހާ ހުންނަންޖެހޭ ގޮތަށްވެސް މިފަހަރު ބަދަލެއް ގެނެސްފައިވާ ކަމަށް ވިދާޅުވި އެވެ.
ކުރީގެ އިންތިހާބުތަކުގައި ވޯޓުލާ މީހުން ވޯޓިން ބޫތު ކައިރީގައި ހުންނަނީ އޮފިޝަލުންނާއި އޮބްޒާވަރުންނަށް ކުރިމަތިވާ ގޮތަށެވެ. އެކަމަކު މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓިން ބޫތު ހުންނާނީ ވޯޓުލާން އަންނަ މީހާ ވޯޓިން ބޫތުގައި ހުންނައިރު އޮފިޝަލުންނާއި އޮބްޒާވަރުންނަށް ވޯޓުލާން އަންނަ މީހާ ފުރަގަހުން ފެންނަ ގޮތަށް ކަމަށް ހަބީބް ވިދާޅުވި އެވެ.
ހަބީބް އިތުރަށް ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބެއް ކަމަށް ހެދުމަށް ކޮމިޝަނަށް ކޮށްދެވެން އޮތް ހުރިހާ ކަމެއް ކުރާނެ ކަމަށެވެ.