ކޮޕާ ޑެލްރޭ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ބާސެލޯނާ އާއި ސެވިއްޔާ ބައްދަލުކުރާ މެޗަށް ރެއާލް މެޑްރިޑުގެ ދަނޑު ނުދޭން ނިންމައިފި އެވެ.
އަންނަ މޭ މަހުގެ 21 ވަނަ ދުވަހު ކުޅޭ ފައިނަލް މެޗަށް މި ދަނޑު ނުދީ އެދުވަހު ދަނޑު ދޫކޮށްފައިވަނީ ރޮކް ލަވަކިއުންތެރިޔާ ބްރޫސް ސްޕްރިންޓީން ސްޕޭނުގައި ބާއްވާ ކޮންސެޓަށެވެ.
ސްޕޭނުގެ ފުޓްބޯޅަ ފެޑަރޭޝަނުން މި މުބާރާތުގެ ފައިނަލް ކުޅެނީ މެޗުގައި ބައްދަލުކުރާ ދެ ޓީމުގެ ދަނޑުނޫން އެހެން ދަނޑެއްގަ އެވެ. މި ގޮތުން ދެ ކުލަބުންނާއި އެފްއޭއިން ވެސް ބޭނުންވަނީ ރެއާލްގެ ދަނޑުގައި މެޗުކުޅޭށެވެ. އެއީ ޖާގައިގެ ގޮތުން ދަނޑު ބޮޑުވެފައި، އިންތިޒާމްތައް ވެސް ރަނގަޅުވާނެތީ އެވެ.
"އަހަރުމެން ބޭނުންވަނީ ވީހާ ބޮޑު ދަނޑެއްގައި މެޗު ކުޅެން. އެއީ އަހަރުމެންގެ ސަޕޯޓަރުންނާއި އިދިކޮޅު ޓީމުގެ ސަޕޯޓަރުންނަށް ވެސް އެންމެ ރަނގަޅުވާނެ ގޮތް،" ބާސެލޯނާގެ ވައިސް ޕްރެޒިޑެންޓް ޗާލްސް ވިލަރުބީ ވިދާޅުވި އެވެ.
ނަމަވެސް 80000 މީހުންނަށް ކުޅިބަލަން ތިބެވޭ ރެއާލްގެ ސެންތިއާގޯ ބާނާބައު ސްޓޭޑިއަމް ނުލިބޭނެކަން އެނގުމުން ބާސެލޯނާގެ ކުރީގެ ރައީސް އަދި ކެޓަލޯނިއާގެ ޕާލަމެންޓް މެމްބަރު ޔޮހާން ލަޕޯޓާ ބުނީ މައްސަލަ އަކީ ބާސެލޯނާ ތަށި ހޯދައިފާނެތީ ކަމަށެވެ.
"ރެއާލް މެޑްރިޑް ބިރުގަނޭ ބާސެލޯނާ ތަށި އުފުލާލަފާނެތީވެ. ބާސެލޯނާ ޗެމްޕިއަންކަން ހޯދާތަން ބަލަން އެމީހުންނަށް ފަސޭހައެއްނޫން. މިއީ މައްސަލައަކީ. އެކަމަކު ރެއާލް މެޑްރިޑް ޖެހޭ މިކަން ސާފުކޮށްދޭން،" ލަޕޯޓާ ބުންޏެވެ.
ރެއާލްގެ ސަޕޯޓަރުން އެ ޓީމުގެ ދަނޑުގައި ބާސެލޯނާ ތަށި ހޯދާތަން ބަލަން ބޭނުމެއްނުވެ އެވެ. އެންމެ ފަހުން ރެއާލްގެ ދަނޑުގައި ބާސެލޯނާ މި މުބާރާތް ކާމިޔާބުކުރީ 1997 ވަނަ އަހަރު އެވެ. ރެއާލް ބެޓިސް ބަލިކޮށް ބާސެލޯނާ ތަށި ހޯދި އެ މެޗުގައި އެ ޓީމުގެ ސަޕޯޓަރުން ބާސެލޯނާގެ ނުލާއިރަތާއިރީނދޫ ކުލައިން ރެއާލްގެ ސްޓޭޑިއަމް ޖަރީކުރި ހަނދާންތައް އަދިވެސް ރެއާލްގެ ސްޕޯޓަރުންގެ ހިތުން ފިލައިނުދެ އެވެ.
މި ފަހަރުގެ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނަކީ ވެސް ބާސެލޯނާ އެވެ. އަދި ރެއާލް މި ފަހަރުގެ މުބާރާތުން ކެޓީ ގަވާއިދާ ހިލާފަށް ކުޅުންތެރިއަކު ލައްވައިކުޅުވި މައްސަލާގައި އެ ޓީމު ޑިސްކޮލިފައިކުރުމުންނެވެ.