ފިނިޕޭޖް

ލިއަމް ނީސަންގެ "ރެޓްރިބިއުޝަން" ތަފާތުތަކެއް ނެތް

ޓޭކަން ފަދަ ފިލްމް ކުޅެފައިވާ ލިއަމް ނީސަންއަކީ އެކްޝަން ތްރިލާ ފިލްމްތަކަށް އާ މޫނެއް ނޫނެވެ.

މި ފަހަރު ލިއަމް ފެނިގެން މިދަނީ "ރެޓްރިބިއުޝަން" އިންނެވެ. މިދިޔަ އޮގަސްޓް 25 ވަނަ ދުވަހު ރިލީޒްކުރި މި ފިލްމަކީ ނިމްރޮޑް އަންތަލް ޑައިރެކްޓްކޮށް، ލިއަމްގެ އިތުރުން އޯމާ ޑުމެޑްވެނީ، ލިލީ އެސްޕެލް، ޖެކް ޗެމްޕިއަން، އާރިއަން މޯޔެޑް، އެމްބެތް ޑޭވިޑްޒް އަދި މެތިއު މޯޑީން އެކްޓްކުރާ އެކްޝަން ތްރިލާ އެކެވެ.

ސްޕެނިޝް ފިލްމު "އެލް ޑެސްކޮނޯސީޑޯ"ގެ ރީމޭކެއްގައިވާ "ރެޓްރިބިއުޝަން"ގެ ޕްލޮޓަށް ބަލާއިރު ޖާމަނީގެ ބާލިންގައި ދިރިއުޅޭ ބިޒްނަސް އެގްޒެކްޓިވްއެއް ކަމުގައިވާ މެޓް ޓާނާ (ލިއަމް) އަކީ އަނބިދަރިންނަށް އެހާ ވަގުތު ނުދޭ ބިޒީ މީހެކެވެ. އަނބިމީހާގެ އެދުމަށް މެޓް ކާރުގައި ދެ ދަރިން ސްކޫލަށް ގެންދަނިކޮށް އަންނަ ފޯން ކޯލަކުން މުޅިން ޝޮކެއް އާދެ އެވެ. އަޑު ބަދަލުކޮށްގެން ގުޅި މީހާ ބުނަނީ ކާރުގެ ސީޓްގެ އަޑީގައި ބޮންތަކެއް ހަރުކޮށްފައިވާ ކަމަށާއި ކާރުން އެއްވެސް މީހަކު ނިކުންނަން އުޅެފިނަމަ، ބޮންތައް ގޮވާނެ ކަމަށެވެ.

ގުޅި މީހާ ބުނަނީ ނަހަމަ ގޮތުގައި ހިންގާފައިވާ ވިޔަފާރިތަކެއްގެ ބޭރު ގައުމެއްގައިވާ އެކައުންޓްތަކުން އެތައް ސަތޭކަ މިލިއަން ޔޫރޯ ޓްރާންސްފާކުރާށެވެ. ދެން މެޓްގެ އެންމެ ގާތް ރަހްމެތްތެރިޔާ އެންޑާސް (މެތިއު މޯޑިން) މަރާލުމަށް ބުނެ އެވެ. ސިޓީ ތެރޭގައި އެކި ތަންތަން ގޮވަމުންދާތީ، ޔޫރޯޕޯލްއިން މެޓްއަށް ސަމާލުކަންދެ އެވެ. ދެން ގިނަ އެކްޝަނުން ފުރިގެންވާ ސީންތައް ފިލްމުން ބަލާލާށެވެ.

މި ފިލްމްގެ ޕްލޮޓް، 1994 ގައި ނެރުނު "ސްޕީޑް"އާ ފުދޭވަރަކަށް އެއްގޮތްވެ އެވެ. އެއީ ކިއާނޫ ރީވްސް، ސެންޑްރާ ބުލޮކް އަދި ޑެނިސް ހޮޕާ އެކްޓްކޮށްފައިވާ ފިލްމެކެވެ. މި ފިލްމް 20 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދާފައިވީއިރު، މިހާތަނަށް ލިބިފައިވަނީ 8 މިލިއަން ޑޮލަރެވެ. އަދި ރިވިއުސްއަށް ބަލާއިރު ލިއަމްގެ ދަރިއަކަށް ކަމެއްވެގެން ސަލާމަތްކުރަން / ބަދަލު ހިފަން އުޅޭ ތަން ބަލާހިތްވާ ފޭނުންނަށް މިފިލްމް ކަމުދާނެ އެވެ. ނަމަވެސް ފާޑުކިޔާ ބައެއް މީހުން ބުނާ ގޮތުގައި މި ފިލްމުގައި ތަފާތު ކަމެއް ނުފެނެ އެވެ.