ޕީޕީއެމް

މުއިއްޒުގެ ކެމްޕޭނަށް މެޑަމް ފާތުން ނިކުންނަވަނީ

ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭންގައި ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހީމް ބައިވެރިވެވަޑައިގަތުމަށް ނިންމަވައިފި އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން ނަން ނުޖެހުމަށް ޝަރުތުކޮށް ޕީޕީއެމްގެ އިސް ބޭފުޅަކު ވިދާޅުވީ މެޑަމް ފާތިމަތު އިބްރާހީމް މުއިއްޒުގެ ކެމްޕޭނާ ގުޅިވަޑައިގަތުމަށްޓަކައި ކާނިވާ ސަރަހައްދުގައި ހުރި މުއިއްޒުގެ ކެމްޕޭން އޮފީހަށް މިރޭ ވަޑައިގަންނަވާނެ ކަމަށެވެ.

ފާތުންގެ މިޒިޔާރަތުގައި ކެމްޕޭން ޓީމުތަކާ ބައްދަލުކުރައްވާ ކެމްޕޭން ހަރަކާތްތައް ކުރިއަށްދާ ގޮތުގެ މައުލޫމާތު އޮޅުންފިލުއްވާނެ ކަމުގައިވެސް އޭނާ ވިިދާޅުވި އެވެ.

"މިއީ ޑރ. މުއިއްޒުގެ ކެމްޕޭނަށް ލިބޭ އިތުރު ފުރިހަމަކަމެއް. އިތުރު ހިތްވަރެއް،" އޭނާ ވިދާޅުވި އެވެ.

މެޑަމް ފާތުން އިދިކޮޅު ކެންޑިޑޭޓުގެ ކެމްޕޭނަށް ނިކުމެވަޑައިގަންނަވާއިރު ބައެއް ނޫސްތަކުގައި ގެންދަނީ ޑރ. މުއިއްޒާއި ރައީސް ޔާމީންގެ ގުޅުން ކުޑަކަމުގެ ހަބަރުތައް ރިޕޯޓްކުރަމުންނެެވެ. އަދި ޖަލުގައި ހުންނެވި ރައީސް ޔާމީނާއި އެމަނިކުފާނަށް ބޮޑުބޭބެ ވިދާޅުވާ ފާރިސް މައުމޫނާ ބައްދަލުކުރެއްވި ކަމަށްވެސް އިއްޔެ ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވެ އެވެ. ފާރިސް ގެންދަވަނީ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވަމުންނެވެ.

ޑރ. މުއިއްޒާއި ޕީޕީއެމްއާއި ގުޅޭގޮތުން ނޫސްތަކުގައި ގެނެސްދޭ ބައެއް ހަބަރުތަކާ ގުޅިގެން މުއިއްޒުގެ ކެމްޕޭން ޓީމުން ގެންދަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށް ހަގީގަތާ ހިލާފު އެފަދަ ހަބަރުތައް ރިޕޯޓް ނުކުރަން އެދެމުންނެވެ.