ބޭރު ކުޅިވަރު

ސިޓީ މެޗުގައި ޓެރީ އަށް ނުކުޅެވިދާނެ

އިނގިރޭސި އެފްއޭކަޕުގައި މިރޭ މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅެން ޖެހޭ މެޗުގައި ވެސް ކެޕްޓަން ޖޯން ޓެރީ އަށް ނުކުޅެވިދާނެ ކަމަށް ޗެލްސީން ބުނެފި އެވެ.

ކޯޗު ގުސް ހިޑިންކް މިހެން ބުނީ އަނިޔާގެ ސަބަބުން ޗެމްޕިއަންސް ލީގުގެ ގަދަ 16ގައި އަންގާރަ ދުވަހުގެ ރޭ ޕީއެސްޖީއާ ދެކޮޅަށް ކުޅުނު ޓީމުން ޓެރީ އުނިކުރުމަށްފަހު އެވެ.

"ވަރަށް ދަތި ކަމެއް ބުނަން އެއީ އޭނާ އަށް ސިޓީ މެޗުގައި ކުޅެވިދާނެތޯ. މިހެންވެ އަހަރުމެން ނިންމީ އޭނާ ޕީއެސްޖީ މެޗުގައި ނުކުޅުވައި ޓްރޭނިން ގްރައުންޑްގައި ފަރުވާ ހޯދަން ބަހައްޓަން. އަހަރުމެން ޖެހޭނީ ބަލަން އޭނާ އަށް ލިބިފައިވާ އަނިޔާއިން ރަނގަޅުވަމުން އަންނަ މިންވަރު،" ހިޑިންކް ބުންޏެވެ.

ޓެރީ އަށް އަނިޔާވީ ޕްރެމިއާ ލީގުގައި ނިއުކާސަލް އަތުން 5-1އިން ޗެލްސީ މޮޅުވި މެޗުގަ އެވެ. މި މެޗުގައި ޓެރީ ބަދަލުކުރީ 35 މިނިޓް ކުޅުވާފަ އެވެ.

ހިޑިންކް ބުނީ ޓެރީ ނެތުމަކީ ޓީމަށް ލިބޭ ވަރަށް ބޮޑު ހީނަރުކަމެއް ކަމަށާއި ނަމަވެސް ވަކިކުޅުންތެރިއަކު ނެތިގެން އޭނާ އަކީ އެކަމާހެދި ކަންބޮޑުވެ، ބޮޑާހާކާ މީހެއްނޫން ކަމަށެވެ. އަދި ޓީމުގެ ކޮންމެ ކުޅުންތެރިއަކާމެދު ވެސް އޭނާ އަށް އިތުބާރު އޮންނަ ކަމަށެވެ.