އދ. މާފަރުފަޅު މަހިބަދޫގެ އިހްތިސާސްގައި ހިމަނައިދީ، އެ ފަޅު ހިއްކާ އެތަނުގައި ބޯހިޔާވަހިކަމުގެ މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފި އެވެ.
މަހިބަދޫގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ މަހިބަދޫއަށް ދިމާވެފައިވާ ބިމުގެ މައްސަލައާއި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރެވޭނެ ދެ ގޮތެއް އެބައޮތް ކަމަށެވެ.
މުއިއްޒު ހުށަހެޅުއްވި ފުރަތަމަ ގޮތަކީ މަހިބަދޫގައި ވީރާނާވެފައި ހުރި އިމާރާތްތަކެއް ތާޅާލައި އެ ބިމުގައި ހައުސިން ޔުނިޓްތަކެއް އެޅުން ކަމަށެވެ. ރައްޔިތުން އެކަމަށް އެއްބަސްވާނަމަ އޭނާގެ ވެރިކަމެއްގައި 100 ހައުސިން ޔުނިޓް މަހިބަދޫގައި އެޅިދާނެ ކަމަށްވެސް ވިދާޅުވި އެވެ.
މުއިއްޒު ހުށަހެޅުއްވި ދެވަނަ ގޮތަކީ މަހިބަދޫއާ ކައިރީގައި އޮންނަ މާފަރުފަޅު މަހިބަދޫގެ އިހްތިސާސްގެ ތެރެއަށް ގެނެސް، އެ ފަޅުގައި މުޅި އަތޮޅަށް އަމާޒުކޮށްގެން ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގައި ދިގު މުއްދަތުގެ ޕްލޭނެއްގެ ތެރެއިން އެތަން އާބާދުކުރުމެވެ.
"މިހެން ރަނގަޅަށް ޕްލޭންކުރުމުން ޖާގަވެސް ލިބޭ ގޮތަށް އެ ތަން ތަރައްގީކުރެވޭނެ،" އޭނާ ވިދާޅުވި އެވެ،
މުއިއްޒު ވަނީ އޭނާއަށް ވެރިކަން ލިބިވަޑައިގެންފިނަމަ މަހިބަދޫއަށް ކޮށްދެއްވާނެ ބައެއް ކަންކަންވެސް ހިއްސާކުރައްވާފަ އެވެ. އެގޮތުން މަހިބަދޫގެ ހޮސްޕިޓަލާއި ފުޓްބޯޅަ ދަނޑު އިތުރަށް ތަރައްގީކުރުމާއި ކުނި މެނޭޖުކުރުން ހަރުދަނާ ކުރުމާއި ނުހެދި ހުރި ހުރިހާ މަގެއް ޒަމީ ފެންވަރަކަށް ހެދުން ހިމެނެ އެވެ.