ފިނިޕޭޖް

އެންޒޯ ފްރާރީގެ ގޮތުގައި އެޑަމް ޑްރައިވާ

އެކްޓަރު އެޑަމް ޑްރައިވާ ލީޑް ރޯލްކުޅޭ ފިލްމް "ފެރާރީ" ވެނިސް ފިލްމް ފެސްޓިވަލްގައި އަޅުވައިފި އެވެ.

މައިކަލް މޭންގެ އާ ސްޕޯޓްސް ތްރިލާއެއް ކަމުގައިވާ "ފެރާރީ" ބިނާކޮށްފައިވަނީ މޮޓޯސްޕޯޓްސް ޖާނަލިސްޓް -- ބްރޮކް ޔޭޓްސް 1991 ގައި ފެރާރީ ކާރުގެ އުފެއްދުންތެރިޔާ އެންޒޯ ފްރާރީގެ ހަޔާތަށް އޭނާ ލިޔުނު ބައޮގްރަފީއެއް ކަމުގައިވާ "އެންޒޯ ފެރާރީ: ދަ މޭން އެންޑް ދަ މެޝިން" އަށެވެ.

މި ފިލްމުގެ ޓްރޭލާ އިން އެޑަމް ފެންނަނީ އެންޒޯއަށް ވުމަށްޓަކައި އޭނާގެ ސިފަ ވަރަށް ތަފާތުކޮށްފައި ހުއްޓަ އެވެ.

މި ފިލްމްގައި އެޑަމްގެ އިތުރުން ޕެނޯލަޕީ ކްރޫޒް، ޕެޓްރިކް ޑެމްޕްސީ، ޝެއިލީން ވުޑްލީ، ގެބްރިއަލް ލިއޯން، ސޭރާ ގޭޑަން، ޖެކް އޯ ކޮލިންސް އާއި އިތުރު އެކްޓަރުން ހިމެނެ އެވެ.

ހިތްތަޅުވާލާފަދަ ކާރު ރޭސްކުރާ ސިންތައް އެކުލެވޭ މި ފިލްމު ގެނެސްދީފައިވަނީ 1970ގެ އަހަރުތަކުގައި ނެރެފައިވާ ޒާތުގެ ފިލްމެއް ފަދައިންނެވެ.

ފިލްމުގައި މައިގަނޑު ގޮތެއްގައި ފެންނަނީ 1957 ވަނަ އަހަރުގައި އެންޒޯގެ ހަޔާތުގެ ތިން މަހެވެ.

މި ފިލްމަށް ވެނިސް ފިލްމް ފެސްޓިވަލްގައި ވަނީ ބޮޑު ތަރުހީބެއް ލިބިފަ އެވެ. އަދި މި ފިލްމު ބަލާފައިވާ 32 ކްރިޓީކުން ވަނީ ރޮޓަން ޓޮމާޓޯޒްގައި 75 ޕަސަންޓާއި 10/6.4ގެ ރޭޓިންއެއް ދީފަ އެވެ.

މި ފިލްމު އާންމުކޮށް ސިނަމާތަކުގައި ރިލީޒްކުރާނީ އަންނަ ޑިސެމްބަރު މަހުގެ 25 ގައެވެ.