މޯލްޑިވިއަން އައިޑޮލް

ލައިޝާގެ ހުނަރުވެރިކަން ކިޔައިދެވޭނީ އަނގަތެޅުމަކުން!

އޭނާގެ އާއިލާ އަކީ ދިވެހި މިއުޒިކަށް ގިނަ ހިދުމަތްތަކެއްކޮށް ކުޅަދާނަ އެތައް އާޓިސްޓުންނެއް މި ދާއިރާ އަށް ނެރެފައިވާ އާއިލާއެކެވެ. ލައިޝާ ޖުނައިދުގެ މާމަ ނިސްބަތް ވަނީ ދިވެހި ލަވައިގެ އެންމެ ނުފޫޒުގަދަ އެއް އާއިލާކަމުގައިވާ މަސްއޮޑިގެ އަށެވެ. ފަހުގެ ކުޅަދާނަ މިއުޒީޝަނުންގެ ތެރެއިން ފަސީލައިވް ބޭންޑްގެ މަޝްހޫރު ޑްރަމަރު އިއްބެ އަކީ ލައިޝާ އަށް ބޮޑުބޭބެ އެކެވެ.

ލައިޝާގެ ބައްޕަ އަކީ ވެސް މިއުޒިކްގެ ތެރެއަށް ނިކަން ބޮޑަށް ދަމައިގެން ގޮސްފައިވާ ފަރާތެކެވެ. ލައިޝާ ބުނާ ގޮތުން ލަވައިގައި މާ ބޮޑު ކަމެއް ނުކުރެވޭނެ މީހަކީ އޭނާގެ މަންމަ އެވެ. އެހެން ނަމަވެސް މޯލްޑިވިއަން އައިޑޮލްގެ ސްޓޭޖުން ލައިޝާ އެގޮތުގައި ފެނުމުގެ ހުރިހާ ވެސް ޝުކުރެއް ހަގީގަތުގައި އެންމެ ހައްގުވަނީ އޭނާގެ މަންމަ އަށެވެ.

"ބައްޕަ ވެސް ޑްރަމް ޖަހާނެ. މަންމަ ފަރާތު މާމަ އަކީ މަސްއޮޑި އާއިލާ. އެގޮތުން ލިބިފައި ހުރި ޓެލެންޓެކޭ ވެސް ވަރަށް ގިނަ މީހުން ބުނޭ ދެން،" ލައިޝާގެ ވާހަކަ ފެށި އެވެ.

"ބައްޕަ ކިޔާނެ ފުދޭވަރަކަށް ސަޅިކޮށް ލަވަ. މަންމަގެ ނީންނާނެ އެއްވެސް ހަމައެއް ކަހަލަ އެއްޗެއް. އެކަމަކު ބައްޕަ އަށް އެނގޭނެ މިސާލަކަށް ނުބައި ޕިޗަކުން ކިޔަސް، ނުބައި ޕިޗަކުންކީކަން ބުނެދޭން. މިއުޒިކަލީ ފުދޭވަރަކަށް ނޮލެޖު ވަރުގަދަވާނެ ބައްޕަގެ."

އެހިސާބުން ލައިޝާގެ ހަޔާތް މިއުޒިކަށް ޓިއުންކުރުމަށް އޭނާގެ އެންމެ ބޮޑު މެންޓާއަކަށް ބަދަލުވެގެން ދިޔައީ ބައްޕަ އެވެ. އެއްގޮތަކަށް ވެސް މަންމަ ބާކީކޮށްލަނީކީއެއް ނޫނެވެ. ބައްޕަ ފަރާތުން ހޯދި ހިތްވަރު ސްޓޭޖު މަތީގައި އާންމުންނަށް ދައްކާލުމަށް މަޖުބޫރުކުރުވި މީހަކީ ލައިޝާގެ މަންމަ އެވެ.

"އިސްކަންދަރަށް ގޮސްސަ ސީރިއަސްކޮށް ލަވަކިޔަން ފެށުނީ. ލަވަކިޔަން މިއުޒިކް ޕްރެކްޓިސްތަކަށް ދާނެ އޭރު. އޭރު މިއުޒިކް ކިޔަވައިދޭނީ އެންމެން ވެސް ދަންނަ ވިސާކާ މިސް. ދެން ހުންނާނީ މުކްތީ ސާ. އެ ހިސާބުންކަން ނޭނގެ ސީރިއަސްކޮށް ލަވަކިޔަން ބޭނުންވީ ނުވަތަ ބޭނުންވާ ކަމަށް ވިސްނުނީ،" ލައިޝާ ކިޔައިދިނެވެ.

"ދުވަހަކު ވެސް އިންޓަސްކޫލް ލަވަ މުބާރަތުގައި ބައިވެރިވި ކުއްޖެއް ނޫން އަޅުގަނޑަކީ. ލަވަކިޔަން ފެށުނީ އިސްކަންދަރުގައި އިންޓަ ހައުސް މުބާރާތަކުން. ލަވަކިޔަން ޝައުގުވެރިނުވަނީކީއެއް ނޫން. އެކަމަކު އެކަހަލަ ޕްލެޓްފޯމެއްގައި ލަވަކިޔަން، އިންޓަ ސްކޫލް ލަވަ މުބާރާތުގައި އެހާ ބައިވެރިވާން ބޭނުން ނުވީ."

"މަންމަ އަބަދުވެސް ބުނާނެ ބައިވެރިވާންވީ ނޫން ހެއްޔެވޭ. ސްކޫލުން ވެސް ކިޔާނެ ބައިވެރިވާންވީ ނޫން ހެއްޔެ. އެކަމަކު އެކަމަކަށް އެހާ އިންޓްރެސްޓެއް ނެތް ދެވިފަ."

ލައިޝާ ބުނާ ގޮތުން ނަމަ އެންމެފަހުން މޯލްޑިވިއަން އައިޑޮލްގެ ސްޓޭޖުން ވެސް އޭނާ އަށް ފުރުސަތު ލިބުމުގެ ފަހަތުގައި ހުރި އަސްލު ބަތަލަކީ މަންމަ އެވެ.

"މިވެސް ހަމަ މަންމަ ބުނެގެން. އަޅުގަނޑު އުޅުނިން މީގައި ވެސް ވަރަށް ބައިވެރިނުވެވި އުޅެވޭތޯ ބަލަން. އަމިއްލަ އަށް ގަބޫލުކުރެވުނީކަން ނޭނގެ އެހާ މޮޅެއް ނޫނޭ. މޯލްޑިވިއަން އައިޑޮލްގެ އޮޑިޝަނަށް ގޮސްސަ ފުރަތަމަ ހޮވޭނެއެކޭ ވެސް ގަބޫލެއް ނުކުރަން. އެހެންވީމަ (ސްކޫލް މުބާރާތްތަކުގައި ވެސް ބައިވެރިނުވެވުނީ) ވެދާނެ އޭރު އަދި ކުޑަވީމައާ އެކު ގަބޫލުކުރެވިފައި ނެތީމަ ކަމަށް ވެސް ވެދާނެ ޓެލެންޓް ހުރި ކަމަށް ވެސް. އެ ފިއާ އިނީމަ ކަމަށް ވެދާނެ އޭރު."

ކޮންމެއަކަސް އެންމެފަހުން އެ ބިރު ފަހަނަޅައި ގޮސް ނިކަން އަލިގަދަ ތަރިއަކަށް ލައިޝާ މި ވަނީ ބަދަލުވެފަ އެވެ.

އެކަމަކު ވެސް މުހިންމީ ލަވަކިޔުންތެރިޔަކަށް ވުމެއް ނޫން!

އުމުރުން 18 އަހަރުގައި އަޑުގެ ޖާދޫ ދައްކައިގެން މުޅި ރާއްޖެ ފަތަހަކުރެވިފައި ވިޔަސް ލައިޝާގެ އެންމެ ބޮޑު ހުވަފެން އޮތީ ލަވަކިޔުމާ އަދި ވަރަށް ދުރުގަ އެވެ. އޭނާގެ އެ ހުވަފެނަކީ ޑޮކްޓަރަކަށްވުނެވެ. އެ ހުވަފެން ވެސް އާދައިގެ ޑޮކްޓަރެއްގެ ގޮނޑިއާ ހިސާބުން ނިންމާލަން އޭނާ ބޭނުމެއް ނުވެ އެވެ.

އޭނާގެ އުއްމީދަކީ ސާޖަން އަކަށްވުމެވެ.

"އެންމެ ކުޑައިރުއްސުރެން ފެށިގެން ވެސް. މާނަ އަކީ، އެމްބިޝަން އަކީ ކޮބައިތޯއޭ ސުވާލުކުރަން ފެށީއްސުރެ އަޅުގަނޑު ބުނަމުން އައީ ވާން ބޭނުންވަނީ ޑޮކްޓަރަކަށޭ. ކުރީގަ ސްކޫލަށް ދިޔައީމަ އަހާނެ، ވަޓްސް ޔުއާ އެމްބިޝަންއޭ. ދެން ބައެއް ކުދިން ބުނާނެ ލޯޔަރު، ޕައިލެޓް އެކަހަލަ ގޮތަކަށް ދާނީ. އެގޮތަށް ލައި އަށް ބުނެވިފައި އިންނަނީ ޑޮކްޓަރު އަބަދުވެސް،" ލައިޝާ ބުންޏެވެ.

"ޖޮބެއް ގޮތަކަށް ނޫން ޑޮކްޓަރުން އެ މަސައްކަތްކުރަނީކީއެއް. ބީން އަ ޑޮކްޓާ އިޒް އަ ލައިފްސްޓައިލް. ޔޫ ނެވާ ސްޓޮޕް ބީން އަ ޑޮކްޓާ. އަބަދުވެސް ޖޮބްގަ އުޅޭނީ ދޯ. އެހެންވީމަ އަޅުގަނޑަށް ހީވަނީ ވަރަށް ތަފާތުވާނެހެން. ޕްލަސް، ހެލްޕިން ސަމްވަން އެލްސް މޭކްސް މީ ހެޕީ."

"އެހެންވީމަ ޑޮކްޓަރަކަށްވީމަ (އެގޮތަށް މީހުންނަށް ވަރަށް ބޮޑަށް އެހީތެރިވެވޭނެ) ކަން ނޭނގެ. މިހާރު ވެސް އަޅުގަނޑު ގަބޫލުކުރާ ހިތްވަނީ އަޅުގަނޑަކީ މީހުންނަށް އެހީވާ އެހީތެރިވެދޭ މީހެއްގެ ގޮތުގައި."

ގަންސް އެންޑް ރޯސަސް އާއި މަންމަގެ އިންޑިއަން މަސާލާ!

މޯލްޑިވިއަން އައިޑޮލްގައި ލައިޝާ މަޝްހޫރުވެފައި މި ވަނީ ކޮންމެ ކަހަލަ ސްޓައިލެއްގެ ލަވައެއް ވެސް އޭގެ އެންމެ ފަރި ޗާލޫ ގޮތުގައި "ފަޅާލައިގެން" ކާލައިގެން ގިރާލައިގެން ބޯލާ ފެންވަރުގެ ލަވަކިޔުންތެރިއެއްގެ ގޮތުގަ އެވެ.

އޭގެ ސިއްރު ތިރީގައި މި އަންނަނީ އެވެ. އޭނާ ބޮޑުވީ މިއުޒިކާއި ލަވައިގެ ނިކަން ބޮޑު މަސާލާގަނޑެއްގެ ތެރެއަށެވެ.

"އެންމެ ކުޑައިރު ވެސް ގޭތެރެއިން އިވޭނެ ލަވައިގެ އަޑު. އޭރު އެންމެ ހިނގާނީ ގަންސް އެންޑް ރޯޒަސް، މެޓަލިކާ ނުވަތަ މެގަޑެޓު ފަދަ ބޭންޑްތަކުގެ ލަވަތައް،" ލައިޝާ ކިޔައިދިނެވެ.

"އޭރު ގޭތެރޭގައި އިވެނީ އިނގިރޭސި ލަވަ ބޮޑަށް. ކުޑައިރު ބޮޑަށް އިވެނީ ރޮކް ބޭންޑްތަކުގެ ލަވަތައް. އެކަމަކު އަޅުގަނޑުގެ މަންމަ އަކީ އެ ވައްތަރުގެ މިއުޒިކާއި ލަވައާ މުޅިން ތަފާތު މީހެއް. މަންމަ އަށް ކަމުދާނީ ހިންދީ ލަވަ. ސޯނޫ ސިގަމް އާއި ޝާންމެން ކަހަލަ ލަވަކިޔުންތެރިންގެ ލަވަތައް."

"އަސްލު ތެދުތެދަށް ބުނަނީ ނަމަ އަޅުގަނޑަކަށް ވަރަށް ނޭނގޭނެ ދިވެހި ލަވަ ވެސް. ދެން ބޮޑަށް ކިޔާ ހިތްވަނީ ވެސް އަދި މީހުން ބުނަނީ ވެސް، ރީތީ ވެސް ވެސްޓާން ސްޓައިލްގެ ލަވަތައް. ދެން މަންމަގެ (އިންޓްރެސްޓް) ހިންދީ ލަވައަށް އިންނާތީ ހިންދީ ލަވަ ވެސް ކިޔާހިތްވޭ. އެކަމަކު ބޮޑަށް ކިޔާހިތްވަނީ އިނގްލިޝް ލަވަ."

ކުޑައިރު އިވުނު މިއުޒިކްގެ ވައްތަރުތަކުން މިފަދަ މަސްހުނިގަނޑެއް މޮޑެވިފައި އޮތުމަކީ މޯލްޑިވިއަން އައިޑޮލްގައި ވާދަކުރާއިރު ލައިޝާގެ ކިބައިން ވެސްޓާން ސްޓައިލާއި އިންޑިއަން ކްލެސިކަލްގެ ރަހަ ވެސް ފެންނަ ކަމެއް ކަމަށް ވެދާނެ އެވެ. ލައިޝާ އަށް ވެސް ބޮޑަށް ގަބޫލުކުރެވެނީ އެހެންނެވެ.

ލަވަކިޔުމުގެ އިތުރުން ލައިޝާ އަކީ މިއުޒިކްގެ ބައެއް އިންސްޓްރުމެންޓްތަކަށް ވެސް ފަރިތަ ހުނަރުވެރިއެކެވެ. އެގޮތުން ބޮޑުބެރާއި ޑްރަމްސް ވެސް ޖަހަ އެވެ. ޓްރަމްޕެޓް ވެސް ކުޅެ އެވެ.

ގިޓާ ކުޅެން ދަސްކުރީ އެމެރިކަން އައިޑޮލް އިން ވިދާލި ކްރިސް އެލެންގެ ހުނަރުވެރިކަން ފެނިގެންނެވެ.

"ގިޓާ ކުޅެން ދަސްކުރީ އެމެރިކަން އައިޑޮލްގައި ކްރިސް އެލެން އާއި އެޑަމް ލަމްބާޓާ އެކު ފެނުނު ފަހަރު. އަބަދުވެސް އެމެރިކަން އައިޑޮލް އާއި އިންޑިއަން އައިޑޮލް ފޮލޯކުރެވޭ. ހަމަ ގަވާއިދުން ބެލޭނެ،" ލައިޝާ ބުންޏެވެ.

"އޭރު ހިތަށް އަރާ އެކަހަލަ ޕްލެޓްފޯމެއް ރާއްޖޭގައި ވެސް އިންނަ ނަމައޭ. ވަރަށް އިންސްޕަޔާވޭ އެ ޝޯތައް ފެނުނީމަ ވެސް. އެހިސާބުންކަން ނޭނގެ ގިޓާކުޅެން ޝައުގުވެރިވީ ވެސް. ކްރިސް އެލެން އަބަދުވެސް ގިޓާ ކުޅެފައި ލަވަކިޔާތީވެ."

"އެހިސާބުން ގިޓާ ޖަހައި ލަވަކިޔަން ފެށުނީ. ދެން ހަމަ އެރޭ މަންމަ ކައިރީގައި ބުނެެފިން ގިޓާ ކުޅެން ބޭނުމޭ. ދެން ބައްޕަ އިއްބެއާ ވާހަކަ ދައްކާފަ ދެން އިއްބެ ފުރަތަމަ ގިޓާ ގަނެދިނީ. އެއީ ގްރެގް ބެނެޓް ގިޓައެއް. ފުރަތަމަ ކުޅުނު ލަވަ އަކީ ޗާލޭ. އެންމެ ފުރަތަމަ ދަސްކުރީ ސީ ކޯޑް."

އަނގަ ވަރަށް ގަދަ، ކިޔެވުމަށް ވެސް ވަރަށް ގަދަ!

މީހުން ބުނެ ވެސް އުޅެއެއް ނޫން ހެއްޔެވެ. އަނގަގަދަވި ވަރަކަށް އެމީހެއްގެ ވިސްނުމާއި އިލްމާއި ހިލްމު މުއްސަނދިވެ އެވެ. ލައިޝާ ޖުނައިދަކީ ދިރިހުރި މިސާލެކެވެ.

ކައިރީގައި ހުންނަ މީހާ ވަރުބަލިވެގެން ވެއްޓޭއިރު ވެސް އޭނާގެ ވާހަކައެއް ހުހެއްނުވާނެ އެވެ. އަނެއްކޮޅުން ދައްކާ ވާހަކަ ނުވަތަ އެތަޅާލާ އަނގަ ވެސް ނިކަން ބުއްދިވެރި އެވެ. ހަމަ ހުރެފައި އަނގަތަޅަނީކީއެއް ވެސް ނޫނެވެ.

ފާހަގަކޮށްލަން ޖެހެނީ މޯލްޑިވިއަން އައިޑޮލްއެއްގައި ވާދަކުރަމުން އަންނައިރު ލައިޝާއަކީ އޭގެ އެހެން ހުރިހާ ބައިވެރިންނާ ވެސް ނިކަން ތަފާތު ކުއްޖެއް ކަމެވެ. ޝޯގައި ޕާފޯމްކުރުމަށާއި ޕްރެކްޓިސްކުރުމަށް އޭނާ ވަގުތު ހުސްކުރަމުން އެ އަންނަނީ ކިޔެވުމަށް ވެސް ނިކަން ބޮޑު ސަމާލުކަމެއް ދީގެންނެވެ.

ގްރޭޑް ބާރައިގައި މިހާރު ކިޔަވަމުން އަންނަ ލައިޝާގެ ތައުލީމީ ކާމިޔާބީތައް ފޮތެއްގައި ލިޔެ ހުސްވާނެހެނެއް ވެސް ހީއެއް ނުވެ އެވެ. ސްކޫލް ލައިފް ކިހިނެތްތޯއޭ ސުވާލުކޮށްލުމުން އޭނާ ދިން ޖަވާބު ތިރީގައި މި އޮތީ އެވެ.

"މިހިސާބަށް އައިއިރު ވަރަށް ސަޅިއޭ ބުނެވޭނީ ކިޔެވުން. ޕްރައިމަރީގައި ސްކޫލްގެ އެކްޓިވިޓީ ކެޕްޓަން. އަމީނިއްޔާގައި އަޅުގަނޑަކީ ސްކޫލް ކެޕްޓަން. އޭރު އޯލެވެލް އިން ލިބުނީ ރާއްޖެ އިން ފަސްޓް ޕްލޭސް. އަށް މާއްދާ ހެދިއިރު ހަ މާއްދާ އިން އޭ ސްޓާ. ދެ މާއްދާ އިން އޭ ލިބުނީ. ދެން ސީއެޗްއެސްސީ އަށް އައިސް މިހާރު އަޅުގަނޑަކީ އަނެއްކާވެސް ގޭމްސް ކެޕްޓަން،" ލައިޝާ ކިޔައިދިނެވެ.

ފަހަރެއްގައި އޭނާގެ މި ހުރިހާ ކާމިޔާބީއެއްގެ ސިއްރަކީ ކަމެއްގައި ފެއިލްވެދާނެ ކަމަށް ގަންނަ ބިރާއި އެފަދަ ނާކާމިޔާބީއަކާ ކުރިމަތިނުލުމަށް އޭނާ ކުރާ ހިތްވަރާއި މަސައްކަތެވެ.

"އަޅުގަނޑަކީ ފެއިލްވެދާނެ ކަމަށް ވަރަށް ބިރު ގަންނަ މީހެއް. މިސާލަކަށް ލައިފްގައި ކަމެއްގައި ފެއިލްވެއްޖެ ނަމަ އެއީ އަޅުގަނޑު ބިރުގަންނަ ކަމެއް. އަބަދުވެސް އެ ކަމެއް ވާނެ ކަމަށް މަސައްކަތްކުރަނީ، ސަކްސީޑްވާން ކަމެއް ކުރަން ބޭނުންވަނީ،" ލައިޝާ ކިޔައިދިނެވެ.

އޭނާ ބުނީ އެންމެ ބޮޑު ސަމާލުކަމެއް ދޭ އެއްކަމަކީ ތަރުތީބު ކަމަށެވެ.

"އަޅުގަނޑަކީ ވަރަށް ތާވަލަކަށް ކަންތައް ކުރަން ޖެހޭ މީހެއް. އެހެން ނޫނިއްޔާމު ވަރަށް އުނދަގޫވާނެ. ބައެއް ކުދިން އުޅޭނެ މިސާލަކަށް މާދަމާ ޓެސްޓް އޮންނަ ނަމަ މިއަދު ކިޔަވާ ކުދިން. އެގޮތަކަށް އަޅުގަނޑަކަށް ނުވާނެ. މާ ބޮޑަށް ޕެނިކްވާނެ އެހެންވެއްޖެއްޔާމު،" ލައިޝާ ބުންޏެވެ.

މި ސަބަބާ ހެދި އޭނާގެ ލަވަކިޔުމާއި ކިޔެވުން ވަނީ ނިކަން ރަނގަޅު ތަރުތީބަކަށް ބަހާލައިފަ އެވެ. އެހެން ނަމަވެސް ލައިޝާ ބުނީ ކިޔަވަމުން ލަވަކިޔުމަށް މިވަރަށް މަސައްކަތްކުރަން ޖެހުމަކީ ވަރަށް ބޮޑަށް ވަރުބަލިކޮށްލާ ކަމެއް ކަމަށެވެ.

"ބުރައެއް ނޫން އެކަމަކު ވަރުބަލިވެފަ ހުންނަނީ އެޓް ދަ އެންޑް އޮފް ދަ ޑޭ. މިއީ އަސްލު ފުދޭވަރަކަށް ވަރުބަލިވާ ކަމެއް. ބައެއް މީހުންނަށް ހީވެދާނެ ލަވައެއް ކިޔާލާފައި މޮޅު ނޯޓެއް ކުޅެލާފައި ދަނީއޭ. އެކަމަކު އަސްލު މިއީ ވަރަށް ވަރުބަލިވާ ކަމެއް އަބަދު މިކަމުގެ ތެރޭގައި އުޅުމަކީ. މިސާލަކަށް ރިކޯޑިން އޮންނަ ދުވަސް ދުވަހު މުޅި ދުވަސް މިތަނުގައި މި އުޅެން ޖެހެނީ،" ލައިޝާ ބުންޏެވެ.

"ދެން ވަރުބަލިވެގެން ގެއަށް ގޮސްސަ ހިތަށް އަރާފާނެ މިރޭ ނިދާލާނީއޭ. ދެން ހިތަށް އަރާނީ މިރޭ ނިދައިފިއްޔާމު އެއީ އަނެއްކާވެސް ގެއްލޭ ވަގުތުތަކެކޭ. އެހެންވީމަ މިރޭ ކިޔަވާފައޭ ނިދާލާނީ ކޮންމެ ގޮތެއްވިޔަސް."

ކެޓިޔަސް ދެން ލަވަކިޔުން ހުއްޓައެއް ނުލާނަން!

"ގާލާ ރައުންޑުން ކަޓައިފިއްޔާ ... ކެޓީ. ދެން އިތުރު ކަމެއް އަނެއްހެނެއް ނީންނާނެ. ދެރަވާނީ. ވަރަށް ޑިސެޕޮއިންޓްވާނެ. އަޅުގަނޑަށް އެހާ ވަރަށް މަސައްކަތް ނުކުރެވުނީމަކަން ނޭނގެ ކަޓަންޏާމު ކަޓާނީ. އެހެންވީމަ އެ ގިލްޓް އިންނާނެ. ވަަރަށް ދެރަވާނެ. އެކަމަކު އެހެން ބައިވެރިން ވެސް ބުނާ ގޮތަށް މި ފީލްޑެއް ދޫކޮށެއް ނުލެވޭނެ ދެނެއް،" ލައިޝާ ބުންޏެވެ.

"މިހާރު މީހުންނަށް އެނގިއްޖެ. މިހިސާބަށް އާދެވިއްޖެ. މިހިސާބުން ކަޓާ އެއްވެސް ކުއްޖަކީ ބަލި ކުއްޖެއް ނޫން. އަދި މާ ބައިވަރު ފުރުސަތުތައް ލިބޭނެ."

"ކުރިން ވެސް އަޅުގަނޑު ބުނެފައި އިންނާނެ ބޭނުންވަނީ ސަކްސަސްފުލް މީހަކަށް ވާށޭ. ލައި ކަހަލަ މީހަކަށް ވާން ބޭނުންވެއޭ އެހެން މީހުން ބުނާ ތަން ބަލަންށޭ އެންމެ ބޭނުންވަނީ. އެހެންވީމަ އަޅުގަނޑަށް ހީވަނީ މިހާރު މި އުޅެވެނީ އެހިސާބަށް ދެވުމުގެ މަގުމަތީގަހެން. އަދި އެހިސާބަކަށް ނުދެވޭ. އިރާދަކުރެއްވިއްޔާ ދެވޭނެ."

އެހެންވީމަ މޯލްޑިވިއަން އައިޑޮލް ކާމިޔާބުކުރެވިއްޖެ ނަމަ ލައިޝާ ހަދާނީ ކިހިނެތް ހެއްޔެވެ؟

"މި ދާއިރާގައި ކުރިއަށް ދަންޏާމު އަޅުގަނޑު ބޭނުންވަނީ އިންޓަނޭޝަނަލް ވެލަން ކުޑަކޮށް. އިންޑިއާގައި ނަމަވެސް. ދިވެހި ރާއްޖޭގައި އަދި ކަންތައް ހުރި ގޮތުން ނެތް ފުރުސަތުތަކެއް. އިންޓަނޭޝަނަލީ މީހުން ބަލައިގަންނަ ކަހަލަ އާޓިސްޓަކަށްވުން އެންމެ ބޮޑު ޑްރީމަކީ މިއުޒިކްގައި. ރާއްޖޭގެ ހާލަތު ހުރި ގޮތުން ހީއެއް ނުވޭ އެހާ އަވަހަކަށް އެހިސާބަށް ދެވިދާނެ ކަމަށް،" ލައިޝާ ބުންޏެވެ.

"ފައިސާގެ އިނާމު ލިބިއްޖެ ނަމަ ކުރަން ބޭނުންވަނީ މިއުޒިކާ ނުގުޅޭ ކަމެއް އަސްލު. މިހާރު މި މަސައްކަތްކުރަނީ ރައީސްގެ ސްކޮލާޝިޕަށް. އެއީ މެޑިސިން ކިޔެވުމަކީ ފުދޭވަރަކަށް ލާރި ޚަރަދުވާ ކަމެއް. ޕާސަނަލީ އަޅުގަނޑު ބޭނުމެއް ނުވޭ ލޯނެއް ނަގައިގެން ކިޔަވަން ދާކަށް. ބޮޑު ދަރަންޏެއް ބޮލުގައި އަޅައިގެން ދާކަށް."

"އަޅުގަނޑަށް ހީވަނީ މޯލްޑިވިއަން އައިޑޮލް ކާމިޔާބުވެއްޖެ ނަމަ އެ ފައިސާ ހޭދަކުރެވޭނީ ކިޔެވުމަށް ހެން."

ނިންމާލަމުން ލައިޝާ ބުނީ ކުރިއަށް އޮތް ގާލާ ރައުންޑުގައި އޭނާ ހުށަހަޅައިދޭ ލަވަ އަނެއްކާވެސް ތަފާތުވާނެ ކަމަށެވެ.

"މިހާރު މިކިޔަން އުޅޭ ލަވަ އަކީ އަޅުގަނޑަށް އެންމެ ބޮޑަށް މަސައްކަތްކުރެވޭ ލަވަ. ވަރަށް ތަފާތު ލަވައެއް. އެކަމަކު ލައި ނުކިޔާ ވައްތަރެއް ނޫން. މި ލަވަ ބޭނުންވާ ގޮތަށް ޑެލިވާކޮށްދެވިއްޖެއްޔާމު އިރާދަކުރެއްވިއްޔާ ކުރިއަށް ދެވޭނެހެން ހީވަނީ. ދެން އޮބްވިއަސްލީ މަސައްކަތް އެބަކުރެވޭ ވަރަށް ބޮޑަށް. ސްކޫލް ނިންމާލާފަ އަންނަ ގޮތަށް މުޅި ދުވަހު މިތާނގަ މި އުޅެވެނީ."

** **

އެޑިޓަރުގެ ނޯޓް:
މޯލްޑިވިއަން އައިޑޮލްގެ ގާލާ ރައުންޑަށް ހޮވިފައިވާ އަދި ހޮވޭ ހުރިހާ ކުދިންގެ ވާހަކަ މިގޮތަށް އަވަސްގައި ފީޗާކުރެވޭނެ ވާހަކަ ކިޔުންތެރިންނާއި ބައިވެރިންގެ ފޭނުންގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ.