ބޮލީވުޑް

28 އަހަރު ފަހުން ޝާހްރުކަށް ޑިގްރީ ލިބިއްޖެ

Feb 17, 2016
1

މިއަހަރުގައި ނިކުންނަ ޝާހްރުކް ޚާންގެ ފުރަތަމަ ފިލްމު، "ފޭން"ގެ އެންތަމް ލަވަ ރިލީޒްކުރުމުގެ ހަފްލާ އިއްޔެ ބާއްވާފައިވަނީ ޝާހްރުކްގެ ކޮލެޖް ކަމަށްވާ ވެރިރަށް ދިއްލީގައި ހުންނަ ހަންސްރާޖް ކޮލެޖްގަ އެވެ.

ހަންސްރާޖް ކޮލެޖްގައި މިލަވަ ރިލީޒްކުރުމުގެ އިތުރުން އިއްޔެއަކީ ޝާހްރުކް އަށް ވަރަށް ހާއްސަ ދުވަހެކެވެ. މިކޮލެޖުން އޭނާ ގްރެޖުއޭޓް ވިތާ 28 އަހަރު ފަހުން އިއްޔެ ވަނީ ގްރެޖުއޭޝަން ޑިގްރީ ވެސް އޭނާއާ ހަވާލުކޮށްފަ އެވެ.

ނަވާރަސަތޭކަ އަށްޑިހަ އަށްވަނަ އަހަރު އެކޮލެޖުގައި އިކޮނޮމިކްސް އިން ބީއޭ ނިންމާލުމަށްފަހު ޑިގްރީ ސެޓްފިކެޓާއި މިހާތަނަށް ވެސް ޝާހްރުކް ހަވާލުވެފައެއް ނުވެ އެވެ.

ޑިގްރީ ސެޓްފިކެޓް ޝާހްރުކާއި ހަވާލުކުރަމުން އެކޮލެޖުގެ ޕްރިންސިޕަލް ރަމާ ޝަރްމާ ވަނީ މިހާ ގިނަ އަހަރުތައް ފަހުން ޝާހްރުކާ އޭނާ މިކޮލެޖުން ގްރެޖުއޭޓްވި ޑިގްރީ ހަވާލުކުރުމަކީ އެކޮލެޖަށް ލިބުނު ބޮޑު އުފަލެއް ކަމަށާއި މިއޮތްހާ އަހަރުތައް ވަންދެން ވެސް އެމީހުން ވަނީ އޭނާގެ ޑިގްރީ އެކޮލެޖުގައި ރައްކާތެރިކަމާއެކު ބާއްވާފައި ކަމަށެވެ.

"މުޅި މިކޮލެޖުވެސް އަހަރުމެންގެ ސުޕަސްޓާ ދަރިވަރާއި މެދު ފަހުރުވެރިވޭ" ޝަރްމާ ބުނެފައިވެ އެވެ.

ޑިގްރީ އާއި ހަވާލުވުމަށްފަހު ވާހަކަދައްކަމުން ޝާހްރުކް ވަނީ 1988 ވަނަ އަހަރު އޭނާ އެކޮލެޖް ދޫކޮށް ދިޔަތާ 28 އަހަރު ފަހުން އަނެއްކާ އެކޮލަޖަށް އައުމުން އެތަނުގައި ހޭދަކޮށްފައިވާ ވަރަށް ގިނަ ކަންތައްތަކެއްގެ މަތިން ހަންދާން އާވެއްޖެ ކަމަށެވެ. އަދި އޭނާ ޑިގްރީއާ ހަވާލުވިއިރު ބޭނުންވީ އޭނާގެ ތިން ދަރިން ކަމަށްވާ އާރިޔަން، ސުހާނާ އާއި އަބްރާމް ގޮވައިގެން އައިސް އެތިން ކުދިންނަށް އޭނާ ކިޔެވި ކޮލެޖް ދައްކާލަން ކަމަށެވެ.

'މިހާ ގިނަ އަހަރުތަކެއް ފަހުން ޒުވާން އުމުރުގައި ގިނަ ވަގުތުތަކެއް ހޭދަކޮށްފައިވާ ތަނަށް އާދެވުމުން ކުރެވޭ އިހްސާސް ބުނެދޭކަށް ނޭނގޭ" ޝާހްރުކް ބުނެފައިވެ އެވެ.

އިއްޔެ ރިލީޒްކުރި "ފޭން"ގެ ޖަބްރާ ލަވަ އަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. މިލަވައިން ޝާހްރުކާ ހެދި އޭނާގެ ފޭނުން މޮޔަވާވަރު ފެނިގެންދެ އެވެ.

މަނީޝް ޝަރްމާ ޑައިރެކްޓްކޮށް، ޔާޝް ރާޖްސް އން ޕްރޮޑިއުސްކޮށްފައިވާ މިފިލްމުގައި ޝާހްރުކް ފެނިގެންދާނީ ޑަބަލް ރޯލުންނެވެ. އެއީ ސުޕަސްޓާރެއްގެ ރޯލުންނާއި އޭނާއާ އެއްސިފައެއް ލިބިފައިވާ ފޭނެއްގެ ރޯލުންނެވެ. މިފިލްމުގައި ސުޕަސްޓާރާއި އޭނާއާ އެއްސިފައެއްގައި ހުންނަ ފޭނާ ދެމެދު ހިނގާ ކަންތައްތަކެއް ފެނިގެންދާނެ އެވެ.

"ފޭން" ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އެޕްރީލް މަހުގެ 15 ވަނަ ދުވަހު އެވެ.