ޓްވިޓާ

ކުރުސީ އެނބުރި ޓްވިޓާއަށް

ޓްވިޓާ -- އެކްސް އިން ސަސްޕެންޑްކުރިތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި ހަސަން ކުރުސީ އެނބުރި ޓްވިޓާއަށް އަތުވެއްޖެ އެވެ.

އެނބުރި ޓްވިޓާއަށް އައިސް ހަސަން ކުރުސީ ބުނީ "ފުލް ޕާމަނަންޓް ބޭން" އަކުން "ފުލް ރެސްޓޮރޭޝަން" އަކަށް އައިސްފައިވާ ކަމަށެވެ.

އެ އެކައުންޓްގެ ސަސްޕެންޝަން އުވާލާފައިވަނީ އެކައުންޓް ސަސްޕެންޑްކުރުމުން އެކަން ރިވިއުކުރުމަށް "ހަސަން ކުރުސީ" ޓްވިޓާގައި އެދުމުން ޓްވިޓާގެ ޓީމުންނެވެ.

ހަސަން ކުރުސީގެ ޓްވިޓާ އެކައުންޓް ސަސްޕެންޑްކުރި ސަބަބެއްގެ ގޮތުގައި ޓްވިޓާއިން ފާހަގަކުރީ ޓްވިޓާގެ އުސޫލުތަކާއި ހިލާފުވެފައިވުމެވެ.

އެކައުންޓްގެ ސަސްޕެންޝަން އުވާލައި ޓްވިޓާއިން ބުނީ ޓްވިޓާއަށް ގޯހެއް ހެދިއްޖެ ކަމަށާއި ކުރުސީގެ އެކައުންޓުން ޓްވިޓާގެ އުސޫލުތަކާ ހިލާފުވާ ކަމެއް ކޮށްފައިނުވާ ކަމަށް ކަނޑައަޅާ ކަމަށެވެ.

ޓްވިޓާއިން ވަނީ އެކައުންޓް ސަސްޕެންޑް ކުރެވުމުން އެކަމަށް މައާފަށްވެސް އެދިފަ އެވެ.

އެނބުރި ޓްވިޓާއަށް އައިސް ކުރުސީ ވަނީ މީގެ ކުރިން އެކި ފަހަރު އެކައުންޓް ވަގުތުކޮޅަކަށް ބޭނުންނުކުރެވޭ ގޮތް ހެދިކަން ފާހަގަކޮށްފަ އެވެ. މިއީ ދާއިމީކޮށް ފިޔަވަޅެއް އެޅި ފުރަތަމަ ފަހަރު ކަމަށްވެސް ކުރުސީ ވަނީ ބުނެފަ އެވެ.

"ހަސަން ކުރުސީ" ގެ ނަމުގައި އެ އެކައުންޓް ހިންގާ މީހެއް ހޯދަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފުލުހުންނަށްވެސް ހުށަހެޅި އެވެ. އެ އެކައުންޓް ހިންގަނީ ކާކުކަން ހޯދަން ފުލުހުން ވަނީ ކްރިމިނަލް ކޯޓުން އަމުރެއްވެސް ހޯދާފަ އެވެ.

ހަސަން ކުރުސީގެ ނަމުގައި ހިންގާ ޓްވިޓާ އެކައުންޓަކީ ރައީސް ނަޝީދު ހިންގާ އެކައުންޓެއް ކަމަށް އެތައް ބަޔަކު އެމަނިކުފާނަށް ކުރާ ތުހުމަތާ ގުޅިގެން އެ އެކައުންޓްގެ ވެރިފަރާތް ހޯދުމަށް ރައީސް ނަޝީދު، ފުލުހުންނަށް މައްސަލަ ހުށަހެޅުއްވީ މިދިޔަ އޭޕްރީލް 17 ވަނަ ދުވަހު އެވެ.

އެ އެކައުންޓުން ގެންދަނީ އެތައް ބަޔަކާ ޒާތީ ގޮތުން ދިމާކޮށް ދައުލަތުގެ މުހިއްމު ބައެއް ސިއްރު މައުލޫމާތުވެސް ހާމަކުރަމުންނެވެ.