މާލެ ސިޓީ ކައުންސިލްގެ މައްޗަށްގޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު ޒަމީރު ޕީޕީއެމް އަށް ސޮއި ކުރައްވައިފި އެވެ.
ކައުންސިލަރަކަށް ޒަމީރު އިންތިިހާބުވީ އެމްޑީޕީގެ ޓިކެޓު ގައެވެ. މިއީ އޭނާ ކައުންސިލަރަކަށް ހުންނަވާ ތިންވަނަ ދައުރެވެ.
ޒަމީރު ވިދާޅުވި ގޮތުގައި އޭނާ ޕީޕީއެމްއަށް ސޮއި ކުރެއްވީ މާލޭގެ މޭޔަރުކަމުގައި ޑރ. މުއިއްޒުގެ ގާބިލްކަމާއި ރޭވުންތެރިކަން ފެނި ރިޔާސީ އިންތިހާބުވެސް ކާމިޔާބު ކުރެވިއްޖެނަމަ ނަތީޖާ ނެރެދެއްވާނެތީ އެވެ.
އެމްޑީޕީގެ ތެރޭގައި މިއަހަރުގެ ކުރީކޮޅު އުފެދުނު ބޮޑު ހިޔާލުތަފާތުވުމަށްފަހު ޒަމީރު ފެނުނީ ރައީސް މުހައްމަދު ނަޝީދު ފަޅީގައި ހުންނަވައިގެން ނަޝީދުއާ އެކު މަސައްކަތް ކުރެއްވި ތަނެވެ. ނަމަވެސް މިފަހުން އޭނާ ވަނީ ސިޔާސީ މަސައްކަތްތަކުން ވަރަށް ބޮޑަށް އެއްފަރާތްވެފަ އެވެ.
ޒަމީރު މީގެކުރިން ވަނީ މާލެ ސިޓީ ކައުންސިލްގެ މިދައުރުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ކައުންސިލަށް އެއްބާރުލުން ނުދޭ ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ސަރުކާރަށް ފާޑުވެސް ވިދާޅުވެފަ އެވެ.
މާލޭގެ މޭޔަރާ އެކު މާލެ ސިޓީ ކައުންސިލްގައި 19 ކައުންސިލަރުން ތިއްބަވާއިރު ޒަމީރު މިއަދު ޕީޕީއެމްއަށް ކުރެއްވި ސޮޔާ އެކު ޕީޕީއެމްގެ ކައުންސިލަރުންގެ އަދަދު ވަނީ 10 އަށް އިތުރުވެފަ އެވެ.