ހައިކޯޓް

އިންތިހާބީ ޝަކުވާތައް ހުށަހަޅަން ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިފި

ރިޔާސީ އިންތިހާބާ ގުޅޭ ޝަކުވާތައް ހުށަހަޅަން ފަސޭހަކުރުމުގެ ގޮތުން ފިޔަވަޅުތަކެއް އެޅުމަށް ހައިކޯޓުން ނިންމައިިފި އެވެ.

އިންތިހާބުތަކާއި ބެހޭ އާންމު ގާނޫނުގެ ދަށުން އިންތިހާބީ ޝަކުވާގެ މައްސަލަތައް ފުރަތަމަ މަރުހަލާގައި ބެލުމުގެ އިހްތިސޯސް ލިބިގެންވަނީ ހައިކޯޓަށެވެ. އެހެންކަމުން އިންތިހާބީ ޝަކުވާގެ މައްސަލަތައް ހުށަހެޅުމަށް ބޭނުންވާ މީހުންނަށް އެކަން ފަސޭހައިން ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ފިޔަވަޅުތަކެއް އެޅުމަށް ހައިކޯޓުން ވަނީ ނިންމާފަ އެވެ.

އެގޮތުން މި މަހުގެ ނުވަވަނަ ދުވަހާއި 10 ވަނަ ދުވަހުގެ ހެނދުނު 9:00 އިން ރޭގަނޑު 10:00 އަށް ހައިކޯޓުގެ ކައުންޓަރު ހުޅުވާފައި ބެހެއްޓުމަށް އެ ކޯޓުން ވަނީ ނިންމާފަ އެވެ. އަދި މި މަހުގެ 11 އިން ފެށިގެން އިންތިހާބީ ޝަކުވާގެ މައްސަލަ ހުށަހެޅުމަށް އޮތް މުއްދަތު ހަމަވާންދެން، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރުފަހު 3:00 އަށް އަދި ރޭގަނޑު 8:00 އިން 11:00 އަށް ހައިކޯޓުގެ ކައުންޓަރު ހުޅުވާފައި ބަހައްޓާނެ ކަމަށްވެސް ބުނެފައިވެ އެވެ.

މީގެ އިތުރުން އިންތިހާބީ ޝަކުވާތައް އޮންލައިންކޮށް ހުށަޅުމުގެ މަގުފަހިކޮށްދިނުމުގެ ގޮތުން ހައި ކޯޓުގެ އީމެއިލް [email protected] އަށް އީމެއިލް ކުރެވޭ ގޮތްވެސް ވަނީ ހަމަޖައްސާފަ އެވެ.

ހައިކޯޓު ހުޅުވާފައި ހުންނަ ރަސްމީ ގަޑި ފިޔަވައި އެހެން ގަޑިއެއްގައި މައްސަލައެއް ހުށަހަޅާ ނަމަ، ނުވަތަ މައުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ ހައިކޯޓުގެ ފޯނު ނަންބަރަށް 7902206 ގުޅައިގެން އެކަން ކުރެވޭނެ ކަމަށް ވެސް ކޯޓުން ވަނީ ބުނެފަ އެވެ.

އިންތިހާބީ މައްސަލަތައް ހައިކޯޓަށް ހުށަހެޅުމަށް ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތަކީ އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރާ ދުވަހުން ފެށިގެން 14 ދުވަހެވެ. މިމުއްދަތު ގުނާނީ ބަންދު ދުވަސްތައް ހިމަނައިގެންނެވެ. އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރާ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އިންތިހާބީ ހުރިހާ މައްސަލައެއް ބަލާ ނިންމަން ޖެހެއެވެ.