( 5 ސެޕްޓެމްބަރ 2023 އާ ގުޅޭ )
އަހަރެން ފައިސަލްއަށް ބަލާލީމެވެ. ނުހެލާނޭކަން ޝިފާލީ ބުންޏަސް އަހަރެންނަށް އުޅެވުނީ ސިއްރުންނެވެ. ފައިސަލްގެ ގައިމަތިން ހުރަސްކޮށް އެނދުން ފޭބީމެވެ. ސިއްރުކޮޓަރިއަށް ވަދެވެން ހުރި ބިތާ ދިމާއަށް އައީމެވެ. އެ ދޮރު އަހަރެންނަށް ހުޅުވުނީ ޝިފާލީގެ އެހީގައެވެ. އެތަނަށް ވަދެވުމާއެކު އަހަރެން ހޮޅިބުރިތައް ދިއްލާލީމެވެ. ހަލުވިކޮށް އައިސް މޭޒުދޮށުގައި އިށީނދެ ކޮމްޕިއުޓަރު ހުޅުވާލީމެވެ.
"ޕާސްވޯޑެއް" ޖަހަން ނުޖެހި އިސްކުރީނު ހުޅުވުނެވެ. އަހަރެންގެ ނަން ޖަހާލުމާއެކު ހޯދަންފެށީމެވެ. އަހަރެންގެ ނަމުގައި ރައްކާކޮށްފައި ހުރި ހުރިހާ ފައިލެއް ހޯދުމުގެ މަޤްޞަދުގައެވެ. ގިނައިރެއް ނުނެގިއެވެ. އަހަރެންގެ ނަމުގައި ހުރި ހުރިހާ ފައިލެއް ލޯޑުވެއްޖެއެވެ. މުޅީން ވެސް ހުރީ ވީޑިއޯއެވެ. އަހަރެންގެ ނަމުގައި ހަދާފައިވާ ފޯލްޑަރެއްގެ ތެރޭގައެވެ. ކޮންމެ ވީޑިއޯއެއްގައި ތާރީޚު ޖަހާފައި ހުރިއިރު ވީޑިއޯ ފައިލްތައް ތަރުތީބު ކުރެވިފައިވީ އެ ތާރީޚުގެ މައްޗަށެވެ.
ކޮމްޕިއުޓަރުގައި ހުރި އެއްވެސް ފައިލެއް ލޮކެއް ނުކުރެއެވެ. އެ ކޮޓަރިއަށް މީހަކަށް ނުވަދެވޭނޭކަން ފައިސަލްއަށް ޔަގީންވާތީ އެހިސާބަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން އޭނާއަށް މުހިންމު ނުވީ ކަންނޭނގެއެވެ. އަނުމް ގެއްލުނުތާ ފަސް އަހަރު ވެފައިވާއިރު ޝިފާލީ ގެއްލުނީ ތިން އަހަރު ކުރީންނެވެ. މި ދެ އަންހެން ކުދީން ގެއްލުވާލީ ފައިސަލްކަން އަހަރެންނަށް ޔަގީނެވެ. އެތައް އަހަރެއް މިކަމުގައި ފާއިތުވެފައިވާއިރު މިފަދަ ގޮތަކަށް ކަންކަން ފަޅާ އަރާފާނޭ ފައިސަލް ހިޔެއްނުކުރާނެއެވެ. މި ހުރިހާ އަހަރު އޭނާ މިކަމެއް ކުރާކަމުގެ ހިލަމެއް ވެސް މީހަކަށް ވެފައި ނެތެވެ. އަމިއްލަ ނަފްސުގެ މައްޗަށް އޮތް ޔަގީންކަން ފައިސަލްއަށް ބޮޑީއެވެ.
"އަހަރެން ޝިފާލީގެ އެއްވެސް ފައިލެއްގައި އަތެއްނުލާނަން. ޝިފާލީއާ ބެހޭ ކޮންމެ މަޢުލޫމާތެއް ފުލުހުންނަށް މުހިންމުވާނެ." އަހަރެން ކުރާ ކަމެއް ބަލަން ހުރި ޝިފާލީގެ މަހުލޫގަށް ބުނީމެވެ. އޭނާ ވަކި އެއްޗެއް ނުބުންޏެވެ. މަޑުމަޑުން ދުރަށް ޖެހިލައި އެ ކޮޓަރިތެރެއަށް އޭނާ ބަލަންފެށީއެވެ.
ވީޑިއޯތައް ފުހެލުމުގެ ކުރީން ކޮންމެ ވީޑިއޯއެއް ހުޅުވީމެވެ. އަހަރެން ގެސްޓްހައުސްއަށް އައި ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ ވީޑިއޯ އެބަހުއްޓެވެ. ކެމެރާ ހަރުކޮށްފައި ހުރީ ކޮޓަރީގައާއި ފާޚާނާގައިކަން އެ ވީޑިއޯތަކުން އަހަރެންނަށް ވެސް ދެނެގަންނަން އެނގެއެވެ. އަދި ވީޑިއޯތަކުން މަންޒަރުތައް ފެންނަން ހުރި "އޭންގަލް"ގެ ސަބަބުން ކެމެރާ ހުރީ ކޮންކޮން ތަނެއްގައިކަން ވެސް އަހަރެންނަށް ޔަގީންވެއްޖެއެވެ. އެއީ ޝިފާލީ ވެސް ކެމެރާ ހުރި ކަމަށްބުނި ތަންތަނެވެ. އަހަރެން ގެސްޓްހައުސްގައި ނެތް ދުވަސްތަކުގެ ވީޑިއޯ ވެސް ހުއްޓެވެ. ވީޑިއޯ ކުރުމުގައި ފައިސަލް އެންމެ ދުވަހެއް ވެސް ވައްޓާލާފައި ނެތްކަން ފާހަގަވެއެވެ. ހުރިހާ ވީޑިއޯއެއް އެއްކޮށް ބަލަން އިންނާނޭ ވަގުތެއް އަހަރެންނަކަށް ނެތެވެ. ފައިސަލް އަހަރެން ނިންދަވާލަން ގަސްދުކޮށް ކޮފީއަށް އެޅި އެއްޗެއްގެ އަސަރު ކެނޑޭނީ ކޮންއިރަކުންކަމެއް އަހަރެންނަކަށް ނޭނގެއެވެ. އޭނާއަށް ހިލަމެއްވެއްޖެނަމަ ދުވަސްދިޔައީކަން އަހަރެންނަށް އެނގެއެވެ. އަދި މި ފުރުޞަތަކީ ދެން އަހަރެންނަށް ލިބޭނެ ފުރުޞަތެއް ނޫނެވެ. އަހަރެންނާއި ފައިސަލްއާއެކީ ހުރި ވީޑިއޯތަކަށް ޚާއްޞަ ސަމާލުކަމެއް ދިނީމެވެ. ހުރިހާ ވީޑިއަކާއި ފޯލްޑަރު ވެސް ފުހެލީމެވެ. އަދި ކޮމްޕިއުޓަރުގެ އެހެން ތަނެއްގައި އެ ފައިލްތައް ހުރިތޯ ޔަގީންކުރީމެވެ. މުޅި ކޮމްޕިއުޓަރުން އަހަރެން ބޭނުންވީ ހުރިހާ އެއްޗެއް ފުހެވިއްޖެކަން ޔަގީންވުމުން އެ ނިވާލާފައި ގޮނޑިން ތެދުވީމެވެ.
* * * * *
ފައިސަލް ފުރޮޅިލުމާއެކު އުއްޑުން ޖެހިލިއެވެ. އަހަރެންގެ ބޯދަށުން އޭނާގެ ވައަތް ދަމާލާފައި އެ އަތް މައްޗަށް ތެދުވެލިއެވެ. އޭނާ އަހަރެންގެ މޫނަށް ބަލަނީކަން ގައިމެވެ. ދެ ލޯ މަރާލައިގެން އޮތެއްކަމަކު އަހަރެންނަށް އޮތީ ހޭލެވިފައެވެ. ރަނގަޅަށް ހަމަނިދި ނުލިބުނެވެ. ފައިސަލް ކިރިޔާ ހަރަކާތެއްކޮށްލިޔަސް އަހަރެންނަށް ހޭލެވެނީއެވެ. ނަމަވެސް އަހަރެން ހޭލާ އޮތްކަން އަންގަން ބޭނުންނުވީއެވެ.
"ގުޑް މޯނިން." އަހަރެންގެ ނިތްކުރީގައި ބޮސްދެމުން ފައިސަލް ބުންޏެވެ.
"ހެނދުނުވީތަ." ލޯ ހުޅުވާލުމުގެ ބަދަލުގައި ފައިސަލްގެ މޭގައި ބޮނޑިވެލަމުން އަހަރެން އަހާލީމެވެ. އަހަރެން އޮތީ ނިދީގައިކަން ބުނެދޭން ބޭނުންވީއެވެ.
"އިރުއަރައި އަލިވެސް ވެއްޖެ. އަދި މިހާ ގަދައަކަށް ނުނިދޭ." އަހަރެންގެ އިސްތަށިގަނޑާ ކުޅެމުން ފައިސަލް ވާހަކަދެއްކިއެވެ. އަހަރެން އެއްވެސް އެއްޗެއް ނުބުނަމެވެ. ރޭ އަހަރެންނަށް ދޭން އުޅުނު ކޮފީތަށި ބުއި ފައިސަލްކަން އެނގިއްޖެނަމަ ވާނީ ކިހިނެއް ހެއްޔެވެ.
"ދެން ހިނގާ ތެދުވަން." ފައިސަލް ބުންޏެވެ.
އަހަރެން ހޫން ލައްވާލާފައި ވެސް އޮތީއެވެ. ފެންވަރައިގެން ނުކުންނަންދެން ނިދާލާށޭ ބުނެ ފައިސަލް އެނދުން ތެދުވެގެން ފާޚާނާއަށް ގޮސް ވަނެވެ. އަހަރެން ތެދުވީ ދެނެވެ. އުނަގަނޑުގައި ރަޖާ އޮޅާލައިގެން އައިސް ބޭރަށް ނުކުންނަން ހުރި ދޮރު ހުޅުވާލީމެވެ. ހަށިފުރާ ފުންނޭވާއެއް ލީ އަހަރެން އުންމީދުކުރި ކަންތައް ހާސިލުވީމައެވެ. އެހެން ހުއްޓާ ބަޔަކު ވާހަކަދައްކާ އަޑު ދުރުން އިވުނެވެ. އަހަރެން ބޭރަށް ނުކުމެ ލަކުޑި ރެއިލިންގް ކައިރީ މަޑުކޮށްލީމެވެ. ބަޔަކު ނުފެނުނަސް އަދި އެމީހުން ދައްކާ ވާހަކަ ސާފުވާވަރު ނުވިޔަސް އެމީހުން އެ ދަނީ އަތިރިމައްޗާ ދިމާއަށްކަން ޔަގީނެވެ.
"ކޮންމެވެސް ބަޔަކު އެބައުޅޭ." ދޮރުކައިރިޔަށް ފައިސަލް ނުކުތުމާއެކު އަހަރެން ބުނީމެވެ. ފައިސަލް ދިރިއުޅޭ ބައިގެ ދޮރު ލައްޕާލުމާއެކު އޭނާ އަހަރެން ގޮވައިގެން އައިސް ވަނީ ގެސްޓްހައުސް ހިންގާ އިމާރާތުގެ ތެރެއަށެވެ. އަހަރެން ކައިރީ ކޮޓަރިއަށް ދާން ބުނެފައި އޭނާ އެނބުރިލީ ބޭރަށް ދާށެވެ. ކޮޓަރިއަށް ނުގޮސް އަހަރެން އައީ ފައިސަލް ކުރަން އުޅޭ ކަމެއް ބަލާށެވެ. އޭނާ ހަރުކޮށް ހިނގާފައި ގަސްކަރައާ ދިމާއަށް ދިޔައެވެ. ދެން ފެނުނީ އަތިރިމައްޗަށް ފައިބާތީއެވެ.
"ފެނުނުތަ؟." ފައިސަލް އެނބުރި އައުމުން އަހަރެން އަހާލީމެވެ.
"ކޮޓަރިއަށް ނުދަންތަ." ފައިސަލް ބުންޏެވެ.
"ބަޔަކު އެބައުޅޭ ދޯ." އަހަރެން އަނެއްކާވެސް އަހާލީމެވެ.
"މިދިމާ މޫދަށް އެރެން އައިސް އުޅޭބައެއް." ފައިސަލް ބުންޏެވެ.
"އަހަންނަށް ކަމެއް ކޮށްދީފާނަންތަ؟." އެނބުރި ކޮޓަރިއަށް ދިއުމުގެ ބަދަލުގައި އަހަރެން ބުނީމެވެ.
"ކޮންކަމެއް." ފައިސަލް ނިކަން އަވަހަށް އަހާލިއެވެ.
"އަހަރެން ބޭނުންވަނީ ކޮޓަރި ބަދަލުކުރަން." އަހަރެން ބުނީމެވެ. ރޭ ހަތަރުދަމުހެން އަހަރެން ވިސްނީ އެކަމާއެވެ. ހުރިހާ ވީޑިއޯތަކެއް ފުހެލުމަށްފަހު އަލުން ވީޑިއޯއެއް ފައިސަލްއަށް ނުލިބޭނެ ގޮތަކީ އަހަރެން ހުންނަ ކޮޓަރި ބަދަލުކުރުމެވެ. އެކަމަކު އަހަރެން ހާސްވެ ޖެހިލުންވަނީ ފައިސަލް އެކަން ނަގައިގަންނާނޭ ގޮތެކެވެ.
"މިހާރު ހުރި ކޮޓަރި ކިހިނެއްވީ. އާނަ ބުނީމަ ޓީވީ ވެސް ލައިދީފަ އެ ހުރީ." ފައިސަލް ބުންޏެވެ.
"ފަޒީލު އެ ވާހަކައެއް ދެއްކިފަހުން އެތާ ހުންނަ ހިތް ނުވީ." އަހަރެން ގަސްދުގައި ފަޒީލުގެ ބޮލުގައި އެޅުވީއެވެ. ހަގީގަތުގައި ފަޒީލު އެއްފަހަރު އަހަރެން ކައިރީ ޝިފާލީގެ ވާހަކައެއް ނުދައްކައެވެ. އޭނާ ކައިރީ އެ ވާހަކަ ދެއްކީ އަހަރެންނެވެ. ކިތަންމެ ދުރުދުރުން ވިޔަސް ކަންތައްވީގޮތް ފަޒީލު ކިޔާދިނީ އެހެންވެއެވެ.
"އެހެން ކޮޓަރިއެއް މިވަގުތަށް ތައްޔާރުކޮށްފައެއް ނުހުންނާނެ. އާނަ ކަންކަމާ މާބޮޑަށޭ ތި ވިސްނަނީ." ފައިސަލް ބުންޏެވެ.
"ޕްލީޒް. އޯކޭ ރެޑީ ނޫނަސް. އަހަރެންނަށް ވެސް އެނގޭ ތަންމަތިއަޅަން." އަހަރެން ބޭނުންވާ ގޮތް ހާމަކުރީމެވެ. އިރުކޮޅަކު އެއްޗެއް ނުބުނެ ހުރުމަށްފަހު ފައިސަލް ވާހަކަދެއްކިއެވެ.
"މެންދުރުވާންވާއިރަށް އަހަރެން ރޫމެއް ރެޑީކޮށްދޭނަން. އެގޮތް ކިހިނެއްވާނެ." ފައިސަލް ބުންޏެވެ. އެއީ އަހަރެން އެންމެ ބޭނުންނުވާ ގޮތެވެ. ފައިސަލް ކޮޓަރިއެއް ތައްޔާރުކޮށްފިއްޔާ މިހާރު އަހަރެން ހުރި ކޮޓަރިއާ ވަކި ތަފާތެއް ނުވާނެއެވެ. އަހަރެންނަށް މިނިވަންކަމެއް އޭނާ ނުދޭނެއެވެ.
އަހަރެން ފައިސަލްއާ އެއްބަހެއްނުވީމެވެ. ގެސްޓްހައުސް ތެރޭ ހުންނަ އޮފީހަށް ފައިސަލް ވަނުމުން އޭނާގެ ފަހަތުން އަހަރެން ވަނީމެވެ. މަތިން ކޮޓަރިއެއްތޯ ނޫނީ ތިރީގައި ހުރި ކޮޓަރިތަކުންތޯ އަހަރެން ބޭނުންވަނީ ފައިސަލް އެއްސެވެ. ތަޅުދަނޑިތައް އަޅުފާފައި ހުރި ފޮށިކައިރިޔަށް އަހަރެން ޖެހިލީމެވެ. އޭގައި "ގްރައުންޑް" ޖަހާފައި ހުރި ތަނުން ތަޅުދަނޑިއެއް ނެގީމެވެ. ދަޅުދަނޑީގައި އޮތީ ނަންބަރު ހަތަރެކެވެ.
"ޓީވީ ވެސް ބަދަލުކުރަންވީތަ؟." ފައިސަލް އަހާލިއެވެ. އޭނާގެ އަޑުގައި ހިތްހަމަނުޖެހުންވާހެން އަހަރެންނަށް ހީވިއެވެ.
"އެވަރު ނުކުރިޔަސް އޯކޭ." އަހަރެން ނިކަން އަވަހަށް ބުނީމެވެ.
ފައިސަލް އަހަރެންނަށް ކޮޓަރި ދެއްކިއެވެ. އެނދުގެ ތަންމަތި ބަދަލުކުރާން އެއްޗެހި ގެނެސްދިނެވެ. ކުރީން އަހަރެން ހުރި ކޮޓަރިއަށް ގޮސް އެނދުގެ ބާލީސްތައް ގެނައީމެވެ. އަދި އަހަރެންގެ ހުރިހާ ސާމާނެއް ވެސް ފޮށްޓަށް އެޅީމެވެ. ފޮށިގެނެސް ކޮޓަރިއަށް ވައްދާދީފައި ތަންމަތި އަޅަން ފައިސަލް އަހަރެންނަށް އެހީތެރިވެ ދިނެވެ. އޭނާ އެނދުގައި އިށީނދެލައިގެން އިނީއެވެ. ޠަބީޢަތް ރަނގަޅުނޫންހެން އޭނާގެ މޫނުމަތިން ފާޅުވާންފެށިއެވެ. އަހަރެންގެ ނިންމުންތަކާ ހެދިކަން އެނގެއެވެ.
"އަހަރެން ފެންވަރަން މިވަންނަނީ." ހެދުމެއް ނަގައިގެން ފާޚާނާއާ ދިމާއަށް ދަމުން އަހަރެން ބުނީމެވެ.
"މިއަދު ބްރެކްފަސްޓެއް ނެތްތަ؟." ފައިސަލް އަނގައިން ނުބުނީތީ އަނެއްކާވެސް އަހަރެން ވާހަކަދެއްކީމެވެ.
"ކޯއްޗެއް އާނަ ބޭނުމީ." ފައިސަލް އަހާލިއެވެ.
"ފައިސަލް ތައްޔާރުކޮށްދޭ އެއްވެސް އެއްޗެއް ނުބައެއްނޫން. ހިތަށް އަރަނީ މާލެ ދިޔައީމަ ވަރަށް މިސްވާނެއޭ މޯނިންގްގެ މިވަގުތުކޮޅު. ކޮންމެ ދުވަހަކު އަހަރެން ތައްޔާރުވެގެން ބަދިގެއަށް އަންނަންވާއިރަށް ފައިސަލް ހުންނަނީ އަހަރެންނަށް ސައި ތައްޔާރުކޮށްދީފަ." އަހަރެން އައިސް ފައިސަލްގެ ކުރިމަތީ ހުއްޓި އޭނާގެ ދެ ކޮނޑުގައި އަތް އަޅުވާލީމެވެ.
"އަހަރެން އާނަ މާލެ ދިޔަނުދީ ހިފަހައްޓައިފިއްޔާޔޯ." އިސްއުފުލާލައިގެން ފައިސަލް އިނީ ނިކަން ސީރިއަސް ބެލުމަކުން އަހަރެންނަށް ބަލާށެވެ.
"މާރަނގަޅު. އަހަރެން ވެސް ފައިސަލްއާ ދުރަށްދާކަށް ބޭނުމެއްނޫން... ސޯ... ތީގެ މާނައަކީ އަހަރެން ފައިސަލްގެ މީހަކަށް ހަދަންށޭތަ ތި ވިސްނަނީ. ކިހިނެއް އަހަރެން މާނަކުރަންވީ." އުފާވެރިކަމުގެ ހިނިތުންވުމެއް ވެރިކޮށްލަމުން އަހަރެން ވާހަކަދެއްކީމެވެ. ފައިސަލްގެ ތުންފަތް ދެމިލިއެވެ.
"އަދި ބުނާނަން. އަހަރެން ބުނީމެންނު އާނައަށް ސަޕްރައިޒެއް އެބައޮތޭ... އެކަމަކު އެއީ ތިދާން އުޅޭ ޕާޓީއަށްފަހު. އާނަގެ ހުރިހާ ވަގުތެއް އަހަރެންނަށް ހުސްކުރާނަން ކަމަށް ވަޢުދުވީމެންނު." ފައިސަލް ބުންޏެވެ.
"ޔެސް. ޕްރޮމިސް ކުރިން. ހަނދާން އެބަހުރި... މެރީ ކުރީމަ އިތޫގެ ދެމަފިރިންނަށް އުނދަގޫކުރަން ދިއުން ރަނގަޅެއް ވެސް ނުވާނެ. އެހާތަނުން އަހަރެންގެ ހުރިހާ ވަގުތެއް ފުރާ ދުވަސް ޖެހެންދެން ހޭދަކުރާނެ މީހަކީތީ." އަހަރެން ބުނީމެވެ.
ފައިސަލް ހިތްހަމަޖެހުނީހެން ހީވެއެވެ. އޭނާ ތެދުވިއެވެ. ފެންވަރައިގެން އަންނާށޭ ބުނަމުން އަހަރެންގެ ބުޑު މަސްގަނޑުގައި ޖަހާލިއެވެ. ރަކި ހީނލުމަކާއެކު އަހަރެން ދުރަށްޖެހިލީމެވެ. އޭނާ ބަދިގެއަށްކަން ދަނީބުނެ ކޮޓަރިން ނުކުތެވެ. ފައިސަލްއަށް ކޮޓަރިއާ ދުރަށް ދެވެންދެން އަހަރެން މަޑުކޮށްލާފައި އައިސް ދޮރު ތަޅުލީމެވެ. ހުރިހާ ކަމެއް އެނގުނުފަހުން ފުރަތަމަ ފަހަރަށް އަހަރެންނަށް ހިތްހަމަޖެހިލައިގެން ހުރެ ފާޚާނާ ބޭނުންކޮށްލާނޭ ފުރުޞަތު ލިބުނެވެ. އަހަރެން އަމިއްލައަށް ޚިޔާރު ކުރި ކޮޓަރިއެއްވީމާ އެތަނުގައި ކެމެރާއެއްނެތްކަން ޔަގީންވެ ހުރެ އަހަރެން ހޫދު ދިން ފޯނު ނެގީމެވެ. ރީތިވެގެން ކޮޓަރިން ނުކުތުމުގެ ކުރީން ހޫދަށް ގުޅީމެވެ. އޭނާ ފޯނަށް ޖަވާބެއް ނުދިނެވެ. އެހެންވެ ފޯނު ސައިލެންޓަށް ލާފައި ގޮދަޑި ދަށަށް ފޯނުލައި ފޮރުވާފައި ކޮޓަރިން ނުކުތީމެވެ.
އެގާރަ ޖަހާލާކަން ހާއިރު އިތޫ އަހަރެންނަށް ގުޅިއެވެ. ހޫދު ރަށް އަތުވެއްޖެކަން އެނގުނީ އިތޫގެ ފަރާތުންނެވެ. ކައިވެނީގެ ދަޢުވަތު ކާޑު ބަހަން ޒަފަރާއި ހޫދު ނުކުމެއްޖެކަން ބުންޏެވެ. ގާތް ތިމާގެ މީހުންނަށް އެ މީހުން ކައިވެންޏަށް ތައްޔާރުވަމުން އަންނަކަން އޮތީ އެނގިފައެވެ. އެންމެން ވެސް ތިބީ އެ ކައިވެނީގެ އިންތިޒާރުގައެވެ. ޚުދު އަހަރެން ވެސް ދުށުމަށް ބޭނުންވީ ދުވަހެކެވެ. އަހަރެންގެ ދިރިއުޅުން ކޮންމެ ގޮތަކަށް އޮތް ނަމަވެސް އިތޫގެ ދިރިއުޅުން އާބާދުވާތަން ދުށުމަށް އަހަރެން ބޭނުންވެއެވެ. އެކުވެރިޔާއަށް ޓަކައި އުފާ ވެސް ކުރަމެވެ.
"މާދަން އަންނާތި. ހަވީރަކުނޫން... ހެނދުނު ހެނދުނާ އަންނަންވާނެ. ހުރިހާ އެއްޗެއް ހިފައިގެން އަންނާނީ. ދެންދެވޭނީ އަނެއްދުވަހުގެ ރޭކަން ހަނދާންނައްތާނުލާތި. ކުރީބައިގައި ފައިސަލް ކައިރީ ބުނެފަ ބާއްވާތި. ދުވަސް ޖެހޭވަރަކަށް އަހަރެން ވަރަށް ނާވަސްވޭ. އަހަރެންގެ އެކުވެރިޔާ ހުރުން ވަރަށް މުހިންމު. ހިތަށް އަރާ ތި ދެ މީހުން އެކުގައި ފެންނާނެނަމައޭ." ފޯނުގައި ހުރެ އިތޫ ބުންޏެވެ.
ފޯނުން ވާހަކަދެއްކިއިރު ފައިސަލް ހުރީ އަހަރެން ކައިރީގައެވެ. އަހަރެމެން ތިބީ އަނބުގަހުގައި އެލުވާފައި ހުރި ޖޯލިތަކުގައެވެ. ފައިސަލްއަށް އަހަރެން ބަލާލަމުން ވާހަކަދެއްކީމެވެ. އިތޫގެ ކޯލު ނިންމާލުމުން ފައިސަލް ނިތްއަރުވާލިއެވެ.
"މާދަން ހެނދުނުހެނދުނާ އަންނަންވާނެއޯ. ވެޑިން ނިމުނީމައޯ ގެއަށް ފޮނުވާނީ... ފައިސަލް އަންނާނަންތަ އަހަރެން ބަލާ. ނިމުނީމަ ގުޅަންވީތަ ނޫނީ މެސެޖު ކުރަންވީތަ. ފަހަރެއްގައި އެ ގޭ މީހަކާއެކީ ވެސް އަތުވެދާނަން." އަހަރެން ބުނީމެވެ.
"ގުޅީމަ ދާނަން." ފައިސަލް ބުންޏެވެ.
އަހަރެން މުޅި ދުވަހު މަޑުކުރީ ގެސްޓްހައުސްގައެވެ. ހަވީރު އަތަށް އަޅާލުމާއެކު މޫސުން ބަދަލުވާން ފަށައިފިއެވެ. ދެންމެދެންމެ ވާރޭ އޮއްސާލަފާނޭހެން އުޑުމަތި ކަޅުކޮށް ބައްދާލުމާއެކު ވައިރޯޅިތައް ބާރުވަމުން އައެވެ. ޒަފަރުގެ ފަރާތުން ކައިވެނީގެ ދަޢުވަތު ކާޑު ލިބިގެން ހަވީރު ފަޒީލު ގެސްޓްހައުސްއަށް ވަދެގެން އައެވެ. ވާރޭ ވެހިދާނޭކަމަށް އޭނާ ހުރީ ވާރޭކޯޓު ލައިގެންނެވެ. އަހަރެމެން ދެ މީހުން ދައްކާ ވާހަކަ އިވޭ ހިސާބުގައި ފައިސަލް ހުންނަކަން އަހަރެންނަށް ފާހަގަވިއެވެ. ފަޒީލު އެހީ ކައިވެނި ޙަފުލާއަށް އަހަރެން ދާގަޑިއެކެވެ. އިތޫގެ ޢާއިލާއާއެކީކަން ދާނީ އަހަރެން ނުބުންޏަސް އޭނާއަށް އެނގުނެވެ. ފަޒީލު ދެން ސުވާލު ކުރީ ފައިސަލްއާއެވެ. ގެސްޓްހައުސްއަށް ބަޔަކު އައީތޯ އޭނާ ސުވާލު ކުރިއެވެ. ފައިސަލް ނޫނެކޭ ބުނަން ބޯހޫރާލީއެވެ.
"މި ހިސާބު އަތިރިމަތީން ގުރޫޕެއް ފެނުނީމަ." ފަޒީލު ބުންޏެވެ.
އަހަރެންގެ ސިކުނޑިއަށް އެތައް ޚިޔާލެއް އަރާ ފައިބަމުން ދިޔައެވެ. ހިތާއި ޟަމީރު ބުނަމުން ދިޔައީ ކުއްލިއަކަށް ގެސްޓްހައުސް ކައިރިން ބަޔަކު ފެނުމުން އެއީ ގޯހެއްވާން އުޅޭކަމުގެ އަލާމާތެއްކަމެވެ. ވަގުތުން ހޫދުގެ މަތިން ހަނދާންވިއެވެ. ނަމަވެސް އޭނާއާ ވާހަކަދައްކާނޭ ފުރުޞަތެއް އަދިނުލިބެއެވެ. ހުރިހާ ވަގުތަކުހެން އަހަރެންނާއެކީ ފައިސަލް އުޅެއެވެ. އޭނާ ވެސް އަހަރެން އެކަނިވާނޭ ފުރުޞަތެއް ދޭން ބޭނުންނުވާ ކަހަލައެވެ. އަހަރެން އޭނާގެ ކޮންމެ ހަރަކާތަކަށް ފާރަވެރިވެ ހުންނަ އުސޫލުން އޭނާ ވެސް އަހަރެންގެ ޢަމަލުތަކަށް ސަމާލުވެ ހުރި ކަހަލައެވެ.
އެރޭ އިރުއިރުކޮޅާ ފައިސަލް ގެސްޓްހައުސްއިން ބޭރަށް ނުކުމެއެވެ. އޭރު ހަވީރު ނަގަމުންދިޔަ ވިލާގަނޑުން ވެހެންފެށި ވާރޭ ހުއްޓައެއް ނުލައެވެ. އޭނާ އަތިރިމައްޗަށް ފައިބައެވެ. ކުޑަ ނަގައިގެން ދޮރޯށި ކައިރިޔަށް އަހަރެން ނުކުމެލީ މިވާގޮތެއް ބަލާށެވެ. އޭރު ރޭގަނޑު ނުވައެއް ޖަހައި ހިނގައްޖެއެވެ. އަތިރިއަށް ފައިބާފައި ފައިސަލް އަރައިގެން އައީ އެކަނިމާ އެކަންޏެވެ.
"ކަމެއްވީތަ؟. އަދިވެސް މީހުން އުޅެނީތަ؟. މިއޮއް ވިއްސާރައިގައި." އަހަރެން އޮޅުންފިލުމުގެ ގަސްދުގައި ވާހަކަދެއްކީމެވެ.
"ނުބައި އަރުވާ ގުރޫޕަކަށް ވެދާނެ. ޑިންގީ އެ ދިމާގައި އޮންނާނީ. އެހެންވެ ބަލާލަން މިދިޔައީ." ފައިސަލް ބުންޏެވެ.
"އަދިވެސް އެބައުޅޭތަ މީހުން." އަހަރެން އަހާލީމެވެ.
"މިހާރަކުނެތް." ފައިސަލް ބުންޏެވެ.
* * * * *
އަނެއް ދުވަހުގެ ހެނދުނުހެނދުނާ އަހަރެން ތެދުވީމެވެ. އަހަރެންގެ ކައިރީ ނިދާފައި އޮތް ފައިސަލް ބޯހިއްލާލިއެވެ. އޭނާ ރޭގައި އަހަރެންނާ ދުރަކަށް ނުދެއެވެ. ނަމަވެސް ނިދީ ވަރަށް ލަހުންނެވެ. ކޮންމެވެސް ކަމަކާ އޭނާ ފިކުރުކުރަނީކަން އެނގެއެވެ. އަހަރެން ތެދުވެގެން ގޮސް ފާޚާނާއަށް ވަދެފައި ނުކުތްއިރު ފައިސަލް އިނީ ތެދުވެ އެނދުގައި އިށީނދެގެންނެވެ.
"ކިހާއިރަކު ދަނީ." ފައިސަލް އަހާލިއެވެ.
"ނައިން ތާޓީކަން ހާއިރު. ސައިބޮއެގެން ދާންކަމަށް." އަހަރެން ބުނީމެވެ. ޖަވާބެއްގެ ގޮތުން ފައިސަލް ހަމައެކަނި ބޯޖަހާލީއެވެ.
އަހަރެން ތައްޔާރުވެގެން ނުކުންނަންވާއިރަށް އޭނާ ހެނދުނުގެ ނާސްތާ ތައްޔާރުކޮށްދިނެވެ. އެހެންޏާ ތެދުވާގޮތަށް އޭނާ ފެންނާނީ ފެންވަރާ ތާޒާކަންމަތީއެވެ. މިއަދު އޭނާ ބޭނުންވީ ފުރަތަމަ އަހަރެން ގެންގޮސް އިތޫމެން ގެއަށް ލާށެވެ. އެކަމާ އަހަރެން ހައިރާންވެ ސުވާލު އުފެދުނެވެ. ނަމަވެސް އެކަން ފާހަގަވީކަމަށް ނުހަދަމެވެ. ހެނދުނުގެ ނާސްތާގައި އަހަރެންނާއެކީ އެހެންޏާ ބައިވެރިވާ ގޮތަކަށް ބައިވެރިއެއް ވެސް ނުވިއެވެ. އަހަރެން ސައިބޯން އިންއިރު ފައިސަލް ނިންމާލީ ހަމައެކަނި ކޮފީތަށްޓަކުންނެވެ. އަހަރެން ސައިބޮއެ ނިމުމުން އޭނާ އަވަސްވެލީ އަހަރެން ގެންގޮސް އިތޫމެންގެއަށް ލާށެވެ.
ކޮޓަރިއަށް ވަދެ ބޭނުންވާނޭ ހުރިހާ އެއްޗެއް ބެކްޕެކަށް އެޅީމެވެ. ހޫދު ދީފައި އޮތް ފޯނާއި އަހަރެން އާންމުކޮށް ގެންގުޅޭ ފޯނާއި ޗާޖަރު ވެސް ދަބަހަށް ލީމެވެ. އަދި ކޮޓަރިން ނުކުތުމުގެ ކުރީން ކޮޓަރިތެރެއަށް ބަލާލީމެވެ.
"އަހަރެން އަންނަންވާއިރަށް ފައިސަލް މިކޮޓަރިއަށް ކެމެރާތައް ބަދަލުކުރާނެހެން ވަރަށް ހީވޭ." އަހަރެންގެ ހިތަށް އަރަމުން ދިޔައެވެ. ނަމަވެސް އަހަރެންނަށް މިވަގުތު އެކަން ހުއްޓުވަން ކުރެވޭނެކަމެއް ނެތެވެ. އަހަރެން އެނބުރި ދެން އަންނާނީ އަނެއް ދުވަހުގެ ރޭގައެވެ. ފައިސަލް ބޭނުން ގޮތަކަށް ބޭނުންކަމެއް ރާވާނެހާ ގިނަ ވަގުތު އެބަލިބެއެވެ.
މާޔޫސްވެ ހުރެ އަހަރެން ކޮޓަރިން ނުކުމެ ދޮރު ތަޅުލީމެވެ. ގެސްޓްހައުސްގެ މައި ދޮރު ކައިރީ ފައިސަލް ހުރީ އަހަރެންގެ އިންތިޒާރުގައެވެ. އަހަރެން އައުމުން އަތުގައި އޮތް ބެކްޕެކްގައި އޭނާ ހިފިއެވެ. ކާރުގެ ފަހަތު ސީޓަށް ދަބަސް ލާފައި އަހަރެން އަރަން އަރަން ކުރީ ދޮރުފަތް ފައިސަލް ހުޅުވައިދިނެވެ. ކާރު ނައްޓާލައިގެން އިތޫމެން ގެއާ ހަމައަށް އާދެވުނުއިރު ވެސް ފައިސަލް އަނގަޔަކުން ނުބުނެއެވެ. އޭނާގެ ސިކުނޑި އެހެން ކަމަކަށް ސަމާލުވެފައިވާ ކަހަލައެވެ. އަހަރެން ކާރުން ފައިބާ ދަނީއޭ ބުނީމާ ހަމައެކަނި ބޯޖަހާލީއެވެ. އިތޫމެންގެއަށް ވަންނަންދެން ވެސް މަޑެއް ނުކުރިއެވެ. އޭނާ ކާރު ދުއްވާލައިފިއެވެ.
"ފައިސަލް ގޮސް ކޮމްޕިއުޓަރ ޗެކް ނުކުރާނެތަ؟. ހުރިހާ ވީޑިއޯއެއް ހަމަ ހުރެފައި އަމިއްލައަށް ޑިލީޓެއްނުވާނެކަން އެނގޭނެ... އޯމައިގޯޑް... އަހަރެންގެ ހުރިހާ ވީޑިއޯއެއް ނެތްކަން އެނގުނީމަ." ކުއްލިއަކަށް އަހަރެންގެ ޟަމީރު ދައްކަން ފެށި ވާހަކައިން އަހަރެން ހާސްވެ ހިތް ހުއްޓެން އުޅުނު ފަދައެވެ.
އިތޫމެން ގެއަށް ވަންނަން ނޭނގި ދޮރޯށީގެ ތަޅުގައި ހިފާލި ގޮތަށް އަހަރެންނަށް ގަނޑުވެފައި ހުރެވުނީއެވެ. މީހާއަށް ދިރުން ލިބުނީ މީހަކު ގޭގެ އެތެރެއިން ދޮރޯށި ހުޅުވާލި ހިނދުއެވެ. ހާސްވެ ބޮޑުވެފައިވާ ދެ ލޮލާއެކު އަހަރެންގެ ނަޒަރު އެ ދިމާއަށް ދަތުރުކޮށްލިއެވެ.
"އާނަ." އަހަރެންނާއި ނަޒަރު ސީދާވެލި ހިނދު ހޫދު ގޮވާލިއެވެ.
(ނުނިމޭ)