ފިނިޕޭޖް

މިރަންޑާ ކާއަށް ހަތަރުވަނަ ދަރިއަކު ލިބެނީ

ވިކްޓޯރިއާ ސީކްރެޓްގެ މޮޑެލް އަދި ވިޔަފާރިވެރިޔާ މިރަންޑާ ކާ އަށް ހަތަރުވަނަ ދަރިއަކު ލިބެނީ އެވެ.

މިރަންޑާ މި ހަބަރު ހިއްސާކުރީ ސްނެޕްޗެޓް ގައެވެ. ލިބެނީ ފިރިހެން ކުއްޖެކެވެ.

މިރަންޑާގެ ފިރިމީހާ އަކީ ސްނެޕްޗެޓްގެ ސީއީއޯ އެވަން ސްޕީގަލް އެވެ. އެވަން ބޭނުންވަނީ އާއިލާ ބޮޑުކުރަން ކަމަށް މިދިޔަ ނޮވެމްބަރުގައި މިރަންޑާ ޕީޕަލްއަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.

މި ދެމަފިރިންގެ ދެ ކުދިން، ހާޓް، 5، އާއި މައިލްސް، 3، ހުންނައިރު، މިރަންޑާގެ ކުރީގެ ފިރިމީހާ އޯލާންޑޯ ބްލޫމަށް ފްލީން، 12، ލިބިފައިވެ އެވެ.

މަންމައަކަށް ވުމުގައި އެންމެ ލޯބިކުރާ ކަމަކީ ދަރިންގެ ވަކިވަކި ނަޒަރިއްޔާއިން ދުނިޔެ ބެލުން ކަމަށް މިރަންޑާ ބުންޏެވެ.

މިރަންޑާގެ ތިން ފިރިހެން ކުދިން އެއްކޮށް އުޅެ، ބޮޑުވަމުންދާއިރު، ކޮންމެ ކުއްޖަކު ދުނިޔެ ދެކޭ ގޮތް ތަފާތު ކަމަށާއި ކޮންމެ ކުއްޖެއްގެ ވިސްނުން ދޭހަވުމަށް ވަރަށް ލޯބިކުރާ ކަމަށް ބުންޏެވެ.

މިރަންޑާ އާއި އެވަން ކައިވެނި ކުރީ 2017 ގައެވެ.