ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އެންމެން ތިބީ އުފާވެރި އަމާން ރާއްޖެ އޮޑީގައި: ރައީސް

ރާއްޖޭގެ ރައްޔިތުން "އުފާންވެރި އަމާން ރާއްޖެ" އޮޑިއަށް އަރާ ފުރާލައިފި ކަމަށް ވިދާޅުވެ ވާދަވެރި ކެންޑިޑޭޓުންނަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހް މި ކެމްޕޭންގައި ވަޑައިނުގެން އޮތް ހަމައެކަނި އަތޮޅު -- ފ. އަތޮޅަށް މިއަދު ވަޑައިގެން ވާދަވެރިންނަށް ރައްދުދެއްވަމުން ރައީސް ވިދާޅުވީ ވާދަވެރިން ބަލި ގަބޫލުކުރައްވާ ކެމްޕޭންގެ އެންމެ މުހިއްމު ވަގުތު ތިއްބެވީ ގޭގައި ކަމަށެވެ.

ރައީސް ސޯލިހަކާއި ކޮންމެ ދުވަހަކު މުށެއްހާ ބޭސް ފަރިއްކުޅުއްވަން ޖެހިވަޑައިގަންނަވާތީ ސިއްހީ ގޮތުން ދުޅަހެޔޮ ބޭފުޅެއް ނޫން ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަަކަތަކަށް ވެސް ރައީސް ސޯލިހް ވަނީ ރައްދުދެއްވާފަ އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނާއި އެ ޓީމުގައި ހިތްވަރާއި ބުންވަރު އެބަހުރި ކަމަށާއި "ބޭސް ކާނީ" މި ކެމްޕޭން ނިންމާފައި ކަމަށެވެ.

"އަޅުގަނޑުމެން ރޭ ތިބީ އައްޑޫ ސިޓީގައި. މިހާރު މިތިބީ މި ރަށަށް އައިސް. ތިޔަ ބޭފުޅުން ވެސް ނިދާނެ ކަމެއް ނެތް. މި ހަތް ގަޑިއިރު ކެމްޕޭން ކޮށްފައި މާދަމާ ވޯޓުލާފައި ދެން އަޅުގަނޑުމެން އެއަށް ފަހުގައި ކުރާނެ ކަމެއް ކުރާނީ،" ޖޯޝުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވި އެވެ.

މިސަރުކާރު ވެރިކަމާއި ހަވާލުވި ފަހުން ރާއްޖޭގެ މިނިވަންކަމަށް ލޮޅުން އަރައި، ދީނަށް ފުރައްސާރަ ކުރާ މީހުންނަށް ހިތްވަރު ލިބިފައިވާ ކަމަށް ވާދަވެރިން ބުނާތީ އެކަމަށްވެސް ރައީސް ވަނީ ރައްދުދެއްވާފަ އެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ މިނިވަންކަމާއި ދީނާ ގުޅުވައިގެން ދައްކަނީ ބުހުތާނު ދޮގު ވާހަކަތައް ކަމަށާއި ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށް މިސަރުކާރުން ގިނަ މަސައްކަތްތައް ކޮށްފައިވާނެ ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި މިސަރަހައްދުގައި އެންމެ ބާރުގަދަ ޕާސްޕޯޓުގެ ޝަރަފް ވެސް އޮތީ ރާއްޖެ އަށެވެ.

"މިނިވަންކަމަށްޓަކައި މިއަދު ކުރަން ޖެހޭ ކަމަކީ ކަނޑި އާއި ބަޑި ހިފައިގެން ނުކުތުމެއް ނޫން. ވަށާ ބޮޑުފާރުލުމެއް ނޫން. ބޭނުންވަނީ ގައުމުތަކާ އެކު ބަދަހި ގުޅުމެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް އެދިވަޑައިގަތީ މާދަމާގެ ވޯޓު ވިސްނުންތެރިކަމާ އެކު ގައުމަށްޓަކައި ދިނުމަށެވެ. އެމަނިކުފާނު އެއްވެސް ރައްޔިތަކު އެއްވެެސް ރަށެއްވެސް ތަފާތު ނުކުރާނެ ކަމުގެ ޔަގީންކަންވެސް ދެއްވި އެވެ.