ރިޔާސީ އިންތިހާބުގެ ވޯޓުލުން ފަށައިފި އެވެ.
ވޯޓުލުން މިހާރު ހެނދުނު 8:00 ޖެހިއިރު ފަށާފައިވާއިރު ހަވީރު 4:00 ޖަހަންދެން ވޯޓުލުން ކުރިއަށް ދާނެ އެވެ.
މި ފަހަރުގެ ރިޔާސީ އިންތިހާބަކީ މިހާތަނަށް އަދި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރައްވާ އިންތިހާބެވެ. އެގޮތުން އިންތިހާބުގައި އަށް ކެންޑިޑޭޓަކު ވާދަކުރައްވާއިރު އޭގެ ތެރެއިން ތިން ކެންޑިޑޭޓުންނަކީ އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓުންނެވެ.
ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ޖުމްލަ 574 ވޯޓު ފޮށި ބަހައްޓާފައިވެ އެވެ. މީގެ ތެރޭގައި މާލޭގައި ބަހައްޓާފައިވާ 142 ވޯޓު ފޮށި ހިމެނެ އެވެ. އަދި އަށް ވޯޓު ފޮށި ވަނީ ބޭރު ގައުމުތަކުގައި ބަހައްޓާފައިވެ އެވެ.
ރިޔާސީ އިންތިހާބުގައި ޖުމްލަ 282،395 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު 285،219 ވޯޓު ކަރުދާސް ވަނީ ޕްރިންޓުކޮށްފަ އެވެ.
މީގެ ކުރީގެ ރިޔާސީ އިންތިހާބުތަކާއި ހިލާފަށް މިފަހަރުގެ އިންތިހާބުގައި ވޯޓުލާއިރު އިލެކްޝަންސް ކޮމިޝަނުން ވަނީ ވަކި ކުލައަކުން ވޯޓު ލުމަށް ރައްޔިތުންނަށް އަންގާފަ އެވެ. ނޫ ނުވަތަ ކަޅު ގަލަމަކުން ވޯޓު ލުމަށް އަންގާފައިވާއިރު އެ ނޫން ކުލައެއްގެ ގަލަމަކުން ވޯޓު ލައިފިނަމަ އެ ވޯޓު ކަރުދާސް ބާތިލް ވާނެ އެވެ.
މީގެ ކުރީގެ އިންތިހާބުތަކާއި ހިލާފަށް، ލޯފަން މީހުންނަށް މި އިންތިހާބުގައި އެހެން މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓު ކަރުދާހުގައި އަމިއްލައަށް ފާހަގަޖެހުމަށް އެދޭނަމަ ޓެމްޕްލޭޓު ބޭނުންކުރެވޭނެ އެވެ.
މި ޓެމްޕްލޭޓަކީ ވޯޓު ކަރުދާސް އޭގެ ތެރެއަށް ލައިގެން ނުވަތަ ވޯޓު ކަރުދާހުގެ މަތީގައި ވަގުތީ ގޮތުން ހަރުކޮށްގެން، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވޯޓުލުމަށް އެހީތެރިވެދޭ ގޮތަށް ތައްޔާރުކޮށްފައިވާ އެއްޗެކެވެ. އަދި ހަމައެއާއެކު މީގެ ކުރީގެ އިންތިހާބުތަކުގައި ވޯޓުލާ ފަރާތްތަކުން ތިބެން ޖެހެނީ އެތަނުގައި ހަރަކާތްތެރިވާ އޮފިޝަލުންނާއި ކުރިމަތި ލައިގެންނެވެ. އެހެންނަމަވެސް މިހާރު ކުރިއަށްދާ އިންތިހާބުގައި ވޯޓު ލާ ފަރާތްތަކުން ތިބެން ޖެހެނީ އިންތިހާބީ އޮފިޝަލުންނާއި ފުރަގަސްދީގެންނެވެ.
މިއިންތިހާބުގައި ބައިނަލްއަގްވާމީ 143 އޮބްޒާވަރުންނާއި ބައިނަލްއަގްވާމީ 22 މޮނިޓަރުންނަށް ހަރަކާތްތެރިވެ އެވެ.
ރިޔާސީ އިންތިހާބުގެ ވޯޓުލުން ދެވަނަ ބުރަކަށް ގޮސްފިނަމަ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ 30 ވަނަ ދުވަހު އެވެ.