ވޯޓުލުން ފެށި ފައިވަނީވެސް އަދި ވޯޓުލުން ކުރިއަށް ދަނީ ވެސް ޖުމްލަ ގޮތެއްގައި ރަނގަޅަށް ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެފި އެވެ.
ވޯޓުލާ މަރުކަޒުތަކުގެ ތެރެއިން ހުރިހާ މަރުކަޒެއްގައި ހެނދުނު 8:00ގައި ވޯޓުލާން ފަށާފައިވާއިރު 85.8 ޕަސަންޓް ވޯޓުލާ މަރުކަޒުގައި ގަޑިއަށް ވޯޓުލާން ފެށުނު ކަމަށް އެ ޖަމިއްޔާ އިން ބުނެފައިވެ އެވެ.
ޓްރާންސްޕޭރެންސީ އިން ބުނީ ހުރިހާ ވޯޓުލާ މަރުކަޒެއްގައި ވެސް އެތަނަށް ހާޒިރުވާންޖެހޭ އޮފިޝަލުން ގަޑިއަށް ހާޒިރުވެ ތިބިކަންވެސް ފާހަގަކުރެވޭ ކަމަށެވެ.
ކެންޑިޑޭޓުންގެ މަންދޫބުންވެސް ހުރިހާ ވޯޓު މަރުކަޒުތަކުގައި ހާޒިރުވެ ތިބި ކަމަށާއި 89.5 ޕަސަންޓް ވޯޓު މަރުކަޒުތަކުގައި މަދުވެގެން ތިން ކެންޑިޑޭޓުންގެ މަންދޫބުން ހާޒިރުވެ ތިބިއިރު ހުރިހާ މަރުކަޒެއްގައިވެސް އެންމެ މަދުވެގެން ކޮންމެވެސް އެއް ކެންޑިޑޭޓެއްގެ މަންދޫބުން ހާޒިރުވެ ތިބިކަމަށް ފާހަގަކޮށްފައިވެ އެވެ.
މަދުވެގެން ފަސް ކެންޑިޑޭޓުންގެ މަންދޫބުން 7.2 ޕަސަންޓު ވޯޓު މަރުކަޒުތަކުގައި ހާޒިރުވެ ތިބި ކަމަށްވެސް ވަނީ ފާހަގަކޮށްފަ އެވެ.
ޓްރާންސްޕޭރަންސީ ބުނީ ވޯޓުލުމަށް ބޭނުންވާ ތަކެތި ހުރިހާ މަރުކަޒެއްގައިވެސް ހަމައަށް ހުރި ކަމަށާއި ވޯޓުލާން ފެށުމުގެ ކުރިން ހުރިހާ ވޯޓު ކަރުދާސް ގުނާ ހަމަކުރެވުނު ކަމަށެވެ. އަދި ހުރިހާ ވޯޓު ފޮށިތައް ހުސްކަން ޔަގީން ކޮށްފައިވާ ކަމަށްވެސް ބުންޏެވެ.
ވޯޓުލާ ފޮށިތަކުގެ 97 ޕަސަންޓް ފޮށިތައް ތައްޔާރު ކުރެވިފައިވަނީ ލާ ވޯޓުގެ ސިއްރުކަން ކަށަވަރުވާ ގޮތަށް ކަމަށާއި ބާކީ ތިން ޕަސަންޓު ވޯޓު ފޮށިތަކުގެ ވޯޓުގެ ސިއްރުކަން ކަށަވަރު ނުވާ ކަމަށް އެ ޖަމިއްޔާގެ އޮބްޒާވަރުން ރިޕޯޓުކޮށްފައިވާ ކަމަށްވެސް ބުނެފައިވެ އެވެ. އަދި އެ ފޮށިތައް އެ ޖަމިއްޔާ އިން ގާތުން ބަލަމުންދާ ކަމަށްވެސް ބުންޏެވެ.
ޓްރާންސްޕޭރަންސީ އިން ބުނެފައިވާ ގޮތުގައި 96 ޕަސަންޓް ވޯޓު މަރުކަޒުތަކުގައި ފުލުހުން ހަރަކާތްތެރިވަމުން ދިޔައީ ވޯޓުލާ ސަރަހައްދުތަކުގެ ބޭރުގައި ކަމަށެވެ.
ވޯޓުލުމާ ވޯޓު ގުނުން ކުރިއަށްދާއިރު އަދި ވޯޓު ގުނާ ނިމެންދެން އެ ޖަމިއްޔާގެ އޮބްޒާވަރުން ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ ކަމަށްވެސް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ބުނެފައިވެ އެވެ.