ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބު ކުރައްވާނެ ކަމަށް ވާދަވެރި ދެ ކެންޑިޑޭޓުން ކަމަށްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ގެންދެވީ ކެމްޕޭން ތެރޭގައި ތަކުރާރުކޮށް ވިދާޅުވެ އެވެ. ރައީސް ސޯލިހް އެއްބުރެއްގެ ވާހަކަ ވަކިން ބޮޑަށް ދެއްކެވި އެވެ. ނަމަވެސް އިންތިހާބުގެ ނަތީޖާ އައި ގޮތުން ދެވަނަ ބުރަކަށް ދާން ޖެހޭ ކަން މިހާރު މިވަނީ ޔަގީންވެފަ އެވެ. ރައީސް ސޯލިހާއި ޑރ. މުއިއްޒުވެސް އިންތިހާބު ކާމިޔާބު ކުރަން ބޭނުންވާނަމަ ކޯލިޝަނަށް އިތުރު ޕާޓީތައް ގެނެސްގެން ނޫނީ ދެވަނަ ބުރު ކާމިޔާބު ކުރެވިދާނެ ކަމަކަށް ވޯޓުގެ ނަތީޖާއަކުން ނުފެނެ އެވެ.
ރިޔާސީ އިންތިހާބުގެ ނަތީޖާ މިރޭ ސާފުވެގެން ދިޔައިރު އިންތިހާބުގައި އެންމެ ގިނަ ވޯޓު ހޯއްދެވީ ޑރ. މުއިއްޒު އެވެ. އެއީ 100،841 ވޯޓެވެ. ދެވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވީ ރައީސް ސޯލިހް އެވެ. އެއީ 85،649 ވޯޓެވެ.
މިހާ ހިސާބުން ސުވާލު އުފެދެނީ މިއަހަރުގެ ރިޔާސީ އިންތިހާބުގެ ނަތީޖާ ބަދަލުކޮށްލެވޭނެ ފޯމިއުލާއަކާ ގުޅޭގޮތުންނެވެ. މީގެކުރިން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ނަތީޖާ ބަދަލުކޮށްލާ "ކިންގް މޭކާ"އެއްގެ ގޮތުގައި ހުންނަވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އެވެ. އެއީ ނިމިގެން ދިޔަ އިންތިހާބުތަކުގައި ގާސިމް ހޯއްދަވައި ކާމިޔާބާއި ގާސިމްގެ މިލްކިއްޔާތުގައި ހުރި މުދަލާއި ވަސީލަތުގެ ސަބަބުން ލިބޭ ބާރުވެރިކަމެއް ކަމަށް ގަބޫލުކުރާ މީހުން ނިސްބަތުން ގިނަ އެވެ.
ގާސިމް އިބްރާހީމަކީ ނަތީޖާ ފުރޮޅާލުމުގައި ޔަގީން ފޯމިއުލާއެއް ކަން އެނގިގެންދަނީ 2008 އާއި 2013 އާއި، 2018 ގައިވެސް ރިޔާސީ އިންތިހާބުގައި ގާސިމް ހުންނެވި ފަޅިއަކަށް އިންތިހާބުގައި ބޮޑު ކާމިޔާބީއެއް ލިބޭތީ އެވެ. ނަމަވެސް މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި އަށް ބޭފުޅުންގެ ތެރެއިން ގާސިމަށް ލިބިވަޑައިގަތީ ފަސްވަނަ އެވެ. އެއީ 5،573 ވޯޓެވެ. ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި އުމަރު ނަސީރާއި ރައީސް މުހައްމަދު ނަޝީދު ނިސްބަތްވާ ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ވެސް ވަނީ ގާސިމަށް ވުރެ ގިނަ ވޯޓު ހޯއްދަވާފަ އެވެ.
އެހެންވެ މިހާރު އޮތީ މިއަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ނަތީޖާ ބަދަލުކޮށްލެވޭނެ ފޯމިއުލާ ނުވަތަ ކިންގްމޭކަރުގެ ބަހުސް އެވެ. ގާސިމަށް އިންތިހާބުގައި ލިބުނު 5،000 އެއްހާ ވޯޓުން އޭނާ އަކީ މިއިންތިހާބުގައި ނަތީޖާއެއް ފުރޮޅާލެވިދާނެ ބޭފުޅެއް ކަމަށް ބައެއް މީހުން ގަބޫލެއް ނުކުރެ އެވެ.
އެކަމަކު އިލްޔާސްއަށް ލިބުނު ވޯޓާއި އޭނާގެ ފަހަތްޕުޅުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ސިޔާސީ ގޮތުން ނުފޫޒު ގަދަ ބޭފުޅެއް ކަމަށްވާ ރައީސް މުހައްމަދު ނަޝީދު ހުންނެވުމަކީ މިއަހަރު އިންތިހާބުގެ "ކިންގް މޭކާ" އަކަށް ނަޝީދުވާ ސަބަބެއް ކަމަށް ގަބޫލުކުރާ މީހުން މަދެއް ނޫނެވެ.
މިއިންތިހާބުގައި ގާސިމަށް ލިބުނު ބޮޑު ނާކާމިޔާބީއާއި ޒުވާން ކެންޑިޑޭޓް އިލްޔާސް ލަބީބް ވިދާލި ގޮތުން ގާސިމުގެ ސިޔާސީ ބާރުވެރިކަން ނިމިއްޖެ ކަމަށް ދެކޭ މީހުން މަދެއް ނޫނެވެ. ސޯޝަލްމީޑިއާއަށް އައިސްފައިވާ ތޫފާނުން މި ހަގީގަތް ހާމަވެ އެވެ. އެހެންކަމުން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ނިކުންނާނެ ނަތީޖާއެއް ލަފާކުރުންވެސް ބިނާ ވަނީ ގާސިމް ނިންމަވާ ގޮތަކަށް ވުރެ ބޮޑަށް ރައީސް ނަޝީދު ނިންމަވާ ގޮތެއްގެ މައްޗަށެވެ. ނޭނގޭނީ ރައީސް ނަޝީދާއި ގާސިމް ނިންމަވާނެ ގޮތެކެވެ.