ޕީޕަލްސް ނޭޝަނަލް ކޮންގްރެސް - ޕީއެންސީ

ދެވަނަ ބުރުގެ ކެމްޕޭން އިދިކޮޅުން މިރޭ ފަށަނީ

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭން ފެށުމަށް ޕީޕީއެމް-ޕީއެންސީން މާލޭގައި މިރޭ ބޮޑު ރެލީއެއް ބޭއްވުމަށް ނިންމައިފި އެވެ.

ޕީޕީއެމް-ޕީއެންސީން ބުނި ގޮތުގައި "ޝުކުރިއްޔާ ދިވެހިން" ގެ ނަމުގައި ބާއްވާ ރެލީ ކުރިއަށް ގެންދާނީ އާޓިފިޝަލް ބީޗްގަ އެވެ.

ރެލީ ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 8:30 ގައި ކަމަށްވެސް ޕީޕީއެމް-ޕީއެންސީ ޕްރޮގްރެސިވް ކޮގްރެސް ކޯލިޝަނުން ވަނީ ބުނެފަ އެވެ.

މި ރެލީގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މުއިއްޒު އާއި ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް މުއިއްޒުގެ ކެމްޕޭން އެޖެންޓް އަދި ތަރުޖަމާނު މުހައްމަދު ތޮލާލް ވިދާޅުވި އެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން މުއިއްޒަށް 100،342 ވޯޓު -- 46.19 ޕަސަންޓް ލިބިވަޑައިގަތެވެ.

ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 84،805 ވޯޓު -- 39.04 ޕަސަންޓެވެ.

އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބަށް 15،191 ވޯޓު -- 6.99 ޕަސަންޓް ލިބިވަޑައިގަތްއިރު އަމިއްލަ ގޮތުން ވާދަކުރެއްވި އުމަރު ނަސީރަށް ލިބިވަޑައިގަތީ 6،135 -- 2.82 ޕަސަންޓް ވޯޓެވެ.

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމު އިބްރާހީމަށް 5،541 ވޯޓު -- 2.55 ޕަސަންޓް ލިބިވަޑައިގަތްއިރު އަމިއްލަ ގޮތުން ވާދަކުރެއްވި އަހުމަދު ފާރިސް މައުމޫނަށް 3،097 ވޯޓު -- 1.43 ޕަސަންޓް ލިބިވަޑައިގަތެވެ.

އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމަށް 1،795 ވޯޓު -- 0.83 ޕަސަންޓް ލިބިވަޑައިގަތްއިރު އަމިއްލަ ގޮތުން ވާދަކުރެއްވި ހަސަން ޒަމީލަށް 325 ވޯޓު -- 0.15 ޕަސަންޓް ލިބިވަޑައިގަތެވެ.