ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލީ ތަން ނޫން އެހެން ތަނެއްގައި ދެވަނަ ބުރުގައި ވޯޓުލާން އެދޭނަމަ، ރީ-ރަޖިސްޓްރީ ކުރުމަށް ދެ ދުވަސް ދިނުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.
އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ އައި ގޮތުން ދެވަނަ ބުރެއް ބާއްވަން ޖެހެ އެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް 50 އިންސައްތަ އިން މަތިން ވޯޓު ލިބިފައެއް ނުވެ އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 30 ވަނަ ދުވަހު އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު މިއަދު ވިދާޅުވީ ފުރަތަމަ ބުރުގައި ވޯޓުލީ ތަން ނޫން އެހެން ތަނެއްގައި ދެވަނަ ބުރުގައި ވޯޓު ލާން އެދޭ މީހުންނަށް، ރީ-ރަޖިސްޓްރީކުރަން ދޭނީ ދެ ދުވަސް ކަމަށެވެ.
ދެވަނަ ބުރަށް ރީ ރަޖިސްޓްރީ ކުރުން ކުރިއަށް ގެންދަން ނިންމާފައިވަނީ މި މަހުގެ 16-17 ގައެވެ. ނަމަވެސް، އެކަން ރަސްމީކޮށް އަދި އިއުލާން ނުކުރާ ކަމަށްވެސް ފުއާދު ވިދާޅުވި އެވެ.
ދެ ވަނަ ބުރުގައި ވާދަކުރައްވާނީ ފުރަތަމަ ބުރުގެ ވޯޓުން 46 ޕަސަންޓް ލިބިވަޑައިގެންނެވި ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި 39 ޕަސަންޓް ހޯއްދެވި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެވެ.