ޝުއައިބްގެ މަރު

ޝުއައިބްގެ މަރުގެ މައްސަލައިގެ އަޑުއެހުމެއް މާދަމާ

އައްޑޫ ސިޓީގެ މަރަދޫފޭދޫގައި ތޫނު އެއްޗަކުން ހަމަލާދީ ބޭބެ މަރާލި ކަމަށް އިއުތިރާފްވެފައިވާ ކޮއްކޮ -- ހުސައިން މަވާޒްގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ އަޑުއެހުމެއް މާދަމާއަށް ތާވަލްކޮށްފި އެވެ.

މަވާޒް ހަމަލާ ދިނުމާ ގުޅިގެން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް އޭނާގެ ބޭބެ -- މަރަދޫފޭދޫ، ބްލޫ ސްޓާ، އަހްމަދު ޝުވައިބް (27 އ) މަރުވީ މިދިޔަ ޖޫން މަހުގެ އެއްވަނަ ދުވަހު އެވެ.

ބޭބެ މަރާލުމަށްފަހު މަވާޒް ފުރަތަމަ އުޅުނީ ފިލައިގެންނެވެ. އޭނާ ހައްޔަރުކުރީ އަމިއްލައަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމުންނެވެ.

ދައުލަތުން މަވާޒަށް ދައުވާކުރަނީ މާރާމާރާ ހިންގުމަށްފަހު ވަޅިއަކުން ހަމަލާދީ އޭނާގެ މަރާލި މައްސަލާގަ އެވެ.

ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި މިދިޔަ މަހުގެ 31 ވަނަ ދުވަހު މަވާޒް ވަނީ އޭނާގެ ބޭބެއަށް ހަމަލާދީ މަރާލި ކަމަށް އިއުތިރާފްވެ އެކަން ހިނގި ގޮތް ކިޔައިދީފަ އެވެ. ކުރެވުނު ކުށަށް ތައުބާވެފައިވާ ކަމަށްވެސް ބުންޏެވެ.

މަވާޒް ބުނީ ބޭބޭ މަރާލީ ތިން އިންޗި ބައިގެ ތިލައެއް ހުރި ކަތުރަކުން ހަމަލާދީގެން ކަމަށާއި ހަމަލާ އަމާޒުވީ ބޭބެގެ ވައަތު ކަރާއި ދިމާލުން ތިރިއަށް މެއަށް ކަމަށެވެ.

މަވާޒްގެ އިއުތިރާފާ ގުޅިގެން ކޯޓުން ވަނީ އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށްވެސް މިދިޔަ މަހުގެ 31 ވަނަ ދުވަހު ކަނޑައަޅާފަ އެވެ. މަވާޒަށް އަދަބު ކަނޑައެޅުން އޮންނާނީ 10 ވަރަކަށް ދުވަސް ފަހުން ކަމަށް ކޯޓުން އެ ދުވަހު ބުނެފައިވެ އެވެ. އެހެންކަމުން މާދަމާ މެންދުރުފަހު 1:00 ގައި މިމައްސަލައިގައި ޝަރީއަތުގެ މަޖިލީހެއް ބޭއްވުމަށް ކޯޓުން މިހާރު ވަނީ ތާވަލްކޮށްފަ އެވެ.

ދައުލަތުން މަވާޒްއާ އެކު ހަދާފައިވާ އެއްބަސްވުމާ އެއްގޮތަށް މަވާޒް ކުރިއަށްދާނަމަ އޭނާގެ މައްޗަށް އިއްވާނީ 12 އަހަރާއި ހަ މަހުގެ ޖަލު ހުކުމެކެވެ. މާދަމާގެ އަޑުއެހުމުގައި އިއުތިރާފް އެއްބަސްވުން ދަމަހައްޓަން މަވާޒް ބޭނުންވާނަމަ މާދަޟާ އަދަބާ ގުޅޭގޮތުން ވާހަކައ ދެއްކުމަށްފަހު ހުކުމް ކުރާނެ އެވެ.