ޑރ. މުހައްމަދު މުއިއްޒު

މުއިއްޒުގެ ދައުވަތު ވާދަވެރި ޕާޓީތަކަށް

ރިޔާސީ ކެމްޕޭންގެ ދެވަނަ ބުރުގައި އޭނާގެ ކެމްޕޭނާ ގުޅުމަށް ވާދަވެރި ހުރިހާ ސިޔާސީ ޕާޓީތަކަށް ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ދައުވަތު ދެއްވައިފި އެވެ.

ސިޔާސީ ޕާޓީތަކަށް މުއިއްޒު، އާންމު ދައުވަތެއް ފޮނުއްވާފައި މިވަނީ އިއްޔެ ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި އޭނާއަށް ލިބިވަޑައިގެންނެވި ބޮޑު ކާމިޔާބީއަށް ފަހު ތާއީދުކުރާ ފަރާތްތަކަށް ޝުކުރު އަދާކުރުމަށް މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

"އަޅުގަނޑު މިދިއްކޮށްލީ ރަހްމަތްތެރިކަމުގެ އަތެއް. ގައުމު ދެކެ ލޯބިވާ ކޮންމެ މީހަކު ކޮންމެ ޕާޓީއެއް އަޅުގަނޑުމެންނާ އެކު ވަޑައިގަންނަވާ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އޭނާ ހުންނެވީ ގައުމީ މަސައްކަތަކަށް ނިކުމެވަޑައިގެން ކަމަށާއި އެ މަސައްކަތް މިމަހުގެ 30 ވަނަ ދުވަހު ނިންމުމަށް އިއްޔެގެ އިންތިހާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންނާއި އެ ކެންޑިޑޭޓުން ނިސްބަތްވާ ޕާޓީތަކުން އޭނާ ދިއްކޮށްލެއްވި އަތުގައި ހިފުމަށް އެދޭ ކަމަށެވެ.

އޭނާއާ ގުޅުމަށް މުއިއްޒުގެ ޝަރުތަކީ ގައުމުގެ ބަހާތަކާއި، މިނިވަންކަމަށް އިހްތިރާމު ކުރުމެވެ. އޭނާގެ އެންމެ ބޮޑު ވައުދަކީ ގައުމުގެ މިނިވަންކަން ދެމެހެއްޓުން ކަމުގައި ވިދާޅުވި އެވެ.

ރަށްރަށުގައި ތިބި އޭނާގެ ސަޕޯޓަރުންނަށްވެސް މުއިއްޒު އިލްތިމާސް ކުރެއްވީ ސިޔާސީ ފިކުރަށް ވުރެ ގައުމު އިސްކޮށްގެން މަސައްކަތް ކޮށްދެއްވުމަށެވެ.

"މިއަކު ނެތް ހިޔާލުތަފާތުވުމެއް،" އޭނާ ވިދާޅުވި އެވެ.

އޭގެފަހުގައި މުއިއްޒު ދެއްވި ޔަގީންކަމަކީ އިއްޔެ އޭނާއާ ދެކޮޅަށް ވޯޓު ދިން ރައްޔިތުންނަކީވެސް އޭނާއަށް ވެރިކަން ލިބިވަޑައިގަންނަވާ ދުވަހު ހަމަހަމަ ރައްޔިތުން ކަމާއި އެއްވެސް ރައްޔިތެއް ތަފާތު ނުކުރާނެ ކަމުގެ ޔަގީންކަމެވެ. އާބާދީ ކުޑަޔަސް ބޮޑަސް އެއްވެސް ރަށެއް ތަފާތު ނުކޮށް ތަރައްގީ ޔަގީންކޮށްދެއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ކައިރިއަށް ވަޑައިގަންނަވާ. ގައުމީ މި މަސައްކަތުގައި ބައިވެރިވެވަޑައިގަންނަވާ،" އެނާ ވިދާޅުވި އެވެ.