ފިނިޕޭޖް

މި ލޯބީގެ ރާޅު ނުނަގާ އަދި ނާރާ ހިތެއް ވެސް ނެތް!

އެ އަޑުގެ ހިތްގައިމުކަން ނުބީހޭ ކަންފަތެއް ނުވަތަ ހިތެއް މި ދިވެހި ރާއްޖެއަކު މިހާރު ނެތޭ ބުންޏަސް ރަނގަޅުވާނެ އެވެ. އަހުމަދު ނަޒީހުގެ އަޑުން އުފެއްދީ އެހާ ވެސް ބާރުގަދަ، ލޯބީގެ ސުނާމީއެކެވެ. މި ރާޅެއް ނާރާ ރަށެއް އަދި ހިތެއް ވެސް މިއަދު ނެތެވެ. މި ރާޅެއްގައި ޖެހި، ބެހި، ކަނޑުވިޔަސް ބަޔަކަށް ފަރުވާލެއް ވެސް ނެތެވެ.

އެންމެން ވެސް ބޭނުންވަނީ "ރާޅުބޯއި" ގެ އަޑުގެ ފުންމިނަށް އޭނާއާ އެކު ފީނާށެވެ.

މޯލްޑިވިއަން އައިޑޮލްގެ ރާޅުބޯއި ނުވަތަ ނަޒީހަށް މިވަރުގެ ޓްރީޓްމަންޓެއް ނުދީ އޭނާގެ ވާހަކަ ފަށައިގަނެވޭނެ ގޮތެއް ވެސް ނެތީ އެވެ. މިހައި ހިސާބުން ހަނދާނަށް އަންނަނީ މާލޭ ސިޓީގެ އޮޑިޝަނުގައި 18 އަހަރުގެ ނަޒީހު ބައިވެރިވެ ގޯލްޑެން ޓިކެޓް ހާސިލުކުރި ދުވަހު ޖަޖު އައްމަޑޭ ބުނި ވާހަކަ އެކެވެ. ވަރަށް ގިނަ ބަޔަކު އަޝޯހުކޮށްލާނެ ނުވަތަ އެތައް ބައެއްގެ ހިތްތައް އަތުލާނެ އަޑަކަށް ނަޒީހު ބަދަލުވެގެންދާނެ ކަމަށް އައްމަޑޭ އެ ދުވަހު ބުންޏެވެ.

އެކަން މިއަދު މި ވަނީ ހަގީގަތަކަށް ބަދަލުވެފަ އެވެ. ގޭގެ ސިޓިންރޫމަށް ވެސް، ސޯޯޝަލް މީޑިއާ އަށް ވެސް އަދި ކޮފީ މޭޒަށް ވެސް މި ދުވަސްކޮޅު ބިންދަމުންދާ ރާޅަކީ "ރާޅުބޯއި" އެވެ. ދެ އަންހެން ކުއްޖަކު އެއްތަންވިޔަސް ރާޅުބޯއިއާ ބެހޭ އަނގައެއް ތަޅާނުލެވެނީސް އެ ދެބައޮޑުވުމެއް މިހާރަކު ނިމުމަކަށް ވެސް ނާންނަ ކަހަލަ އެވެ.

އަހުމަދު ނަޒީހު މި ވަނީ މޯލްޑިވިއަން އައިޑޮލްއާ އެކު އެހާ ވެސް ނުފޫޒުގަދަ އަޑަކަށް އަދި އާންމުންގެ ފެވަރިޓަކަށް ބަދަލުވެފަ އެވެ. އެކަމަކު އެނގޭ ހެއްޔެވެ؟ ޓީވީ އިން އެ ފެންނަ ނަޒީހަށް ވުރެ ރާޅުބޯއިގެ ބާނިތައް ގިނަ އެވެ.

އޭނާ ލަވަކިޔަން ފެށީ އިހަކަށް ދުވަހު!

މޯލްޑިވިއަން އައިޑޮލްގެ ގަދަ 12 އަށް ކުދިން ހޮވެމުން އަންނައިރު ނަޒީހު އޭގެ ތެރޭގައި ހިމެނުމަކީ އެއްގޮތަކަށް ވެސް ހައިރާންވާން ޖެހޭ ވަރުގެ ކަމެއް ނޫނެވެ. އެހެން ނަމަވެސް އޭނާ މިގޮތަށް ލަވަކިޔަން ފެށިތާ އަދި މާ ގިނަ ދުވަހެއް ނުވެއޭ ބުނީމަ ބައެއް މީހުން ހައިރާން ވެދާނެ އެވެ. ސަބަބަކީ ޝޯގައި ނަޒީހު ދައްކަމުން އަންނަ ކުޅަދާނަ ކަމެވެ.

އެކަމަކު އެނގޭ ހެއްޔެވެ؟ މި ފެންވަރުގައި އޭނާ އެ ޕާފޯމްކުރަނީ މުޅިން އަލަށެވެ. އަދި މިއީ އިހަކަށް ދުވަހު ލަވަކިޔަން ފެށި ޒުވާނެކެވެ.

"އެންމެ ފުރަތަމަ ކޮންމެ މީހަކު ވެސް ފަށާހެން ފާޚާނާ ސްޓޫޑިއޯގައި އަޅުގަނޑު ވެސް ފެށީ،" ސަމާސާ ރާގެއްގައި ނަޒީހު ބުނެލި އެވެ.

އޭނާ ބުނީ ރަށުގައި އޮންނަ ބޮޑުބެރު ގްރޫޕަކާއި ބޭބެ އުޅޭ ބޮޑުބެރު ގްރޫޕެއްގެ ނުފޫޒު ބޮޑުވެ ލަވަކިޔުމުގެ ތެރެއަށް ވަދެވުނީ 2014 ވަނަ އަހަރު ކަމަށެވެ. އޭގެ ކުރިން އޭނާގެ ހަޔާތުގައި ލަވަ އާއި މިއުޒިކްގެ މާ ގިނަ ރާގުތަކެއް ކުޅެފައެއް ނުވެ އެވެ.

"އަޅުގަނޑަކީ އެހާ އާންމުކޮށް ލަވަ ވެސް އަޑުއަހާ މީހެއް ނޫން. ލަވަކިޔާ ހިތްވީ އަސްލު މީގަ ބައިވެރިވެގެން އޮޑިޝަނުން ހޮވުނު ހިސާބުން. ލަވަކިޔާ ހިތްވޭ. އެކަމަކު ކެރިއާއެއްގެ ގޮތުގައި ނުވަތަ ސީރިއަސްކޮށް މިގޮތަށް ލަވަކިޔަން ބޭނުންވީ އޮޑިޝަނުން ހޮވުނު ހިސާބުން،" ނަޒީހު ކިޔައިދިނެވެ.

ދިވެހި އާޓިސްޓުންގެ ތެރެއިން އޭނާ އަށް އެންމެ ކަމުދަނީ ޒީރޯ ޑިގްރީގެ ލަވަތަކެވެ. އެހެން ނަމަވެސް އޮޑިޝަނުގައި އަލީ ރަމީޒުގެ ލަވައެއްކީ ނަޒީހު ބުނީ އަލީ ރަމީޒަކީ ވެސް ވަރަށް ގަޔާވާ މޮޅު ލަވަކިޔުންތެރިއެއް ކަމަށާއި ފައްތޭގެ ލަވަތައް ވެސް ކަމުދާ ކަމަށެވެ.

ގެސްޓުން ގޮވައިގެން ވަރަށް ބިޒީ، ވަރަށް މަޖާ ލައިފެއްގައި!

ނަޒީހުގެ އާއިލާ އަކީ ކ. މާފުށީގައި ގެސްޓް ހައުސްގެ ވިޔަފާރި ކުރާ އާއިލާއެކެވެ. ގާތްގަނޑަކަށް މީގެ ފަސް ވަރަކަށް އަހަރު ކުރިން ފަށައިގެން ފުޅާކުރަމުން އަންނަ މި ވިޔަފާރީގައި އޭނާ އަކީ ވެސް ވަރަށް މުހިންމު މެމްބަރެކެވެ. ފަހަރެއްގައި ބޮޑަށް ލަވަކިޔުމާއިގެން މީގެ ކުރިން ނަޒީހަށް އުޅެވިފައި ނެތީ ވެސް އާއިލާގެ މި ވިޔަފާރިއެއްގެ ތެރޭގައި މާ ބިޒީކޮށް އުޅެން ޖެހުމުންނެވެ.

ކިޔެވުން ނިންމާލި ގޮތަށް އޭނާ މަސައްކަތްކުރަމުން އަންނަނީ ބައްޕަގެ ގެސްޓް ހައުސް ވިޔަފާރީގައި ގެސްޓް ރިލޭޝަން މެނޭޖަރަކަށެވެ.

މީގެ ފަސް އަހަރުކުރިން އެމީހުންގެ އެ ވިޔަފާރި ފެށީ އަށް ކޮޓަރިންނެވެ. މިއަދު އެ އަދަދު ވަނީ 16 އަށް އަރައިފަ އެވެ. މީގައި އަދި އެންމެ ބޮޑަށް ފާހަގަކޮށްލަން ޖެހޭ ތަންކޮޅަކީ މި ވިޔަފާރިއެއްގައި ގެސްޓުންނަށް ހިދުމަތް ދިނުމުގެ މަސައްކަތަށް ހުސްވެގެން އޮތް ނަޒީހުގެ އާއިލާ އެވެ.

"ގެސްޓް ހައުސްގައި މުޅިން ވެސް މަސައްކަތްކުރާނީ އާއިލާގެ މީހުން. ހިދުމަތް ދޭން ތިބޭނީ މުޅިން ވެސް އާއިލާގެ މީހުން. ބައްޕަ އަކީ އޯނަރު. މަންމަ އަކީ ޝެފް. ދޮންބެ އަކީ ލޯންޗު ކެޕްޓަން. ބައްޕަ ވެސް އުޅޭނެ ބައެއް ފަހަރު ލޯންޗު ކެޕްޓަނަކަށް. ދެން އުޅޭނެ ކަޒިންސްތައް ވެސް. ތިއްތަ އަކީ ރިސެޕްޝަނިސްޓް. ދޮންތަ އަކީ ރޫމް ސާވިސްގައި އިސްކޮށް އުޅޭ މީހާ،" ނަޒީހު ކިޔައިދިނެވެ.

"އަޅުގަނޑު ދެން އުޅޭނީ ދޮންބެއާ އެކު ގެސްޓުން ގޮވައިގެން ދަތުރު ގޮސް އާންމުކޮށް. ގެސްޓުން ގޮވައިގެން ގެސްޓުންނާ ވާހަކަ ދެއްކުމާއި އެމީހުންނަށް ދަތުރު އެޅުވުމުގައި އަޅުގަނޑު އުޅޭނީ. ގެސްޓް ރިލޭޝަން ބައިގައި އުޅެނީ."

ނަޒީހު ބުނީ އިތުރަށް ކިޔަވަން ބޭނުންވިޔަސް މިވަގުތު މަޑުކޮށްލައިގެން ހުރީ މޯލްޑިވިއަން އައިޑޮލްގެ ފުރުސަތާ ހެދި ކަމަށެވެ.

"ސްކޫލް ނިންމާލި ގޮތަށް މި އުޅެނީ އާއިލާގެ މި ވިޔަފާރީގެ ތެރޭގައި. ބައްޕަ ބުނޭ ކިޔަވަން ދާން ވެސް. އެކަމަކު އަދި އަޅުގަނޑު ކިޔަވަން ދާ ހިތް ނުވާތީ މަޑުކޮށްލައިގެން ހުއްޓާ މޯލްޑިވިއަން އައިޑޮލް އިން ޗާންސް މި ލިބުނީ. މީތި ނިންމާލާފަ ކިޔަވަން ދާނަން،" ނަޒީހު ބުންޏެވެ.

އޭނާ ބުނީ ކިޔެވުމަށް ވުރެ ބޮޑަށް ޝައުގުވެރިވަނީ އާއިލާގެ ވިޔަފާރިއާ އެކު ކުރިއަށް ދިއުމަށެވެ. އަދި އެ ލައިފް މާ ބޮޑަށް އެންޖޯއިކުރެވޭ ކަމަށް ވެސް ބުންޏެވެ.

"ބައެއް ދުވަސް ދުވަހު ވަރަށް ބިޒީވެދާނެ. އެކަމަކު ވަރަށް ފަންވާނެ ކުރަން ޖެހޭ މަސައްކަތް. ފޫއްސެއް ނުވާނެ އެ މަސައްކަތް ކުރާކަށް. އަބަދުވެސް ކަނޑުމަތީގައި އެގޮތަށް އުޅެން ޖެހުމުން ވަރަށް ރިލެކްސިން. ވަރަށް ފަން. ކުރާ ހިތުން މަސައްކަތްކޮށްލެވޭނެ،" ނަޒީހު ބުންޏެވެ.

"ގެސްޓުން އާންމުކޮށް އުޅޭނީ ގްރޫޕް ގްރޫޕަށް. އާންމުކޮށް އުޅޭނެ 30 މީހުން. ވަރަށް ގިނަ ވާނެ. އެހެން އުޅޭއިރު ގެސްޓުންނަކީ ވަރަށް އަވަހަށް ނިދާ ބައެއް. ދެން ހެނދުނު ހޭލާނެ ވަރަށް ފަތިހާ. ދެން ގާތްގަނޑަކަށް ހަތެއް ޖަހާއިރު ކޮންމެ ދުވަހަކު ވެސް ނައްޓާލަން ޖެހޭނެ އެމީހުން ގޮވައިގެން ޕިކްނިކް އައިލެންޑްތަކަށާއި ރިސޯޓްތަކަށް."

ހިތްތައް ފަތަހަކޮށްފި، އެކަމަކު ލޯބިވެރިޔަކު ބޭނުމެއް ނޫން!

މޯލްޑިވިއަން އައިޑޮލްގައި ބާކީ ތިބި ލަވަކިޔުންތެރިންތަކަށް ބަލާއިރު ނަޒީހު ވެގެން ގޮސްފައި މި ވަނީ އަންހެން ކުދިންގެ މެދުގައި އެންމެ މަގްބޫލުކަން ބޮޑު ޒުވާނާ އަށެވެ. ފަހަރެއްގައި މުޅި ޝޯ އިން ވެސް މިހާތަނަށް ފެނުނު އެންމެ މަގްބޫލު ބައިވެރިޔަކަށް ނަޒީހުވާނެ އެވެ.

ހިތްތަކެއް އޭނާ ފަތަހަކޮށްފި އެވެ. އަދި އެއީ ހަމައެކަނި އަންހެން ކުދިންތަކެއްގެ ނަފުސާއި ފުރާނައެކޭ ވެސް ބުނެވޭކަށް ނެތެވެ.

"އަޑު ބަރުވީމަހެން އަޅުގަނޑަށް ހީވަނީ އަންހެން ކުދިންނަށް ކަމުދަނީ. އަންހެން ކުއްޖެއް ކައިރީގައި އަހާލަން ޖެހޭނީ. ކޮންމެ މީހަކު ވެސް ބުނާއިރު ބުނާނީ ޔޫ ހޭވް އަ ނައިޒް ވޮއިސްއޭ. ދެން އަޅުގަނޑަކަށް ނޭނގޭ އެއަށް އެއްޗެކޭ ބުނާކަށް،" ބަރު ބަރު އަޑަކުން ލަދުރަހި ގޮތަކަށް ވާހަކަ ދައްކަމުން ނަޒީހު ބުންޏެވެ.

އޭނާ ބުނީ ހިތްތަކެއް އޭނާ އަށް އޮހެމުން ދިޔަނަމަވެސް ލޯބީގެ ޑްރާމާއެއްގައި ޖެހެން މިވަގުތު ބޭނުން ނުވާ ކަމަށެވެ. ލޯތްބަށް ސަލާމް ބުނެގެން މިހާރު ވެސް ބިޓެއް ނުނަގައި ހުސްކޮށް ހުރީ އެހެންވެގެން ކަމަށް އޭނާ ބުންޏެވެ.

"ބިޓެއް ނެތް. ހަމަ ސިންގަލް ލައިފް. ދުވަހަކު ބިޓެއް ނަގާ ހިތްވާ މީހެއް ވެސް ނޫން އަޅުގަނޑަކީ. އުމުރަށް ސަލާމް އެކަމަށް. އެއް ކުއްޖަކާ ރައްޓެހިއްވެޖެ ނަމަ ދެން ތިބި ކުދިން ކިހިނެތް ހަދާނީ،" ސަމާސާއަކަށް ހަދައިގެން ނަޒީހު ބުނީ މިހެންނެވެ.

"ރިލޭޝަންޝިޕަކަށް ދާން ބޭނުމެއް ނޫން އަޅުގަނޑު. އެ ޑްރާމާއެއް ބޭނުމެއް ނޫން އަދި. ވަގުތެއް ނެތް ދެވޭކަށް."

ނަޒީހު ބުނީ އުޅެން ޖެހޭ ގޮތުން ފޭނުންނަށް އަދި ހިތްކިޔައިގެން އުޅޭ އަންހެން ކުއްޖަކަށް ވެސް ރިޕްލައިކޮށްލުމަކަށް ވަގުތެއް ވެސް ނުވާ ކަމަށެވެ. އަންހެން ކުދިންގެ ފޮނުވާ ހިތާއި ލޯބިން އޭނާގެ އިންބޮކްސްތައް ވަނީ މިހާރު ވެސް ފުރިފަ އެވެ.

"ފޯނަ ގުޅާނެ ދެން. ގުޅީމަ ތެންކިޔޫއޭ ބުނެލެވެނީ ދެން. ފޭސްބުކް އަދި ސޯޝަލް އެހެން ނެޓްވޯކްތަކުގައި ވެސް އަޅުގަނޑުގެ އެކައުންޓްތަކުގެ އިންބޮކްސްތައް ހުންނަނީ އަބަދުވެސް ގާތްގަނޑަކަށް ފުލްވެފައި. ދެން އެ ހުރިހާ މެސެޖުތަކަކަށް ވެސް އަޅުގަނޑަކަށް ރިޕްލައިއެއް ނުކުރެވޭނެތާ. ވާހަކަ އަކީ މި ކަމަށް ފޯކަސްކޮށްގެން އަޅުގަނޑު މި އުޅެން ޖެހެނީ،" ނަޒީހު ބުންޏެވެ.

"އެކަމަކު ވަގުތެއް ލިބޭ އިރަށް އޮންލައިން ވެލާފައި ތެންކިޔޫއޭ ބުނެލަން އެކި މީހުންނަށް ވީވަރަކުން."

ރާޅުބޯއިއޭ ކިޔަސް ރާޅަކަށް ނުދޭ!

"އަސްލު އަޅުގަނޑަކީ ރާޅާ އަޅާ މީހެއް ނޫނޭ. ގާތްގަނޑަކަށް ތިން ވަރަކަށް ނުވަތަ ފަސް ވަރަކަށް ދުވަހު ހުންނާނީ ދެވިފައި ރާޅަށް. އަދި އެވެސް ދަސްކުރަންވެގެން. އެއީ ބޮޑު ސާފުބޯޑެއްގައި ވެސް ނޫން. އޮށޯވެލައިގެން އޮންނަ ކަހަލަ ބޫގީ ބޯޑް ހިފައިގެން އެއީ. އެހެންވީމަ އަސްލު ރާޅާއަރުވާ މީހެކޭ އަޅުގަނޑަކާ ދިމާލަށް ނުބުނެވޭނެ ދޯ،" ރާޅުބޯއިއެއްގެ ސިފައިގައި ނޫން އެހެން ސިފައެއްގައި ޝޯއިން ފެނިދާނެތޯ ސުވާލުކުރުމުން ނަޒީހު އެންމެ ފުރަތަމަ ސާފުކޮށްލަންދޭން ބޭނުންވީ މިކަމެވެ.

"އެކަމަކު އަޅުގަނޑު ޑައިވްކުރަން. ވޯޓާ ސްޕޯޓްސް އަކީ އަޅުގަނޑު ކުރާ ހިތްވާ ކަމެއް. އެކަމަކު ރާޅާ އަޅާ މީހެއްގެ ގޮތުގައި ހީއެއް ނުވޭ ފެނިދާނެހެނެއް."

"ދެން ހީއެއް ނުވޭ ޝޯގައި ވަކި މި އަށް ވުރެ ތަފާތު ލުކެއްގައި ފެނިދާނެހެނެއް. އެކަމަކު ޝޯ ކުރިއަށްދާވަރަކުން އެނގޭނީ. މިސާލަކަށް ލިބޭ ލަވައަކުން އަޅުގަނޑު ހިތަށް އަރާފާނެ ބޯކޮށާލާނީއޭ. ބޮލުގެ ކުލަ ބަދަލުކޮށްލާނީއޭ،" އަވީގައި އުޅެއުޅެ ބޮލުގެ ކުލަ ބަދަލުވެފައިވާ ޒުވާނާ ބުންޏެވެ.

"އަވީގައި މި އުޅެވެނީ ހެނދުނު ނުކުންނަ ގޮތަށް، މޫދަށް އެރޭ ގޮތަށް ގެއަށް ފެންވަރަން ދެވޭނީ އިރުއޮއްސި ހައެއް ހަތެއް ޖަހާކަންއިރު. އެގޮތަށް ކޮންމެ ދުވަހަކު ވެސް އެވަރަށް އަވީގައި އުޅެނީ. ބޮލަށް ކުލަ އަރާފައި މި ހުރީ އޭރު ވަރަށް ތުނިކޮށް ބޯ ހުއްޓައި ލޮނު ހޭކި ހިކިގެންހެން ހީވަނީ."

މިހާރު ވެސް މޯލްޑިވިއަން އައިޑޮލް ލިބިއްޖެ!

ނަޒީހަށް އިހްސާސްވަނީ މިހެންނެވެ. އޭނާ ބުނީ މިހާ ހިސާބަށް އާދެވުމަކީ ޝޯ ކާމިޔާބުކުރެވުން ކަހަލަ ކަމެއް ކަމަށެވެ. އަދި ލަވަކިޔުމާ ދުރަކަށް ދެން ދުވަހަކު ވެސް ނުދާނެ ކަމަށް ބުންޏެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިހާރު ވެސް ވިންވެފައި މި އޮތީ މި ކޮމްޕެޓިޝަން. ޓޮޕް 12 އަށް މި ދެވުނީ. ގާލާ ރައުންޑަށް. އެހެންވީމަ ވަރަށް މަސައްކަތުން މިހާ ހިސާބަށް ވެސް މި އާދެވުނީ. މިހާރު އަޅުގަނޑުގެ ފޭން ބޭސްއެއް އެބައޮތް. އެހެންވީމަ ވާހަކަ އަކީ މީގެ އިން ކެޓިޔަސް އަޅުގަނޑުގެ މިއުޒިކް ލައިފް ނިމުނީކީއެއް ނޫން. އަޅުގަނޑުގެ ލަވަތައް އަޑުއަހަން ގިނަ ބަޔަކު ތިބޭނެދޯ،" ނަޒީހު ބުންޏެވެ.

"ކެޓިޔަސް މިއުޒިކް ކެރިއާއަށް މި އޮތީ ބޫސްޓެއް ލިބިފައި މޯލްޑިވިއަން އައިޑޮލްގެ ސަބަބުން."

ދެން މި އޮތީ ނަޒީހުގެ ހާއްސަ ޝުކުރެވެ.

"އެންމެ ޝުކުރު އަދާކުރަން ބޭނުންވަނީ ތޭރަވާ ސޯއަށާއި ލަވަކިޔުންތެރިޔާ އަންދަލާ "އަންޔާ" ހަލީމަށް. އެ ދެ މީހުންނަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރަން ބޭނުންވޭ. އަންޔާ އަކީ އަޅުގަނޑުގެ ގާތް ރައްޓެއްސެއް. އޭނަ އަޅުގަނޑަށް ވަރަށް ހެލްޕްވޭ ލަވަކިޔުމުގައި. ދެން ތޭރަ ސޯއަކީ އެންމެންގެ ވެސް ކޯޗު. އެކަމަކު އަޅުގަނޑު ޕްރައިވެޓްކޮށް އޭނާގެ ސްޓޫޑިއޯގައި ވެސް ފަރިތަކުރުވަމުން ދަނީ."