ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

"އެންމެ ބޮޑު ޗެލެންޖަކަށްވީ ދޮގު ވާހަކަތަކަށް ރައްދު ނުދެވުން"

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީއަށް އެންމެ ބޮޑަށް ގެއްލުން ލިބުނު ކަމަކީ އިދިކޮޅުން ފަތުރަމުން ދިޔަ ދޮގު ވާހަކަތަކުގެ ހަގީގަތް ރައްޔިތުންނަށް އޮޅުންފިލުވައިނުދެވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ދެއްވި އިންޓަވިއުއެއްގައި ރައީސް ސޯލިހު ވިދާޅުވީ ކެމްޕޭނުގެ ތެރޭގައި އިދިކޮޅުން އެމަނިކުފާނަށް އަމާޒުކޮށްގެން އެކި ކަހަލަ ދޮގު ވާހަކަތައް ދައްކަމުންދިޔަ ކަމަށެވެ.

އެގޮތުން ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ގެއްލުވާލުމަށް މަސައްކަތްތަކެއްކޮށްފައި ހުރި ކަމަށް ބުނެ ދައްކާފައިވާ ވާހަކަތަކާއި ބޭރުގެ ސިފައިން ރާއްޖޭގައި ތިބި ކަމަށް ބުނެ ދައްކާފައިވާ ދޮގު ވާހަކަތައް ހިމެނޭ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

"އެކަހަލަ ބައެއް ދޮގު ވާހަކަތަކެއް ކިޔައިދީގެން ރައްޔިތުންގެ ބޮލަށް ގަބޫލުކުރެވޭ ވަރަށް އެ ވާހަކަތައް ދައްކާފަ އެބަ ހުރި. އެއީ އެއްވެސް ކަހަލަ ހަގީގަތެއް އޮތް ވާހަކަތަކެއް ނޫން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މި ވާހަކަތައް ރައްޔިތުންނަށް އޮޅުންފިލުވައިދެވޭ ވަރަށް އެމަނިކުފާނަށް ފުރަތަމަ ބުރުގައި ކެމްޕޭނެ ކުރެވިފައި ނެތް ކަމަށެވެ. އަދި އެއީ އެމަނިކުފާނަށް ފުރަތަމަ ބުރު ވެގެން ދިޔަ އެންމެ ބޮޑު ޗެލެންޖު ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައްޔިތުންނަށް އެ ވާހަކަތަކުގެ ހަގީގަތް ހާމަކޮށްދީ، ހާމަކުރެވެން އޮތް ހުރިހާ އެއްޗެއް ހާމަކުރައްވާނެ ކަމަށެވެ.

އެ ގޮތުން ރާއްޖޭގެ މިނިވަންކަން ގެއްލުވާލުމަށް އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމާއި އިދިކޮޅުން ފަތުރަމުންދާ ވާހަކަތަކުގެ ދޮގުކަން އެމަނިކުފާނު މި ބުރުގައި ހާމަ ކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.

"މި ބުރުގައި ހާމަ ކުރެވެން އޮތް ހުރިހާ އެއްޗެއް ހާމަކޮށް ރައްޔިތުންނަށް އޮޅުންފިލުވަ ދޭނަން." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި ކަންތައްތައް ހާމަކުރެއްވުމުން، އެ ފަތުރަމުންދާ ވާހަކަތަކަކީ އޮޅުވާލުމާއި ދޮގުހެދުމުގެ ތެރެއިން ދައްކާފައިހުރި ވާހަކަތަކެއް ކަން ރައްޔިތުންނަށް ވިސްނޭނެ ކަމަށެވެ. އަދި މި ބުރުގައި އެކަން އޮޅުންފިލުވައިދިނުމަށް ކުރެވެން އޮތް ކަމެއް ކުރާނެ ކަމަށް ވިދާޅުވި އެވެ.