ދުނިޔެ

ބެންޖަމިން ނަތަންޔާހޫ އެމެރިކާއަށް، ޖޯ ބައިޑަންއާ ބައްދަލު ނުކުރައްވާނެ

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މި މަހު އެމެރިކާއަށް ވަޑައިގަންނަވާނެ އެވެ. އެހެނެއް ކަމަކު އޭނާ އެމެރިކާގެ ރައީސް ޖޯ ބައިޑަންއާ ބައްދަލު ނުކުރައްވާނެ ކަމަށް ބޮޑުވަޒީރުގެ އޮފީހުން ބުނެ އެވެ.

ނަތަންޔާހޫގެ މި ދަތުރަކީ މިދިޔަ އަހަރު ފަހުކޮޅު އިޒްރޭލުގެ ބޮޑުވަޒީރުގެ މަގާމަށް އަލުން ހޮވިވަޑައިގަތުމަށް ފަހު އޭނާ އެމެރިކާއަށް ކުރައްވާ ފުރަތަމަ ދަތުރެވެ.

ބެންޖަމިން ނަތަންޔާހޫ އުއްމީދު ކުރައްވައިގެން ހުންނެވީ ބޮޑުވަޒީރުގެ މަގާމަށް ވަޑައިގަތުމާ ދިމާކޮށް އެމެރިކާގެ ރައީސްގެ ހާއްސަ ދައުވަތެއް އޭނާއަށް ލިބިވަޑައިގަންނަވާނެ ކަމަށެވެ. ނަމަވެސް އަދިއަދަށް ދާންދެން ވެސް އޭނާގެ މި އުއްމީދު އޮތީ ހުހަށެވެ.

ބޮޑުވަޒީރުގެ އޮފީހުން ބުނާ ގޮތުން ނަތަންޔާހޫ ސެޕްޓެމްބަރު 18 ގައި ފުރަތަމަ ވަޑައިގަންނަ ވާނީ ސަން ފްރަންސިސްކޯ އަށެވެ. އެއީ ސިލިކަން ވެލީގައި އޮންނަ ޓެކްނޮލޮޖީ މަޝްވަރާ ބައްދަލުވުމަކަށެވެ.

ނަތަންޔާހޫ އެއަށްފަހު ދެން ވަޑައިގަންނަވާނީ ވޮޝިންގްޓަނަށެވެ. އެއީ އދގެ އާންމު މަޖިލީހުގައި ބައިވެރިވެ ވަޑައިގަތުމަށެވެ.

އެމެރިކާއާ އިޒްރޭލާ ދެމެދު މިފަހުން ވަނީ ކުނިޖެހިފަ އެވެ. އެއީ އެމެރިކާ ބުނާ ބައެއް ކަންކަމަށް އިޒްރޭލުން ފާޑުކިޔައި ޖަދަލުކުރާތީ އެވެ.

ނަތަންޔާހޫ ސަރުކާރުން ޝަރުއީ ނިޒާމު ފޮޅާ ސާފުކުރުމުގެ ނަމުގައި ކުރިއަށް ގެންދާ އެޖެންޑާ ހުއްޓާލުމަށް ބައިޑަން އެދިވަޑައިގަތުމުން ވެސް، ނަތަންޔާހޫ ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.

އެމެރިކާއަށް ވަޑައިގަތުމަށް ދައުވަތެއް ލިބިވަޑައިގަންނަވާނެ ކަމުގައި އުއްމީދުގައި ނަތަންޔާހޫ ހުންނަވަނިކޮށް -- އެމެރިކާ ރައީސްގެ ދައުވަތެއް ލިބިވަޑައިގަތީ އިޒްރޭލުގެ ރައީސް އައިސަކް ހަރްޒޮގަށެވެ.

އައިސަކް ހަރްޒޮގް ވައިޓް ހައުސްއަށް ވަޑައިގެން ވަރަށް ފުޅާ ދާއިރާއެއްގައި ރައީސް ބައިޑަންއާ މަޝްވަރާކުރައްވައި ވަނީ ސައްލާކުރައްވާފަ އެވެ.

ވައިޓް ހައުސްއިން މީގެ ކުރިން ބުނި ގޮތުން މި އަހަރުގެ ފަހުކޮޅު، ރައީސް ބައިޑަން، ބޮޑުވަޒީރު ނަތަންޔާހޫއާ ބައްދަލުކުރައްވާނެ އެވެ.

އެހެނެއް ކަމަކު މި ބައްދަލުވުމަށް އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްއިން އަދިވެސް ތާރީހެއް ނުދެ އެވެ.