ދިވެހި ސިފައިންގެ ބާރު ނުހިނގާ ތަނެއް ތަނެއް އަދި ބާރު ނުހިނގާ ގޮތަށް އޮޕަރޭޓް ކުރާ އެއްވެސް އުޅަނދެއް ރާއްޖޭގައި ނެތް ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފި އެވެ.
އެމްއެންޑީއެފް އިން މިހެން ބުނެފައި މިވަނީ ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމުވެ ތިބި ކަމަށާއި އެމީހުންގެ އަމަލުތައް ހުންނަ ގޮތުން ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރަމުންދާ ކަމަށް އިދިކޮޅު ފަރާތްތަކުން ތަކުރާރުކޮށް ބުނަމުން ދަނިކޮށެވެ. އަދި ސިފައިންގެ އިން މިހެން ބުނެފައި މިވަނީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވި ބޮޑު ނާކާމިޔާބީއަށްފަހު ސަރުކާރަށް ހާމަކުރެވެން ހުރި މައުލޫމާތުތައް ހާމަކޮށް ސަރުކާރަށް އަމާޒުވަމުންދާ ފާޑުކިޔުންތަކުގެ ހަގީގަތް އޮޅުންފިލުއްވައިދެއްވާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވެފައި ވަނިކޮށެވެ.
ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނެރަލް އަބްދުﷲ ޝަމާލް މިއަދު ދައުލަތުގެ މީޑިއާ އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވަނީ ރާއްޖޭގައި ބޭރުގެ ސިފައިން ތިބި ކަމަށް ބުނާ މައްސަލައިގައި ވަކިން ހާއްސަކޮށް އިންޑިއާ ސިފައިން ތިބި ކަމަށް ބުނާ މައްސަލައިގައި ވާހަކަދައްކަވާފަ އެވެ.
ޝަމާލް ވިދާޅުވީ ދިވެހި ސަރުކާރުން އެދިގެން 2011 ވަނަ އަހަރުން ފެށިގެން އިންޑިއާ އިން ރާއްޖެއަށް ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓާއި ކޯސްޓުގާޑުގެ އުޅަނދު ދީފައިވާ ކަމަށެވެ.
މިއުޅަނދުތައް ދުއްވަނީ ދިވެހި ސިފައިންނަށް އެނގިގެން ކަމަށާއި މި އުޅަނދުތައް މައިގަނޑު ގޮތެއްގައި ބޭނުންކުރަނީ ބަލި މީހުން އުފުލުމަށާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ކަމަށްވެސް ޝަމާލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދިވެހި ސިފައިންގެ އަސްކަރީ ބާރު ނުހިގާ އެއްވެސް ތަނެއް އަަސްކަރީ މަރުކަޒެއް ރާއްޖޭގައި ނުހުންނާނެ ކަމަށެވެ. އަދި ބޭރުގެ އަަސްކަރީ މަރުކަޒެއް ރާއްޖޭގައި ނެތް ކަންވެސް ޔަގީންކޮށްދެއްވި އެވެ.
"ދިވެހި ސިފައިންގެ ބާރު ނުހިނގައި ތަނެއް އަސްކަރީ އެއްވެސް މަރުކަޒެއް ނޯންނާނެ،" އޭނާ ވިދާޅުވި އެވެ.
އުތުރު ތިލަފަޅުގެ މައްސަލައިގައި ޝަމާލް ވިދާޅުވީ އެތަން ވެސް އޮތީ ދިވެހި ސިފައިންގެ ބާރުގެ ދަށުގައި ކަމަށެވެ. ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާނެ ފަދަ އެއްވެސް ކަމެއް ސިފައިން ނުކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.
ޝަމާލް އިތުރަށް ވިދާޅުވީ އެކި ގައުމުތަކާ އެކު އޮންނަ ގުޅުންތަކުގެ ތެރެއިން ދިވެހި ސިފައިން އެކި ގައުމުތަކުގެ އަސްކަރިއްޔާތަކާ އެކު އަބަދުވެސް ތަމްރީން ޕްރޮގްރާމުތައް ކުރިއަށް ގެންދާ ކަމަށެވެ. އެގޮތުން އިންޑިއާ އެމެރިކާ ފަދަ ގައުމުތަކާ އެކު އަބަދުވެސް އެފަދަ ހަރަކާތްތައް ކުރިއަށްދާ ކަމަށްވެސް ވިދާޅުވި އެވެ.