ރައީސް މުހައްމަދު ނަޝީދު

އެމްޑީޕީއާ މަޝްވަރާ ހިނގަމުން އެބަދޭ: ނަޝީދު

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކޯލިޝަން ހެދުމަށް އެމްޑީޕީއާ އެކު މަޝްވަރާތަކެއް ހިނގަމުންދާ ކަމަށް ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރާ އެކު ރޭ ބޭއްވެވި ބައްދަލުވުމަކުން ނިކުމެވަޑައިގެން ގެއަށް ވަޑައިގަންނަވަނިކޮށް ނޫސްވެރިން ކުރެެއްވި ސުވާލުތަކަކަށް ޖަވާބު ދެއްވަމުންނެވެ.

ދަ ޑިމޮކްރެޓްސް އަކީ ރިޔާސީ އިންތިހާބުގައި ތިންވަނަ ހޯދި ޕާޓީ އެވެ. އެ ޕާޓީން އިންތިހާބުގައި ވާދަކުރެއްވި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބަށް 15،789 ވޯޓު ލިބިވަޑައިގެންނެވި އެވެ. އެއީ 7.15 ޕަސަންޓެވެ.

ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ދިޔަ ކެންޑިޑޭޓުން ކަމަށްވާ ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހްއާ އެކު ކޯލިޝަން ހެދުމަށް މަޝްވަރާ ކުރަމުންދާ ކަމަށެވެ.

އެމްޑީޕީއާ އެކު މަޝްވަރާތަކެއް ހިނގަމުންދާ ކަމަށް ނަޝީދު ވިދާޅުވެފައި މިވަނީ އެފަދަ މަޝްވަރާއެއް ހިނގަމުން ނުދާ ކަމަށް ދަ ޑިމޮކްރެޓުންގެ އިސް ބައެއް އިއްޔެ ވިދާޅުވެފައި ވަނިކޮށެވެ.

ރިޔާސީ ދެވަނަ ބުރެއްގައި ރައީސް ސޯލިހްއާ ގުޅިވަޑައިގަތުމުގެ ފުރުސަތު އެބައޮތްތޯ ނޫސްވެރިން އެހުމުން ރައީސް ނަޝީދު އެކަން ނުވާނެ ކަމަކަށް ވިދާޅުވެފައެއް ނުވެ އެވެ. ނިންމަވާނީ އެންމެ ރަނގަޅަށް ކަމުގައިވެސް ވިދާޅުވި އެވެ.

"އަޅުގަނޑަށް ހީވާ ގޮތުގައި ތިބޭފުޅުންނަށް ހިތްހަމަޖެހޭ ގޮތަކަށް މިކަން ނިމިގެންދާނީ. މިގަޑީގައި އެއްގޮތަކަށް ވެސް ކަންބޮޑުވެލައްވާނެ ކަމެއް ނެތް. ކަންބޮޑުވެއްޖިއްޔާ އަޅުގަނޑަށް ހީވަނީ ގޯސްހެން ވާނީ،" ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ އިންތިހާބުގެ ނަތީޖާ އޮތް ގޮތް އެމަނިކުފާނަށް ވެސް ފެނިވަޑައިގަންވާ ކަމަށެވެ. އެހެންވެ ހުރިހާ ކަމެއްވެސް ދާނީ ރަނގަޅަށް ކަމުގައިވެސް ވިދާޅުވި އެވެ.