ރައީސް މުހައްމަދު ނަޝީދު

އެމްޑީޕީގެ މެންބަރުންތަކެއް ޕީޕީއެމްއަށް ހިނގައިދާނެ: ނަޝީދު

ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ -- އެމްޑީޕީގެ ގިނަ މެންބަރުންތަކެއް އިދިކޮޅު ޕީޕީއެމްއަށް ބަދަލުވެވަޑައިގަތުމުގެ ފުރުސަތު އެބައޮތް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ދާއިމީ ކޮމިޓީތައް އަލުން އެކުލަވާލުމުގެ މައްސަލައިގެ ތެރެއިން ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ކޮމިޓީތަކަށް އަވަސް އަވަހަށް ބަދަލު އައި ނަމަވެސް ކޮމިޓީތައް އެކުލަވާލަން ޖެހޭނެ ކަމަށެވެ. އޭގެފަހުގައި އެމަނިކުފާނު ބަހުގެ ހަމަލާއެއް ދެއްވީ އެމްޑީޕީ އަށެވެ.

"ކުރިއަށް އޮތް ތަނުގައި އެމްޑީޕީގެ އެތައް މެންބަރުންނެއް ޕީޕީއެމަށް ބަދަލުވުމަކީ ވަރަށް އެކަށީގެންވާ ކަމެއް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ނިސްބަތްވެވަޑައިގަންނަވާ ދަ ޑިމޮކްރެޓްސްގައި މަޖިލީހުގެ 12 އެބަތިއްބެވި އެވެ. ނަމަވެސް މަޖިލީހުގައި ޑިމޮކްރެޓުންގެ ގޮތުގައި ދަފްތަރުކޮށްފައިވަނީ ތިން މެންބަރުންނެވެ. އެއީ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމު، މަޑަވެެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހްމީ އެވެ.

ދަ ޑިމޮކްރެޓްސްގެ ހުރިހާ މެންބަރުން އެ ޕާޓީގެ މެންބަރުންގެ ގޮތުގައި މަޖިލީހުގައި ދަފްތަރުކުރުމާ އެކު މަޖިލީހުގެ މައިނޯރިޓީ ޕާޓީއަށް ވަނީ އެ ޕާޓީ އެވެ. އެކަމަކު ޑިމޮކްރެޓުން މިމަރުހަލާ ކުރިއަށް ގެންދިއުން ލަސްކުރާ ސަބަބެއް އެނގިފައެއް ނުވެ އެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުންނަމަ ޑިމޮކްރެޓްސްގެ މެންބަރުންގެ މައްޗަށް ހިމެނޭ ޕާލަމެންޓަރީ ގްރޫޕެއް ހެދުމަށް އަދި ވަގުތުކޮޅެއް ނަގާނެ އެވެ.

މަޖިލީހުގައި މިވަގުތު މައިނޯރިޓީ ޕާޓީ އަކީ ޕީޕީއެމް އެވެ. އެ ޕާޓީގެ މެންބަރުންގެ ގޮތުގައި ތިއްބެވީ ފަސް މެންބަރުންނެވެ. ޕީޕީއެމްއާއި އެކު ގުޅިގެން މަސައްކަތް ކުރަމުންދާ ޕީއެންސީއަށް ނިސްބަތްވާ ތިން މެންބަރުންވެސް މަޖިލީހުގައި އެބަތިއްބެވި އެވެ.