ޑރ. މުހައްމަދު މުއިއްޒު

މުއިއްޒަކީ ހަރުކަށި ފިކުރުގެ ބޭފުޅެއް ނޫން، އެއީ ތެދުވެރިއެއް: އަނބިކަނބަލުން ސާޖިދާ

ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަކީ ހަރުކަށި ފިކުރުގެ ބޭފުޅެއް ކަމަށް ބުނާތީ މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ރައްދުދެއްވައިފި އެވެ.

މުއިއްޒަކީ ޖަމިއްޔަތުއްސަލަފުގެ ކެންޑިޑޭޓް ކަމަށް ވިދާޅުވެ މުއިއްޒާއި ހަރުކަށި ފިކުރާ ގުޅުވައި ވާހަކަދެއްކެވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ތަރުޖަމާން މާރިޔާ އަހްމަދު ދީދީ އެވެ.

ސޯޝަލް މީޑިއާގައި މިހާރު އާންމުކޮށްފައިވާ ސާޖިދާގެ އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ މުއިއްޒު ފިރިހެނަކަށް ވެގެން އޭނާ ކުރަން ބޭނުންވާ އެއްވެސް ކަމަކަށް ހުރަސް އަޅުއްވާފައި ނުވާ ކަމަށެވެ. އަދި ކުރައްވާ ކޮންމެ މަސައްކަތެއްގައި މުއިއްޒަކީ މަސައްކަތުގެ އެއްބައި ކަމުގައިވެސް ވިދާޅުވި އެވެ. އެކަމުގެ މިސާލެއްގެ ގޮތުގައި ދެއްކެވީ ސަރުކާރުގެ ވަޒީފާގައި ގިނަ ދުވަސްތަކެއްވީއިރު އެކަމުގައި މުއިއްޒު ދެއްވާ އެއްބާރުލުމެވެ.

"އަޅުގަނޑު 23 އަހަރުވީ މިނިސްޓްރީ އޮފް ހެލްތުގައި މަސައްކަތް ކުރާތާ ސިވިލް ސާވެންޓެއްގެ ގޮތުގައި،" ވަޒީފާގައި ކުރިއަށް ދިއުމަށް މުއިއްޒު ހިތްވަރު ދެއްވާ ކަން ފާހަގަކުރައްވާ ވިދާޅުވި އެވެ.

ސާޖިދާ ވިދާޅުވީ އޭނާއާއި މުއިއްޒުވެސް ކިޔަވާ ވިދާޅުވީ ބައެއް މީހުން ހަރުކަށި ފިކުރުގެ ކަންކަން ނެތް ކަމަށް ބުނާ އިނގިރޭސިވިލާތުން ކަމަށެވެ. އަދި އޭނާ ކިޔަވާ ވިދާޅުވުމަށްވެސް މުއިއްޒު އެހީތެރިވެ ދެއްވާ ކަމަށާއި މާސްޓާސް ހެއްދެވީ މުއިއްޒު ހަރަދުކުރައްވައިގެން ކަމުގައިވެސް ވިދާޅުވި އެވެ.

ސާޖިދާ ވިދާޅުވީ ކުދިންގެ ކަންކަމުގައިވެސް މުއިއްޒަކީ ވަރަށް ބޮޑަށް އެހީތެރިވާ ބޭފުޅެއް ކަމަށެވެ. އެކަން އިތުރަށް ތަފްސީލްކޮށްދެއްވަމުން ވިދާޅުވީ ދަރިންގެ ނެޕީ ބަދަލުކުރުމުގައިވެސް އެހީތެރިކަން ފޯރުކޮށްދެއްވާ ކަމަށެވެ.

"އެކްސްޓްރީމޭ ކިޔާފައި އެ ހަދަނީ ދޮގު. އަޅުގަނޑު ބޭނުން ގޮތަކަށް މަސައްކަތްކުރަން ފުރުސަތު ދެއްވާ،" ސާޖިދާ ވިދާޅުވި އެވެ.

ސާޖިދާ ވަނީ މުއިއްޒަށް ވަރަށް ބޮޑަށް ތައުރީފް ވެސް ކުރަައްވާފަ އެވެ. އެގޮތުން ވިދާޅުވީ މުއިއްޒަކީ ވަރަށް ތެދުވެރި ފިރިއެއް ކަމަށާއި ކުދިން ދެކެ ވަރަށް ލޯބިވާ ބައްޕައެއް ކަމަށެވެ.