ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ދެއްވާ ޔާގީންކަން: އިންތިހާބު ކާމިޔާބުވާނެ

މިދިޔަ ހޮނިހިރު ދުވަހު އޮތް ރިޔާސީ އިންތިހާބުގައި ހެދުނު ގޯސްތައް ފާހަގަކުރެވިފައިވާތީ ކުރިއަށް މިއޮތް 17 ވަރަކަށް ދުވަހު ބުރަކޮށް މަސައްކަތް ކޮށްގެން އިންތިހާބު ބޮޑު ތަފާތަކުން ކާމިޔާބުކުރެވޭނެ ކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ނަތީޖާއަށްފަހު ފުރަތަމަ ފަހަރަށް ސަޕޯޓަރުންނާ ބައްދަލުކުރައްވާ މާލޭގައި މިރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭން ރައީސް ސޯލިހް ފެށީ މިދިޔަ ޖުލައި މަހުގެ ނުވަވަނަ ދުވަހު ށ. ފޯކައިދޫގައި ބޭއްވި ޖަލްސާ ގައެވެ.

އެޖަލްސާއަށް އިޝާރާތް ކުރައްވާ ރައީސް ސޯލިހް ވިދާޅުވީ މިރޭ އަނެއްކާވެސް މިފެށީ ޖުލައި ނުވައެއްގައި ފެށި މަސައްކަތް ކަމަށެވެ. އެމަނިކުފާނު މި ކެމްޕޭނަށް އެކުލަވާލެއްވި މެނިފެސްޓޯ ތަންފީޒު ކުރެއްވުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

އިންތިހާބުގެ ފުރަތަމަ ބުރުގައި ލިބިވަޑައިގެންނެވި ބޮޑު ނާކާމިޔާބީއާ ގުޅިގެން ބައެއް ސަޕޯޓަރުން މާޔޫސްވެފައިވާތީ ރައީސް ވިދާޅުވީ ބުރަ މަސައްކަތުގެ ނަތީޖާ އުއްމީދު ކުރި ގޮތަށް ނުލިބުމުން މާޔޫސްކަމެއް ހުންނާނެ ކަމަށެވެ. ނަމަވެސް އިންތިހާބުގައި ހެދުނު ގޯސްތައް ބަލައި ދިރާސާކުރެވިފައިވާތީ އަލުން މަސައްކަތް ފަށައިގަތީ ހެދުނު ގޯސްތައް އެނގިގެން ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމްޑީޕީއަކީ އިންތިހާބުގައި މޮޅުވުމާއި ބަލި ތަޖުރިބާކޮށްފައިވާ ޕާޓީއަކަށް ވާތީ އެ ތަޖުރިބާގެ އަލީގައި އެމްޑީޕީ އަލުން ނިކުމެ ކާމިޔާބު ހޯދާނެ ކަމަށެވެ.

"ބައެއް ފަހަރު ނާކާމިޔާބުވޭ. އަނެއް ބައިފަހަރު ކާމިޔާބުވެ އަޅުގަނޑުމެން ބޭނުންވާ މިސްރާބަށް ދަތުުރުކުރަން ފުރުސަތުވެސް ލިބޭ. އެހެންވީމާ އަޅުގަނޑުމެންނަކީ ނާކާމިޔާބުގައިވެސް މަސައްކަތްކޮށްފައިވާ ބައެއް. ހިތްވަރާ އެކު އެއަށްވުރެ ފޯރީގައި ގަދައަށް ނިކުމެ އަނެއްކާވެސް ކާމިޔާބު ހޯދާފައިވާ ބައެއް،" ސަޕޯޓަރުންނަށް ހިތްވަރު ދެއްވަމުން ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ނިމިގެން ދިޔަ ސަރުކާރުގެ އަނިޔާވެރި ވެރިކަމަށް އަނބުރާ ނުދިއުމަށްޓަކައި އަދި އިންތިހާބު ކާމިޔާބުކުރުމަށްޓަކައި ކޮންމެ ރައްޔިތެއްގެ ވެސް ވޯޓު މުހިއްމު ކަމަށެވެ. ހޮނިހިރު ދުވަހުގެ އިންތިހާބަކީ މިހާތަނަށް އެންމެ މަދުން މީހުން ވޯޓުލީ އިންތިހާބު ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ވޯޓު ނުލާން ނިކުން މީހުން ވޯޓުލާން ގެންދެވޭނެ އިންތިޒާމުތަކެއް އަލުން ހަމަޖައްސައިދެވިއްޖެނަމަ ރަނގަޅު ނަތީޖާއެއް ލިބޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ އިންތިހާބުތައް ރާވާ އިންތިޒާމުކުރުމުގައި އެންމެ ރަނގަޅު އޮނިގަނޑެއް އޮތީ އެމްޑީޕީގައި ކަމަށެވެ. އެހެންކަމުން އަލުން މަސައްކަތްތައް ރާވާލައިގެން މިހާރު މިއޮތް ޓީމުން މަސައްކަތް ކޮށްފިނަމަ އިންތިހާބު ކާމިޔާބު ކުރުމަކީ އުދަނގޫ ކަމެއް ނޫން ކަމަށެވެ.

އޭގެފަހުގައި ރައީސް އެދިވަޑައިގަތީ މިރެއިން މިރެއަށް ފޯރީގައި މަސައްކަތް ފަށައިގަތުމަށެވެ. އިންތިހާބު ކާމިޔާބުކުރެވޭނެ ކަމަށާއި ކުރިއަށް އޮތީ އުއްމީދީ ދުވަސްތަކެއް ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.

މިދިޔަ ހޮނިހިރު ދުވަހު އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް 101،494 ވޯޓު ލިބިވަޑައިގެންފައިވާއިރު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސޯލިހަށް ލިބިވަޑައިގަތީ 86,166 ވޯޓެވެ. އަދި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބަށް 15,789 ލިބިވަޑައިގެންނެވި އެވެ.