ދުނިޔެ

އީރާނަށް ހަ ބިލިއަން ޑޮލަރު ދޫކުރަން ބައިޑަން ހުއްދަ ދެއްވައިފި

އެމެރިކާ އާއީ އީރާންއާ ދެމެދު ކުށްވެރިން ބަދަލުކުރުމަށް ކުރި މަޝްވަރާތައް ކޮޅެއްގައިޖެހި، އަމަލީ މަސައްކަތްތައް ހިނގައިގެންފި އެވެ. މި ގޮތުން އީރާނުން ދޫކުރަން އެއްބަސްވި ފަސް މީހެއްގެ ނަން މިހާރު ވަނީ އިއުލާންކޮށްފަ އެވެ.

އީރާންގެ ޖަލުތަކުގައި ތިބި އެމެރިކާގެ ފަސް ކުށްވެރިއަކު ދޫކުރަަން އެ ގައުމުން އެއްބަސްވީ، އެމެރިކާގެ އަމުރަށް ދެކުނު ކޮރެއާގެ މަރުކަޒީ ބޭންކުގައި ހިފަހައްޓާފައި ހުރި އީރާންގެ ހަ ބިލިއަން ޑޮލަރު ދޫކޮށްލުމަށް ރައީސް ޖޯ ބައިޑަން ހުއްދަ ދެއްވުމުންނެވެ.

ބައިޑަން ދެއްވި މި ހުއްދައާ އެކު ދެކުނު ކޮރެއާއިން ހަބިލިއަން ޑޮލަރު ގަތަރުގެ މަރުކަޒީ ބޭންކަށް ޓްރާސްފާކުރާނެ އެވެ.

އެމެރިކާ ބުނާ ގޮތުން އީރާނަށް މި ފައިސާ ބޭނުންކުރެވޭނީ އިންސާނީ އެހީތެރި ކަމަށް އެކަންޏެވެ.

އީރާންގެ ރައީސް، އިބްރާހީމް ރައީސީ ވިދާޅުވި ގޮތުގައި، އެމެރިކާ ހިފަހައްޓާފައި ހުރި ފައިސާ ހައްގުވެރިންނަކީ އީރާންގެ ރައްޔިތުންނެވެ. މިހެންކަމުން އެ ފައިސާ ބޭނުންކުރަން ޖެހޭ ގޮތް ނިންމާނީ އީރާނުންނެވެ.

އެމެރިކާއިން ހަ ބިލިއަން ޑޮލަރު ދޫކުރަން އަމުރުކުރިކަން ދުނިޔެއަށް އިއުލާންކުރީ އދ އަށް ކަނޑައަޅާފައި ހުންނަ އީރާންގެ ސަފީރެވެ.

އީރާންއާ އެކު އެމެރިކާ ހެދި މި އެއްބަސްވުމުގެ ދަށުން، އެމެރިކާ ޖަލުތަކުގައި ތިބި ފަސް މީހަކު ވެސް ދޫކުރާނެ އެވެ. އެ މީހުންގެ ނަންތައް ވެސް މިހާރު ވަނީ އިއުލާންކޮށްފަ އެވެ. މީގެ ތެރެއިން ބައެއް މީހުން އީރާނަށް ދާނެ އެވެ. އަދި ބައެއް މީހުން އެމެރިކާގައި މަޑުކުރާނެ އެވެ.

ހިފަހައްޓާފައި ހުރި ފައިސާތައް އީރާނަށް ދޫކުރަން އެމެރިކާ އެއްބަސްވުމާ ގުޅިގެން އެ ގައުމުގެ ސިޔާސީ މަސްރަހުގައި އޮތީ ބަހުސް އުފެދިފަ އެވެ.

އެމެރިކާ ބުނުމާ ދެކޮޅަށް އިރާނުން ނިއުކްލިއާ މާއްދާތައް މުއްސަނދިކުރަމުން ދާއިރު މިހާ ބައިވަރު ފައިސާ ދޫކުރުމުން ނިއުކްލިއާ ބޮމެއް އުފައްދަން މަގުފަހިވާނެ ކަމަށް އިދިކޮޅު ރިޕަބްލިކަނުން ދަނީ ބުނަމުންނެވެ.

އަނެއްކޮޅުން އެމެރިކާގެ އެކުވެރި އިޒްރޭލު ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވި ގޮތުގައި، އިޒްރޭލުގެ ކަންބޮޑުވުމަށް ނުބަލައި އީރާނާ އެކު އެމެރިކާ ޑީލް ހެދުމަކީ ވަރަށް ބޮޑު ނުތަނަވަސް ކަމެެކެވެ.

މި ވާހަކަތަކަށް ރައްދު ދެއްވައި އެމެރިާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން ވިދާޅުވީ އީރާނަށް ދޫކުރި ފައިސާ ބޭނުންކުރާ ގޮތް -- ވަކި ލާރިއަށް ދާންދެން އެމެރިކާ ބަލައި ފާސްކުރަނެ ކަމަށެވެ.