ރައްޔިތުންގެ މަޖިލިސް

ވެރިކަމުގެ ނިޒާމީ ވޯޓެއް ނަގަން މަޖިލީހަށް ހުށަހަޅައިފި

ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުން ދެކޭ ގޮތް ބެލުމަށް ނޮވެމްބަރު 30ގެ ކުރިން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

މި ގަރާރު ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ. މަޖިލީހުގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޮތީ މި ގަރާރު މަޖިލީހަށް ތައާރަފުކުރުމެވެ.

ގަރާރުގައި ބުނެފައިވަނީ 2008 ވަނަ އަހަރު ތަސްދީގުކުރެވުނު ގާނޫނު އަސާސީއަށް 15 އަހަރުވެފައިވާއިރު އެ ގާނޫނު އަސާސީއަށް އަމަލުކުރަން ފެށިފަހުން ބޭއްވި ކޮންމެ ރިޔާސީ އިންތިހާބެއްވެސް ރައްޔިތުން ބޭނުންވާ ކަންތައްތަކަށް ވޯޓުލުމުގެ ބަދަލުގައި ރައްޔިތުން ވޯޓު ދޭންޖެހިފައިވަނީ އެއިރެއްގެ ވެރިކަން ބަދަލުކުރުމަށް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ކަމަށް މީހަކު އިންތިހާބުވާނީ ވޯޓުދިން މީހުންގެ 50 ޕަސަންޓަށްވުރެ ގިނަ ވޯޓު އެ މީހަކަށް ލިބިގެންކަމަށްވާއިރު މިހާތަނަށް ރިޔާސީ އިިންތިހާބަށް ކުރިމަތިލި އެއްވެސް ކެންޑިޑޭޓަކަށް ކޯލިޝަން ހެދުމަކާ ނުލައި އިންތިހާބުގެ ފުރަތަމަ ބުރުން 50 ޕަސަންޓަށްވުރެ ގިނަ ވޯޓު ކާމިޔާބު ކުރެވިފައިނުވާކަން ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.

އިލްޔާސްގެ ގަރާރުގައި ބުނެފައިވަނީ މިހާތަނަށް ބޭއްވުނު ކޮންމެ ރިޔާސީ އިންތިހާބެއްގައި ކޯލިޝަން ހެދުމާއި އިންތިހާބުގެ ތެރެއިން އެއް ޕާޓީ އަނެއް ޕާޓީއާ އެއްބަސްވުންތައް ހެދުމާއި ވެރިކަމުގެ ދައުރުގެ ވަކި ހިސާބަކުން ޕާޓީތަކުގެ މެދުގައި ހިލާފު އުފެދި ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތަކާޢި ގައުމަށް ގެންނަންޖެހޭ ތަރައްގީ އާއި ދިިމިގުރާތީ ނިޒާމެއްގައި މަސައްކަތްކުރަންޖެހޭ އެންމެ އެކަށީގެންވާ ގޮތެއްގައި ސަރުކާރުތަކުން މަސައްކަތް ކުރަމުން އައިސްފައިނުވާ ކަމަށެވެ.

ގަރާރުގައި ވަނީ ގާނޫނު އަސާސީގެ 70 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ލިބޭ ގާނޫނު ހެދުމުގެ އާންމު ބާރުގެ ތެރެއިން ކަމެއް ނިންމުމުގައި ރައްޔިތުންގެ ހިޔާލު ހޯދުން މުހިންމު ކަމަށް މަޖިލީހަށް ފެންނަ ކަންތައްތަކުގައި ރައްޔިތުން އެކަމުގައި ދެކޭ ގޮތް ބެލުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމުގެ ބާރު މަޖިލީހަށް ލިބޭކަން ފާހަގަކޮށްފަ އެވެ.

މީގެ ކުރިން އޮގަސްޓް 18، 2007 ގައި ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގައި ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއް ކަމަށް ފާސްވެފައިވީ ނަމަވެސް ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން ރައްޔިތުންގެ ވޯޓެއް ނެގުމަށް މި ގަރާރުގައި ވަނީ ހުށަހަޅާފަ އެވެ.