އިލެކްޝަންސް ކޮމިޝަން

އިންތިހާބުގެ ދެވަނަ ބުރަށް 44 މިލިއަން ރުފިޔާގެ ބަޖެޓެއް ބޭނުންވޭ

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް 44 މިލިއަން ރުފިޔާގެ ބަޖެޓެއް ބޭނުންވާނެ ކަމަށް އިލެކްޝަން ކޮމިޝަންސް (އީސީ) އިން ބުނެފި އެވެ.

ނޫސްވެރިންނާ އިއްޔެ ބައްދަލުކުރައްވާ އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ބަޖެޓް ހޯދަން ފިނޭންސް މިނިސްޓްރީއަށް އަދި ހުށަހަޅުއްވާފައި ނުވާ ކަމަށާއި، ނަމަވެސް ވަރަށް އަވަހަށް އެކަން ކުރައްވާނެ ކަމަށެވެ.

ރިޔާސީ އިންތިހާބަށް 120 މިލިއަން ރުފިޔާގެ ބަޖެޓެއް ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން ދައުލަތުގެ މިއަހަރުގެ ބަޖެޓް ފާސްކުރުމުގެ ކުރިން ހުށަހެޅި އެވެ. ނަމަވެސް މަޖިލީހުން ފާސްކޮށްދިނީ 90 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ހަބީބް ވިދާޅުވީ އިންތިހާބުގެ ދެވަނަ ބުރަށް ހަރަދުތައް ކުރެވޭނީ ބަޖެޓް ލިބިގެން ކަމަށެވެ. އަދި ބަޖެޓް ލިބޭނެ ކަމަށް ޔަގީންކުރައްވާ ކަމުގައިވެސް ވިދާޅުވި އެވެ.

އިންތިހާބުގައި އެންމެ ބޮޑު ހަރަދެއް ހިނގަނީ ދަތުރުފަތުރާއި ލޮޖިސްޓިކް މަސައްކަތްތަކަށް ކަމުގައިވެސް ހަބީބް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އޮންނާނީ މިމަހުގެ 30ވާ ހޮނިހިރު ދުވަހު އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ.