ހައިކޮމިޝަނާ ގުޅޭގޮތުންނާއި އެގައުމުގެ ސިފައިންނާ ގުޅުވައިގެން ދޮގު ހަބަރު ފަތުރާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން އެދިއްޖެ އެވެ.
އިންޑިއާ ހައި ކޮމިޝަނުން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އިންޑިއާ އާއި ގުޅުވައިގެން ފަތުރާ ދޮގު ހަބަރުތައް އެ ކޮމިޝަނަށް ބަލައިނުގަނެވޭނެ ކަމަށެވެ. އެހެންކަމުން ހަގީގަތާއި ހިލާފު ހަބަރު ފަތުރާ މީހުންނާމެދު ރާއްޖޭގެ ފޮރިން މިނިސްޓްރީ އަދި މީޑިއާ ކައުންސިލުން އެކަށީގެންވާ ފިޔަވަޅުތަކެއް އެޅުމަށްވެސް އެދިފައިވެ އެވެ. މީޑިއާތަކަށް ނަސޭހަތްތެރި ވުމަށްވެސް އެދިފައިވެ އެވެ.
ރާއްޖޭގެ މީޑިއާ ތަކުން ލިޔެފައިވާ ދޮގު ހަބަރުތައް ކަމަށް ބުނެ ބައެއް ހަބަރުތަކުގެ ސްކްރީން ޝޮޓްތަކެއްވެސް އިންޑިއާ ހައި ކޮމިޝަނުން ހިއްސާކޮށްފައިވެ އެވެ. އެގޮތުން ވިސާ ހޯދަން އިންޑިއާ އެމްބަސީއަށް ދާ މީހުން ވޯޓު ލަނީ ކާކަށްތޯ އޮޅުން ފިލުވާ ވާހަކައާއި އެމްއެންޑީއެފް އަދި އިންޑިއާ ހައި ކޮމިޝަނުން ގުޅިގެން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ ކަމަށް ދެކެވޭ ވާހަކަތަކުގެ އިތުރުން ހަނިމާދޫގައި ތިބި އިންޑިއާ ސިފައިން ރައްޔިތުން ކައިރީ ވޯޓު ދޭ މީހެއް އޮޅުންފިލުވަން ސުވާލުކުރާ ކަމަށް ބުނެ ލިޔެފައިވާ ހަބަރުތަކެއްގެ ސްކްރީން ޝޮޓް ހިއްސާކޮށްފައިވެ އެވެ. އަދި މިހަބަރުތައް ދޮގުކޮށްފައިވެ އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންނެވި ފަހުން އިންޑިއާ އާއި އެކު އޮންނަ ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިކޮށްފަ އެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މިގުޅުން ބަދަހިކޮށްފައިވަނީ ރާއްޖޭގެ މިނިވަންކަން ގެއްލޭ ގޮތަށެވެ.