ފިނިޕޭޖް

އެމްޓީވީ ވީޑިއޯ މިއުޒިކް އެވޯޑްގައި ޓޭލާ ސްވިފްޓަށް ގިނަ ކާމިޔާބީތަކެއް

އެތައް ގްރެމީ އެވޯޑެއް ހާސިލްކޮށްފައިވާ ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓް، 33، އަށް އެމްޓީވީ ވީޑިއޯ މިއުޒިކް އެވޯޑްސް ގައި ގިނަ އެވޯޑްތަކެއް ލިބިއްޖެ އެވެ.

މިގޮތުން 11 އެވޯޑަށް ޓޭލާ ނޮމިނޭޓްވެފައިވާއިރު، އޭގެ ތެރެއިން އޭނާ ވަނީ 9 އެވޯޑް ހާސިލްކޮށްފަ އެވެ.

އެއީ ޓޭލާގެ ލަވަ "އެންޓި-ހީރޯ" އަށް:

1. ވީޑިއޯ އޮފް ދަ އިޔާ
2. ސޯންގް އޮފް ދަ އިޔާ
3. އާޓިސްޓް އޮފް ދަ އިޔާ
4. ބެސްޓް ޕޮޕް
5. ބެސްޓް ޑައިރެކްޝަން
6. ބެސްޓް ސިނަމެޓޮގްރަފީ
7. ބެސްޓް ވިޝުއަލް އިފެކްޓްސް
8. ޝޯ އޮފް ދަ ސަމާ
9. އަލްބަމް އޮފް ދި އިޔާ (މިޑްނައިޓްސް އަށް)

ޓޭލާ ވީޑިއޯ އޮފް ދަ އިޔާ އެވޯޑްއާ ހަވާލުވީއިރު އެ ވީޑިއޯގެ ސިނަމަޓޮގްރާފާ ރީނާ ޔޭންގް އާއި އެޑިޓާ ޗޭންކްލާ ހޭންސް ވަނީ ޓޭލާއާއެކު ސްޓޭޖްމަތިން ފެނިފަ އެވެ.

ޗޭންކްލާ އާއި ރީނާ ވާހަކަ ދެއްކި ފަހުން ޓޭލާ ވާހަކަ ދައްކަމުން ބުނީ މިހާ ގިނަ އެވޯޑް ލިބިދާނެ ކަމަށް ގަބޫލުވެސް ނުކުރާ ކަމަށާއި މި އެވޯޑް ތަކަކީ ފޭނުންގެ ވޯޓުގެ ސަބަބުން ލިބުނު އެވޯޑްތަކަކަށް ވުމަކީ ވަރަށް އުފާވާ ކަމެއް ކަމަށެވެ.

މާޗް މަހުގައި ފެށި ޓޭލާގެ އީރާސް ޓުއާއަށް އިޝާރާތްކުރަމުން އޭނާ ބުނީ އެއީ އެންމެ އުފާވެރި އަދި ޖޯޝުން ފުރިގެންވާ ތަޖުރިބާއެއް ކަމަށާއި އަދި ޓުއާގެ ދެބައިކުޅަ އެއްބައި ބާކީ އެބައޮތް ކަމަށެވެ.

ޓޭލާ ވަނީ މި ޓުއާ އިންނާއި ސްޕޮޓިފައިގައި އެތައް ރެކޯޑެއް މުގުރާލާފަ އެވެ.

އެމްޓީވީ ވީޑިއޯ މިއުޒިކް އެވޯޑްސް ޝޯގައި އައިސް ސްޕައިސް، ޝަކީރާ، ކެރޮލް ޖީ، ނިކީ މިނާޖް، ސްޒާ، ބްލެކް ޕިންކް، ޓުމޯރޯ އެކްސް ޓުގެދާ ފަދަ ލަވަކިޔުންތެރިންނާއި ގްރޫޕަށްވެސް އެވޯޑް ލިބިފައިވެ އެވެ.