ފިނިޕޭޖް

ނެޓްފްލިކްސްގެ "ރެޕްޓައިލް"ގައި ޝައްކުކުރެވޭ އެތައް ކަމެއް

ނެޓްފްލިކްސްގެ އާ ކްރައިމް ތްރިލާ "ރެޕްޓައިލް"ގައި ޝައްކުކުރެވޭ މީހުން ގިނަ އެވެ.

މި ފިލްމުގެ ޓްރޭލާ މިހާރު ވަނީ ރިލީޒްކޮށްފަ އެވެ. ޓްރޭލާއިން ފެންނަނީ ޑިޓެކްޓިވް ޓޮމް ނިކޯލްސް، ޒުވާން ރިއަލް އިސްޓޭޓް އޭޖެންޓެއްގެ ގާތިލް ހޯދަން މަސައްކަތްކުރާ ތަނެވެ.

ޝައްކުކުރެވޭ މީހުންގެ ތެރޭގައި މަރާލި އަންހެން މީހާގެ ލޯބިވެރިޔާ، ކުރީގެ ފިރިމީހާ އާއި އެތައް ބަޔަކު ހިމެނެ އެވެ. ގިނަ ސިހުންތަކަކާއެކު ކަންތައްތައް ހާމަވަމުންދާ ވަރަކަށް ޓޮމްގެ ހަޔާތުގެ ބައެއް ކަންތައްތައް ރޫޅިގެންދެ އެވެ.

މި ފިލްމުގައި ލީޑް ރޯލް އަދާކުރަނީ ބެނީސިއޯ ޑެލް ތޯރޯ އެވެ. މީގެ އިތުރުން ފިލްމްގައި އެލީސިއާ ސިލްވާސްޓޯން، ޖަސްޓިން ޓިމްބާލޭކް، މައިކަލް ޕިޓް، ކާލް ގޫސްމަން، އަޓޯ އެސެންޑޯ، މެޓިލްޑާ ލަޓްޒް، ފްރެންސިސް ފިޝާ އާއި ސްކައި ފެރޭރާ ހިމެނެ އެވެ.

މި ފިލްމުގައި ދެމަފިރިންގެ ރޯލް އަދާކުރާ ބެނީސިއޯ އާއި އެލީސިއާ ވަނީ 1997 ގައި ރިލީޒްކުރި "އެކްސެސް ބެގޭޖް"ގައި ލީޑް ރޯލް އަދާކޮށްފަ އެވެ.

މި ފިލްމަކީ މިއުޒިކް ވީޑިއޯ އަދި ޑޮކިއުމެންޓަރީ ޑައިރެކްޓާ ގްރާންޓް ސިންގާ ޑައިރެކްޓްކުރާ ފުރަތަމަ ފީޗާ ފިލްމެވެ. މި ފިލްމުގެ ވާހަކަ ލިޔުނީ ގްރާންޓް އާއި ބެނީސިއޯގެ އިތުރުން ބެންޖަމިން ބްރޫވާ އެވެ.

މި ފިލްމު ސެޕްޓެމްބަރު 7 ގައި ޓޮރޮންޓޯ އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލްގައި ރިލީޒްކޮށްފައިވާއިރު، އާންމުން ބެލުމަށްޓަކައި ބައެއް ސިނަމާތަކަށް ރިލީޒްކުރާނީ މިމަހު 29 ގައެވެ. އަދި އޮކްޓޯބަރު ހަވަނަ ދުވަހު ނެޓްފްލިކްސް އިން ސްޓްރީމްކުރަން ފަށާނެ އެވެ.