އިލެކްޝަންސް ކޮމިޝަން

ބޭރުގެ އޮބްޒާވަރުންނަށް ފުރައްސާރަ ކުރި ދެ މީހަކު ސަސްޕެންޑްކޮށްފި

ރިޔާސީ އިންތިހާބުގައި މިދިޔަ ހޮނިހިރު ދުވަހު ވޯޓުލުން ކުރިއަށް ދަނިކޮށް ރާއްޖެއިން ބޭރުގެ އޮބްޒާވަރުންނަށް ފުރައްސާރަ ކުރި ދިވެހި އޮބްޒާވަރަކާއި މަންދޫބެއް ސަސްޕެންޑްކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ އެ ކޮމިޝަނުން ދައުވަތު ދީގެން ރިޔާސީ އިންތިހާބު އޮބްޒާވް ކުރަން ރާއްޖެ އައި ބޭރުގެ އޮބްޒާވަރުންނަށް ފުރައްސާރަ ކުރީ މަންދޫބާއި އޮބްޒާވަރު ނިސްބަތްވަނީ ސިޔާސީ ޕާޓީ އަކަށް ކަމަށެވެ. ނަމަވެސް އެއީ ކޮން ޕާޓީއެއްގެ ބައެއް ކަމެއް ކޮމިޝަނުން ނުބުނެ އެވެ.

ކޮމިޝަނުން ބުނީ މި ދެ ބޭފުޅުން ސަސްޕެންޑް ކުރީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާއި ކުރިއަށް އޮތް ބޮޑު ދެ އިންތިހާބުގައި އޮބްޒާވަރެއް، މޮނިޓަރެއް، ކެންޑިޓޭޓެއްގެ މަންދޫބެއް، އިލެކްޝަން އޮފިޝަލެއްގެ ގޮތުގައިވެސް ހަރަކާތްތެރި ނުވެވޭ ގޮތަށް ކަމަށެވެ.

މިއަދު ބޭއްވި އިންތިހާބާ ބެހޭ ހާއްސަ ޖަލްސާގައި ނިންމާފައިވަނީ އެ ދެ ބޭފުޅުންގެ ބަދަލުގައި އެހެން ދެ ބޭފުޅުން އޮބްޒާވަރު އަދި މަންދޫބެއްގެ ގޮތުން ހަރަކާތްތެރިވުމުގެ ފުރުސަތު އެ ޕާޓީއަށް ދިނުމަށް ކަމަށްވެސް ކޮމިޝަނުން ބުނެފައިވެ އެވެ.

ބޭރުގެ އޮބްޒާވަރުންނަށް ދިވެހި އޮބްޒާވަރަކު ފުރައްސާރަކޮށް އަދި ރުޅި އައިސްގެން އަޑުހަރުކޮށް އެއްޗެހި ކިޔާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.