ރިޔާސީ އިންތިހާބު 2023

އިންތިހާބުގެ ދެވަނަ ބުރަށް މޮނިޓަރުންނާއި އޮބްޒާވަރުންނަށް ފުރުސަތު ހުޅުވާލައިފި

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް މޮނިޓަރުންނާއި އޮބްޒާވަރުންނަށް ވުމަށް ފުރުސަތު ހުޅުވާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިފުރުސަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން މިމަހުގެ 17ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 3:00ގެ ނިޔަލަށެވެ.

މޮނިޓަރުންނާއި އޮބްޒާވަރުންނަށް ވެވޭނީ އުމުރުން 18 އަހަރު ފުރިފައިވާ ދިވެހިންގެ ތެރެއިން ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒުކުރަމުން ނުދާ އަދި ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައި ނެތް މީހުންނަށެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި މޮނިޓަރުންނާއި އޮބްޒާވްވަރުންނަށް ވުމަށް 8،152 މީހުން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި އެވެ. މީގެތެރޭގައި ބައިނަލްއަގްވާމީ 143 އޮބްޒާވަރުންނާއި ބައިނަލްއަގްވާމީ 22 މޮނިޓަރުންވެސް ހިމެނެ އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އޮންނާނީ މިމަހުގެ 30ވާ ހޮނިހިރު ދުވަހު އެެވެ.

އިންތިހާބުގެ ނަތީޖާ ދައްކާ ގޮތުން ދެވަނަ ބުރުގައި ވާދަކުރައްވާނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އެވެ. މުއިއްޒަށް 100،581 ވޯޓު ލިބިވަޑައިގެންނެވިއިރު ރައީސް ސޯލިހަށް ލިބިވަޑައިގެންނެވީ 86،164 ވޯޓެވެ.