ޑރ. މުހައްމަދު މުއިއްޒު

ތަރައްގީގެ މަޝްރޫއުތައް އިތުރަށް ފުރިހަމަކޮށް ކުރިއަށް ގެންދާނަން: މުއިއްޒު

ރަށްރަށުގެ ތަރައްގީއަށް ހިނގަމުންދާ މަޝްރޫއުތައް އިތުރަށް ފުރިހަމަކޮށް ކުރިއަށް ގެންދަވާނެ ކަމަށް ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭންގައި މިއަދު އއ. ބޮޑުފޮޅަދޫއަށް ވަޑައިގެން މުއިއްޒު ވިދާޅުވީ މަޝްރޫއުތައް މިހާރަށްވުރެ ރަނގަޅުކޮށް ރައްޔިތުން ބޭނުންވާ ގޮތަށް ފުރިހަމަކޮށް ކުރިއަށް ގެންގޮސްދޭނެ ކަމަށެވެ،

ޕީޕީއެމް-ޕީއެންސީގެ ވެރިކަމެއްގައި ބޮޑުފޮޅަދޫއަށް ކޮށްދޭނެ ކަންކަން ހާމަކުރައްވަމުން މުއިއްޒު ވަނީ ތަރައްގީގެ މަޝްރޫއުތަކުގައި އެއްވެސް ރަށެއް ތަފާތު ނުކުރައްވާނެ ކަމަށެވެ.

"ތަރައްގީއާ ގުޅިފައިވާ މިކަހަލަ ހުރިހާ ކަމެއް އެއްވެސް ރަށެއް ތަފާތުކުރުމެއް ނެތި މި ގެންގުޅޭ ސިޔާސަތުގެ ދަށުން ބޮޑުފުޅަދޫގައިވެސް ކުރިއަށް ގެންދެވޭނެ،" މުއިއްޒު ވިދާޅުވި އެވެ.

ބޮޑުފޮޅަދޫއަށް އިތުރުކުރެވެމުންދާ ބިމުގައި ޓޫރިޒަމަށް އިންވެސްޓްކުރުމަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފުރުސަތު ހޯދައިދޭނެ ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން ރަށަށް އިތުރުކުރެވެމުންދާ ބިމުގައި ކުޅިވަރު ފެސިލިިޓީތައް ގާއިމުކޮށް ރަށުގެ ބަނދަރު ބޮޑުކޮށް ސްކޫލަށް އިތުރަށް ބޭނުންވާ ކްލާސްރޫމް އިތުރުކޮށްދޭނެ ކަމަށް މުއިއްޒު ވައުދުވެވަޑައިގެންނެވި އެވެ.