ސެއިލިން އެރައުންޑް މޯލްޑިވްސް

ގައްބެއަށް ދޫނުކުރާ އަންހެނަކު އޭނާގެ ފަހަތުން!

Feb 18, 2016
9
  • ރައުޝަން ވަނީ ޖެޓްސްކީގައި ދުރަށް ދަތުރުކޮށްފަ
  • ގިނަ ކަންތައްތަކެއް އެލިޔާއިން ދަސްވި
  • އެލިޔާގެ މެނޭޖުމަންޓަށް ޝުކުރުވެރިވޭ

މާސިންގާ ކަނޑުގައި ރާޅުތަކާ ތަޅާ ފޮޅަމުން، އެތައް މޭލެއްގެ ދުރަށް ދިއުމަކީ އާދައިގެ މީހަކަށް ވާނެ ކަމެއް ނޫނެވެ. މިފަދަ ކަމެއް ކުރަން ހިތަށް އަރުވާ މީހަކީ ވެސް ލައްކަ ހިތްވަރުގަދަ މީހަކަށް ނޫނީ ނުވާނެ އެވެ. މި ފަދަ ކަންކަމުގައި އާއްމުކޮށް އިވެނީ ފިރިހެނުންގެ ވާހަކަ އެވެ. ނަމަވެސް މި ފަހަރު އަންހެންގެ ވާހަކަ އެވެ. އެއީ އެލިޔާގެ ކުންފުނީގެ ސީނިޔަ އެޗްއާރު އެގްޒެކެޓިވް ރައުޝަން ޖަލީލް (ރައުޝަން) އެވެ.

"އަބަދު ވެސް ހިތުގައި އޮވޭ! ފިރިހެނުންނަށް ކުރެވޭނަމަ އަންހެނުންނަށް ވެސް އެކަމެއް ނުކުރެވެންވީ ސަބަބަކީ ކޮބައިހޭ؟" ފުރަތަމަ ވެސް ރައުޝަން އުފަންކުރީ ތަފާތު ސުވާލެކެވެ.

ދެން މި ސުވާލުގެ ޖަވާބު ހޯދުމަށް އޭނާ ކުރި ހިތަވަރު ގަދަ ދަތުރަށް އަރަމާ ހިނގާށެވެ. ސިންގަޕޫރުން މަތީ ތައުލީމް ހާސިލް ކުރުމަށްފަހު ރައުޝަން ރާއްޖެ އައިސް ފައިތިލަ ސާބިތުކުރީ އެލިޔާގަ އެވެ. އޭނާއަށް ދިރިއުޅުމުގެ ހަގީގީމާނަ އާއި ހިތްވަރު ގަދަކަން ދަސްވީ އެލިޔާ އިން ކަމަށް އޭނާ ބުނެ އެވެ.

"އެލިޔާގައި ކޮންމެ ދުވަހަކީ ވެސް އާ އެއްޗެއް ދަސްވާ ދުވަހެއް. ހާއްސަކޮށް ޖީއެމް [ސައީދު] އާއެކު މަސައްކަތް ކުރަން ލިބުމަކީ ހާއްސަ ކަމެއް. ކޮންމެ ދުވަހަކު ވެސް އާކަންތައްތަކެއް ދަސްވާނެ،" ރައުޝަން ބުންޏެވެ.

ރައުޝަން އެލިޔާގައި މަސައްކަތްކުރި މި ދުވަސްތަކުގައި އޭނާ ވަނީ ތަފާތު ތަޖުރިބާ ތަކެއް ކޮށްފަ އެވެ. ޓީމެއް ގެންގުޅުމުގެ ހުނަރުތައް އަމަލީ މައިދާނުގައި ދަސްކޮށްދިނީ އެލިޔާއިންނެވެ. އެކަން އެނގެނީ އެލިޔާ އިން ސްޕޮންސާކޮށްގެން ރާއްޖެ ވަށައި ބުރުޖަން ގައްބެ ކުރަމުންދާ ދަތުރުގައި "ޓީމުގައި" މުހިންމު ބައިވެރިއެއްގެ ގޮތުގައި އެލިޔާއިން އޭނާ ބެހެއްޓުމެވެ. މި ދަތުރުމަތީޣައި އޭނާ ތަފާތު މޮޅުކަންތައްތަކެއް ކޮށްލެވުނެވެ. އެގޮތުން އެންމެ ފާހަގަ ކޮށްލެވޭ އެއް ކަމަކީ އެނބޫދޫ އިން ފުރައިގެން ކ. މާފުއްޓާ ހަމައަށް ޖެޓް-ސްކީގައި ދަތުރު ކުރަން އެލިޔާއިން ދިން ފުރުސަތަވެ. ކަނޑުގަދަ ދުވަހެއް ނަމަވެސް ޖެޓެއްގެ ހުންގާނު އެލިޔާއިން އޭނާއާ ހަވާލު ކުރި ކުރުމެވެ.

"އެއީ ވަރަށް ބާނި ބޮޑު، ކަނޑު ގަދަ ދަތުރެއް. އެކަމަކު ޖެޓް-ސްކީ ދުއްވަން އަހަރެންނާ ހަވާލުކުރީ. ދެން ތިބި ޖެޓްތަކުގައި ތިބި މީހުން ވަރަށް ހަމަޖެހިލާފަ ތިބީ. އެކަމަކު އަހަރެން ތަފާތު ވާނެތާ؟ މިއީ އެންމެ ފުރަތަމަ ފަހަރު ކަނޑުގައި ދުއްވި. އެހެންވެ ވަކި ހިސާބަކަށް ގޮސްފައި އަހަރެން އަހަންޖެހޭ ދެން ކޮން އެންޓަނާއަކަށްހޭ ދުއްވަންވީ؟ ވަރަށް އެހެންކަހަލަ ކަމެއް އެއީ. އެކަމަކު މާފުއްޓަށް ދެވުނީމަ އެނގިއްޖެ މި ކޮށްލެވުނީ ވަރަށް މޮޅު ކަމެއްކަން،" ރައުޝަން ބުންޏެވެ.

"ކުރިން ވެސް ޖެޓްސްކީ ދުއްވިން. އެއް ފަހަރަކު މި ތަނުން [އަތުގެ ކުޑަ ހުޅުން] ބިންދައިގެން ގޮސްފައި ހުރީ. އެހެންވެ އެނބޫދޫއިން ފުރައިގެން ދިޔައިރު ކުޑަކޮށް އަތަށް ތަދުވި. އެކަމަކު އެހާ ދުރަށް ދުއްވާފައި މާފުއްޓާއި ހަމައަށް ދެވުމުން ވީ އުފަލެއްގެ ބޮޑުކަމުން އެކަމެއް ހަނދާނެ ވެސް ނެތް. އަސްލު އަމިއްލަ ނަފްސަށް ވަރަށް ބޮޑު އިތުބާރެއް ލިބިގެން ދިޔަ."

އުމުރުން އެންމެ 23 އަހަރުގެ ޒުވާން ރައުޝަން ފާހަގަ ކުރި ގޮތުގައި އެލިޔާއަކީ ޒުވާނުންނަށް ފުރުސަތު ދިނުމަށް ދެވަނައެއް ނެތް ކުންފުންޏެކެވެ. އޭނާގެ ހިތުގައި އެލިޔާއަށް ހާއްސަ ގަދަރެއް ދެވިފައިއޮތީ މިހެންވެ އެވެ.

"އަހަރެން ފާހަގަ ކުރަން އަންހެން ކުއްޖެއް ނަމަވެސް މި އިވެންޓުގައި ބައިވެރިވާން އެލިޔާ އިން ދިން ފުރުސަތު. އެހެންވެ ވަރަށް ހިވަރު ލިބޭ،" މޫދު ކުޅިވަރުތަކަށް ޝައުގުވެރިކަން ހުންނަ ރައުޝަން ބުންޏެވެ.

އީކުއޭޓާއަށް ފޭބުން

"ސެލިއިލިން އެރައުންޑް މޯލްޑިވްސް" ދަތުރުގައި ގައްބެ، އީކުއޭޓާ ހުރަސްކޮށް އައްޑުއަށް ދަތުރުކުރިއިރު ޒުވާން ރައުޝަން ހުރީ މީޑިޔާ ލޯންޗުގަ އެވެ. އޭނާ ކުރިން "އަޑުއިވިފައިވާ ގޮތުގައި" އީކުއާޓާ ސަރަހައްދު ވަރަށް ތަފާތު ވާނެ އެވެ.

"އެ ތަނަށް ފުންމާލިއިރު ކުޑަކޮށް ހާސްވި. މީހުން ބުނޭ އީކުއޭޓާ ވީމަ ފެންގަނޑު ތަފާތު ވާނެއޭ. މޫދު އޮންނާނީ ފެން ގަނޑު އެނބުރި، އެނބުރިއޭ. އެހެންވެ އެކްސްޕީރިއަންސް ކޮށްލަން ބޭނުންވެފައި ހުރީ. އެކަމަކުއެއް ވެސް ތަފާތެއް ނެތް،" ހިނިގަނޑެއް ޖަހާލަމުން ރައުޝަން ބުންޏެވެ.

"ކުރިން ވެސް ބުނިން ފޮޓޯއަކަށް ފުންމާލަން ވާނެއޭ؟ [އީކުއޭޓާ] އަށް. އެކަމަކު ހިތަށް އެރީ ހުސް ފިރިހެނުންނާއެކު ފުންމާލީމަ ނޫހަށް އެ ފޮޓޯ އަރާނެއޭ. ވަރަށް ކަޑަ ވާނެއޭ. ނަމަވެސް އެލިޔާގެ މުވައްޒަފުންނަކީ އާއިލާއެއް ފަދަ ބައެއް. އެހެންވެ ކޮންފިޑެންސް އޮވޭ،" ރައުޝަން ބުންޏެވެ.

ރައުޝަން އަށް އެލިޔާ އިން ދިން ހިތްވަރާއެކު މިއަދު ވަނީ ހިތްވަރުގަދަ ޒުވާނަކަށް ވެފަ އެވެ. ނަމަވެސް އޭނާ އަނެއްކާ ވެސް ހިޔާލު ކުރަނީ ކިޔަވަން ރާއްޖޭން ބޭރަށް ދާށެވެ. ނަމަވެސް އަދި ފަހުން ވެސް އެލިޔާގައި ހިދުމަތް ކުރުމަކީ ރައުޝަން ބޭނުންވާ ގޮތެވެ. އެކަމަށް އޭނާ ހުރީ ތައްޔާރަށެވެ.