ސެއިލިން އެރައުންޑް މޯލްޑިވްސް

ގައްބެ ތާރީހީ ދަތުރުގައި އެލިޔާގެ އެމްޑީ އަލާއު!

  • ޖެޓްސްކީ ގައި އަލާއު ކެޔޮދުއާ ހަމަށް ދާނެ
  • ގައްބެ ރާއްޖެ ވަށައި ބުރު ޖަހަނީ 21 ދުވަހުން
  • މި ދަތުރުގައި ދުނިޔެއަށް ރާއްޖޭގެ ރީތިކަން ދައްކާލާނެ

ރާއްޖެ ވަށައި ކަޓަމަރާންއެއްގައި އަބްދުލްޣަފޫރު (ގައްބެ) މިވަނީ ދަތުރު ފަށާފަ އެވެ. މި ދަތުރަށް ތައްޔާރުވަމުން ދިޔައިރު ހާއްސަކަމެއް ފާހަގަވި އެވެ. މި ދަތުރުގެ މެއިން ސްޕޮންސާ އެލިޔާގެ އެމްޑީ އަލާއު އަލީ ގައްބެ ފުރުވަން ގޮސް ހުރިއިރު، އަޅައިގެން ހުރި ހެދުމެވެ. ރަސްމީ އޮފީސް ދުވަހު އެމްޑީ އަލާއު ހުންނެވީ މޫދު ކުޅިވަރު ޔުނީފޯމްގަ އެވެ. މޫދު ކުޅިވަރު ހެދުމުގަ އެވެ.

"މި ހެދުމުގައި އައުމުގެ ބޭނުމަކީ މި ދަތުރުގައި ބައިވެރިވުން ދެއްކުން،" ފުރުމުގެ ކުރިން އަލާއު ވިދާޅުވި އެވެ.

"ސެއިލިން އެރައުންޑް މޯލްޑިވްސް" ގެ ނަމުގައި އެޓޯލް ސެއިލާސް އާއި ޓޫރިޒަމް އަދި ދިރާގު ފަދަ ކުންފުނިތަކުގެ ބައިވެރިވުމާއެކު، ގައްބެ ފެށި ތާރީހީ ދަތުރުގެ ފުރަތަމަ މަންޒިލަކީ ވ. ކެޔޮދޫ އެވެ. ކެޔޮދޫއާ ހަމަށް އަލާއު ދަތުރުކުރައްވަނީ ޖެޓްސްކީގަ އެވެ. ހަމަ ގައިމު ވެސް މިއީ އާދައިގެ ކަމެއް ނޫނެވެ. ކަނޑު ހުރަސްކޮށް ޖެޓްސްކީއެއްގައި ދަތުރުމުން ދައްކުވައިދެނީ މި ހަރަކާތުގައި އެލިޔާގެ ފުރިހަމަ ބައިވެރިވުމެވެ. ދަތުރަށް ގައްބެ ނައްޓާލަން ކައިރިވަމުން ދިޔައިރު، އެލިޔާގެ އެމްޑީ އަލާއު ވެސް ފެނުނީ މި ދަތުރަށް ވަރަށް ފުރިހަމައަށް ތައްޔާރުވިތަނެވެ. އެމްޑީ އަލާއު ވެސް އެއް ނަމްބަރު ފާލަން މަތީގައި ހުންނަވާ "ވޯމް އަޕް" ކުރަމުން ދިޔަ މަންޒަރު ފެނުނެވެ.

ރާއްޖެ ވަށައި 21 ދުވަހުން ގައްބެ ފަށާ މި ދަތުރަށް ނައްޓާލުމުގެ ގޮތުން "އިއްޒުއްދީން ފާލަން" ކައިރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އަލާއު ވިދާޅުވީ މި ފަދަ ދަތުރަކަށް ގައްބެއަކީ އެންމެ ފުރިހަމަ އެކަކު ކަމަށެވެ.

"ގައްބެގެ ދަތުރުގައި އެލިޔާ އިން ބައިވެރިވުމުގެ ފުރުސަތު ލިބުމަކީ ފަހުރެއް. ގައްބެގެ ދަތުރުގައި ދިމާވެދާނެ ހާލަތެއްގައި ބޭނުން ކުރުމަށް ޔަމަހާ ތިނެއް ހޯސް ޕަވަރުގެ އިންޖީނެއް ވެސް އެލިޔާ އިން ހަމަ ޖައްސައިދީފައިވާނެ،" ޔަމަހާ އައުޓްބޯޑް އިންޖީނު ރާއްޖޭގައި ވިއްކާތާ ބައި ގަރުނުވެފައިވާ ކުންފުނީގެ އެމްޑީ އަލާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގައްބެގެ ދަތުރުގައި ޔަމަހާ އިން ކެޔޮދޫއާ ހަމައަށް ދަތުރުކުރާނެ ކަމަށެވެ.

"އަޅުގަނޑު ޖެޓް ސްކީގައި މި ޓީމް [އެލިޔާ] ލީޑްކުރާނީ. އެކަމަށްޓަކައި ފަހުރުވެރިވަން،" އަލާއު ވިދާޅުވި އެވެ.

ކޮންމެއަކަށް ގައްބެގެ ތާރީހީ ދަތުރުގައި އެލިޔާ އިން މިވަނީ މިސާލު ދައްކާފަ އެވެ. އެގޮތުން އެމްޑީ އަލާއު ޖެޓް ސްކީގައި ކެޔޮދުއާ ހަމައަށް ދަތުރުކުރުމަކީ ވެސް އާދައިގެ ކަމަށް ނުވާނެ އެވެ.