ދިރާގު

ދިރާގުގެ ގުޑްވިލް ބްރޭންޑް އެމްބެސެޑަރަކަށް ގައްބެ ހަމަޖައްސައިފި

ދިރާގުގެ ބްރޭންޑް އެމްބެސެޑަރަކަށް ވޯޓާ ސްޕޯޓްސްގެ ދާއިރާއިން ގިނަ ކާމިޔާބީތަކެއް ހޯދުމަށްފަހު ދާދިފަހުން ކެޓަމަރާނެއްގައި ރާއްޖެ ވަށާ ބުރު ޖެހި އަބްދުލް ގަފޫރު (ގައްބެ) ހަމަޖައްސައިފި އެވެ.

ދިރާގުގެ އިޖްތިމާއީ ޒިންމާގެ ދަށުން ހިންގާ އެކި މަސައްކަތްތައް ތަމްސީލުކުރާނެ އެމްބެސެޑަރެއްގެ ގޮތުގައި ގައްބެ ހޮވާފައިވަނީ އޭނާގެ ހިތްވަރާއި ގައުމަށް ރީތި ނަން ހޯދަދިނުމަށްޓަކައި މިހާތަނަށް ކުރި މަސައްކަތްތަކާއި ހޯދި ކާމިޔާބީއަށް ބެލުމަށްފަހު މީހުންނަށް ނަމޫނާއަކަށް ގައްބެ ވެފައިވާތީ ކަމަށް ދިރާގުން ބުންޏެވެ.

ގައްބެ ވަނީ ރާއްޖެއާއި ރާއްޖޭގެ ފަތުރުވެރިކަން ދުނިޔެއަށް ޕްރޮމޯޓްކުރުމަށްޓަކައި ރިޔާނެގި ކަޓަމަރާނެއްގައި ރާއްޖެ ވަށާ ބުރު ޖަހާފަ އެވެ. އަދި އޭނާ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވޯޓާ ސްޕޯޓްސް ދާއިރާގައި މަސައްކަތްކޮށް ގިނަ ތަޖުރިބާތަކެއްވެސް ހާސިލްކޮށްފަ އެވެ.

"ދިރާގު އެމްބެސެޑަޝިޕް" ޕްރޮގްރާމަކީ ތަފާތު ދާއިރާތަކުން އާދަޔާ ހިލާފު ހުނަރުވެރިކަން ދައްކާ ފަރާތްތަކުގެ މަސައްކަތުގެ އަގު ވަޒަންކޮށް، އެހެން މީހުންނަށް އެމީހުން މިސާލެއްގެ ގޮތުގައި ދައްކާލުމުގެ ގޮތުން ދިރާގުން ފެށި ޕްރޮގްރާމެކެވެ.

މީގެ ކުރިންވެސް ދިރާގުން ވަނީ މި ޕްރޮގްރާމުގެ ދަށުން އެމްބެސެޑަރުން ހޮވާފައެވެ. އޭގެ ތެރޭގައި ބާރު ދުވުން ތެރިޔާ ހަސަން ސާއިދާއި، މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އުނޫޝާ ފަދަ ފަރާތްތައް ހިމެނެ އެވެ.

ދިރާގުން ބުނީ އެމްބެސެޑަރުންގެ ގޮތުގައި މީހުން ހޮވުމުގެ އުސޫލު ދިރާގުން މިހާރު ވަރަށް ބޮޑަށް ބަދަލުކޮށްފައިވާ ކަމަށާއި ކުރިއަށް އޮތްތަނުގައި ބްރޭންޑް އެމްބެސެޑަރުންގެ ގޮތުގައި ހަމަޖައްސާނީ ދިވެހިންގެ ތެރެއިން އެކި ދާއިރާތަކުން މަސައްކަތާއި ހުނަރުގެ ގޮތުން އާދަޔާ ހިލާފު މޮޅު މީހުން ކަމަށެވެ. އަދި ބްރޭންޑް އެމްބެސެޑަރުކަން މިއަދު ގައްބެއަށް ދީފައިވާއިރު ގައްބެއަކީ އަހުލާގާއި އުޅުމަށް ބެއްޔަސް ފުރިހަމަ އެތުލީޓެއް ކަމަށެވެ.

"އަޅުގަނޑުމެން ބްރޭންޑް އެމްބެސެޑަރުން ހޮވާއިރު އެބަ ބަލަން އެމީހާ ކުރާ މަސައްކަތާއި ހުނަރުގެ އިތުރަށް އަހުލާގު ވެސް. އެހެން ވީމަ ގައްބެ އަށް ބަލާއިރު ގައްބެ އަކީ ސިއްހަތަށް ގެއްލުންވާ އެއްވެސް ބާވަތެއްގެ އެއްޗެއް ބޭނުންކުރައްވާ ބޭފުޅެއް ވެސް ނޫން. ފުރިހަމަ އެތުލީޓެއް ގައްބެ އަކީ،" އިރުޝާމް ވިދާޅުވި އެވެ.

ގައްބެއަކީ މަޑަގަސްކަރަ އާއި ސީޝެލްސްފަދަ ގައުމުތަކުގައި ވޯޓާ ސްޕޯޓްސް ދާއިރާގައި މަސައްކަތްކުރި ތަޖުރިބާކާރު މީހެކެވެ. އަދި އޭނާ ވަނީ ޔޫރަޕުގެ ބައެއް ގައުމުތަކުގައި މޫދު ކުޅިވަރުތައް ދަސްކޮށްދިނުމުގައި އެކި މަސައްކަތްތައް ކޮށްފަ އެވެ. މީގެ އިތުރުން އިޓަލީ އާއި ސްވިޓްޒަލޭންޑާއި ފްރާންސް އަދި ޔޫރަޕުގައި ވެސް މަސައްކަތް ކުރި އެވެ. ވޯޓާ ސްޕޯޓްސްގެ ހުނަރުތައް މީހުންނަށް ދަސްކޮށްދިނުމުގައި އޭނާގެ ހިދުމަތުގެ ލިސްޓް ނުހަނު ދިގެވެ.

ރާޅުގަނޑުގެ ހިމެނޭ ސަރަހައްދުގައި ހުންނަ "މަޅު" ސާފިން ސްކޫލް އަކީ އޭނާގެ މި ހިދުމަތްތަކުގެ ހެއްކެކެވެ.