އަބްދުލްޣަފޫރު އަލީ (ގައްބެ)

ރާއްޖޭގެ ޗާލުކަން ދައްކާލުމަށް ގައްބެ އާދިއްތަ ދުވަހު ފުރަނީ

"ރާއްޖެއަކީ ޗާލު ތަނެއް، ބޭނުންވަނީ އެ ޗާލުކަން އެންމެންނަށް ދައްކާލަން،" މިއީ ގައްބެގެ ވާހަކައެކެވެ. ށ. ފޭދު އަށް އުފަން އަބްދުލްގަފޫރު ނުވަތަ ގައްބެ ވަނީ ކެޓަމަރާނެއްގައި ރާއްޖެ ވަށާ ބުރު ޖެހުމަށް ތައްޔާރުވެފައެވެ. އަންނަ ހޮނިހިރު ދުވަހު ދަތުރަށް އަރަން ގައްބެ ތައްޔާރުވެފައިވާއިރު މިއީ ރާއްޖެ ވަށާ ކެޓަމަރާނެއްގައި ބުރު ޖަހާ ފުރަތަމަ ފަހަރެވެ.

ވަޔަށް ބަރޯސާވެގެން ގައްބެ މާލެއިން ނައްޓާލާނީ އަންނަ ހޮނިހިރު ދުވަހު އެއް ނަންބަރު ފާލަމުންނެވެ. ދަތުރު ނިންމާލުމަށްފަހު އެނބުރި އަންނާނީ ވެސް އެ ފާލަމަށެވެ. ގައްބެ އެންމެ ފުރަތަމަ ދަތުރު ފަށާނީ ދެކުނަށެވެ. އައްޑޫ ހުރަސްކޮށް ދެން ދަތުރު ފަށާނީ އުތުރަށެވެ. ދަތުރުކުރަމުންދާއިރު 23 ރަށަކަށް މަޑުކުރަން ގައްބެ ވަނީ ނިންމާފައެވެ. ނަމަވެސް އެ ރަށްތައް ގައްބެ ބޭނުންވީ ސިއްރެއްގެ ގޮތުގައި ބާއްވާށެވެ.

"ވަރަށް ގިނަ ރަށްތަކުން ދައުވަތު އެބަ ލިބޭ އެ ރަށްތަކުގައި މަޑުކުރުމަށް، އެކަމަކު މަޑުކުރާ ރަށްތައް ހާމަކުރަން ބޭނުމެއް ނުވޭ، ރަށްތަކުގައި މަޑުކުރި ނަމަވެސް ގައްބެގެ ނެސްޓަކަށް ވާނީ ހަމަ ކެޓަމަރާން، އޭގެ ނިދާނީ ވެސް،" މީޑިއާތަކާ ބައްދަލުކޮށް ގައްބެ ބުންޏެވެ.

ރާއްޖޭގެ 20 އަތޮޅަށް ގައްބެ ދަތުރުކުރަން ހަމަޖެހިފައިވާއިރު ގައްބެގެ ދަތުރު ދުނިޔޭގެ އެންމެންނަށް ގެނެސްދިނުމަށް އަށް މީހުންގެ ޓީމެއް ހަރަކާތްތެރިވާނެ އެވެ. ގައްބެ އާއެކު ގައްބެގެ ފަހަތުގައި ވަކި އުޅަނދެއްގައި ހަރަކާތްތެރިވާއިރު ޓީމްގައި ފޮޓޯގްރާފަރުންނާއި ވީޑިއޯ ގްރާފަރުންނާއި ޑްރޯން އަރުވާ މީހުން އަދި އެޑިޓަރުން ހިމެނެއެވެ. ކޮންމެ ދުވަހަކު ވެސް ގައްބެ ކުރާ ދަތުރުގެ ވީޑިއޯ މި ޓީމުން އަޕްލޯޑްކުރަމުންދާނެ އެވެ. އަޕްލޯޑްކުރާ މި ދަތުރު އިންތިޒާމްކުރާ އެޓޯލް ސެއިލާގެ ފޭސްބުކް ޕޭޖަށާއި ޔޫޓިއުބް ޕޭޖަށެވެ. އަދި ފޮޓޯތަކާއި އަޕްޑޭޓްސް އިންސްތަގްރާމަށާއި ޓްވިޓާއަށް ވެސް ލަމުން ދާނެ އެވެ.
www.facebook.com/AtollSailor
www.Twitter.com/AtollSailor
www.instagram.com/AtollSailor
www.youtube.com/AtollSailorMv

އެޓޯލް މީޑިއާ ޓީމްގެ މެންބަރުން

  • ރެމޮން ފޮޓޯގްރަފީ (މީޑިއާ ޑިރެކްޓަރު)
  • ޖީއައި ޑްރޯން (ވީޑިއޯ އަދި ފޮޓޯ)
  • ހައްމާދު (މަލްޓިމީޑިއާ)
  • ނާޝިއު (ކޯޑިނޭޓަރު އެންޑް އެސިސްޓެންޓް ވީޑިއޯ އެޑީޓާ)
  • ޝާރިފް (ފަސްޓް އެއިޑް އެންޑް ކޯޑިނޭޓަރު)
  • މުހައްމަދު ކަމާލުއްދީން (ރައިޓާ)
  • ތޫ ނިޔާޒު (އިވެންޓް ސޯންގް)

ގައްބެ މި ދަތުރުކުރަން ބޭނުންވީ ރާއްޖޭގެ ޗާލުކަން ދައްކާލުމަށެވެ. އެކަން ގައްބެ ކުރާނެ އެވެ. ކެޓަމަރާނެއްގައި ދަތުރުކުރުމަކީ ވަރަށް ތަފާތު ތަޖުރިބާއެއް ކަމަށް ގައްބެ ބުނެ އެވެ.

"އެއީ ވަރަށް ލުއި އެއްޗެއް، ގޮނޑުދޮށްތަކުން ވެސް ދަތުރުކޮށްލެވޭނެ، ވެލާތައް މަތިން ދިޔަސް އެއަށް އިހުސާސް ވެސް ނުވާނެ، ގުދުރަތީ ޗާލުކަން އިހުސާސްކޮށްލެވޭނެ، ރާއްޖެއަކީ ވަރަށް ޗާލު ތަނެއް،"

ގައްބެއަކީ މުދަށް ވަރަށް ލޯބިކުރާ މީހެވެ. ސެއިލިން ކުރާތާ މިހާރު 25 އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. އަދި މޫދު ކުޅިވަރުތައް މީހުންނަށް ދަސްކޮށް ދިނުމުގައި ވެސް ގައްބެ އުޅެނީ ވަރަށް ކުރީގައެވެ. ހަތަރު އަހަރުން ފެށިގެން 87 އަހަރުގެ މީހުންނަށް ގައްބެ ވަނީ މޫދު ކުޅިވަރުތައް ދަސްކޮށްދީފައެވެ.

"އަބަދުވެސް މޫދުގައި އޮންނަނީ، މޫދު ކައިރިއަށް ގޮސްފިޔާ ނޭރި ނާދެވޭ،"

ކެޓަމަރާނެއްގައި ރާއްޖެއިން އެފްރިކާއަށް ވެސް ދަތުރުކޮށްފައިވާ ގައްބެ ވަނީ މި ފަހަރުގެ ދަތުރަށް މެންޓަލީ އަދި ފިޒިކަލީ ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. ގައްބެ އެންމެ އުފާވަނީ މި ދަތުރަށް ސަރުކާރުން ދޭ ސަމާލުކަމުގެ ސަބަބުންނެވެ.

އެލިޔާއިން ސްޕޮންސާ ކޮށްފައިވާ މި ދަތުރު، ޓޫރިޒަމް މިނިސްޓްރީން ވަނީ އެންޑޯސްކޮށްފަ އެވެ. މި ދަތުރުގެ ސަބަބުން ފަތުރުވެރިކަން ޕްރޮމޯޓްވެގެންދާނެ ކަމާމެދު ޝައްކެއް ނެތެވެ. އެޓޯލް ސެއިލާއިން ވަނީ ބޭރުގެ މީޑިއާއެއް ކަމަށްވާ އޭޝިއަން ޖިއޮގްރަފިކް މި ދަތުރުގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައެވެ. އެ މީޑިއާއިން ގައްބެގެ ވީޑިއޯތަކާއި ފޮޓޯތައް ޝެއާކުރާނެއިރު އެ މީޑިއާގެ މާޗް މަހާއި އޭޕްރީލް މަހުގެ މެގަޒިންގައި ގައްބެގެ ވާހަކަތައް ޝާއިރުކުރާނެ އެވެ.

"މިއީ އަސްލު އެންމެންނަށް ކޮށްދޭ ދަތުރެއް، އެންމެންނާއެކު ކުރާ ދަތުރެއް، ގައްބެގެ އެކަނި ދަތުރެއް ނޫން، ރާއްޖޭގެ ޗާލުކަން ދައްކައިދޭނަން، ރާއްޖޭގެ ޗާލުކަމުގެ އިތުރުން ރަށްރަށުގެ ސާގަފަތާއި ވަށްޓަފާޅި ވެސް ގެނެސްދެވޭނެ،" ގައްބެ ބުންޏެވެ.

މޫދަށް ފަރިތަ ގައްބެގެ ދަތުރަށް ހުރަސް އަޅާނެ އޮތީ އެންމެ ކަމެކެވެ. އެއީ މޫސުމެވެ. މޫސުން ގޯސްވެއްޖެނަމަ ގައްބެގެ ދަތުރު ދިގުވެގެން ގޮސްދާނެ އެވެ. އަދި މަޑުކުރާ ރަށްތައް ވެސް އިތުރުވެގެން ގޮސްދާނެ އެވެ. މޫސުން ގޯސްވެއްޖެނަމަ މަޑުކުރާނީ ކަމަށް ގައްބެ ބުންޏެވެ.

"ގައްބެ އެންމެ އިހުތިރާމްކުރަނީ ހެއްދެވި ފަރާތަށް، މޫސުން ގޯސްވެއްޖެނަމަ ގައްބެ ދަތުރެއް ނުކުރާނަން، މަޑުކުރާނީ، މޫސުމަށް ވަަރަށް އިހުތިރާމްކުރަން،" ގައްބެ ބުންޏެވެ.

ގައްބެގެ މި ދަތުރަށް މީޑިއާގެ ސަމާލުކަން ވެސް ލިބެމުންދާއިރު މި ދަތުރުގެ އެއް ހިއްސާދާރަކީ ދިރާގެވެ. ދަތުރު ކުރި އަށް ދާ އިރު ކެޓަމަރާންގައި ދިރާގުގެ ވެސްލް ޓްރެކިން ސިސްޓަމް ހަރުކޮށް، ގައްބެ އާއި އޭނާއާ އެކީ ދަތުރުކުރާ އެހީތެރިންނާއި މީޑިއާގެ ފަރާތްތަކަށް ބޭނުންވާ މުވާސަލާތީ އެހީތެރިކަން ދިރާގުން ފޯރުކޮށްދޭނެ އެވެ. ގައްބެ ދަތުރުކުރާ ކެޓަމަރާންގައި ހަރުކުރާ ޑިވައިސްގެ ސަބަބުން އޭނާ ދަތުރު ކުރާ ރާސްތާ ވަގުތުން ބަލާލުމުގެ ފުރުސަތު އާންމުންނަށް ލިބޭނެ އެވެ.

ގައްބެގެ މި އާދަޔާ ހިލާފު ދަތުރަށް ބުނެލަން އޮތީ GoodLuckGabbe#.

ގައްބެ ހޯދާފައިވާ ބައެއް ކާމިޔާބީތައް:

  • ފްރީ ސްޓައިލް ނެޝަނަލް ވިންޑްސާފިން ޗެމްޕިއަންކަން 2015،2009،2006،2004ގައި ހޯދުން
  • ސައުތު ހެމްޕްޓަން ކުއީންސްކަޕް ޑިންގީ ސެއިލިން އޯޕަން ވިންޑް ސާފިންގެ އެއް ވަނަ ހޯދުން
  • ނެޝަނަލް ކެޓަމަރަން ސެއިލިން ޗެމްޕިއަންކަން 2009 އަހަރު ހޯދުން
  • ޓޮޕްކެޓް އޯޕަން ސެއިލިން ޗެމްޕިއަންކަން 2009 އަހަރު ހޯދުން
  • ނެޝަނަލް ކެޓަމަރަން ސެއިލިން ޗެމްޕިއަންޝިޕްގެ ދެ ވަނަ ހޯދުން
  • އިންޑިއަން އޯޝަން އައިލެންޑް ގޭމް ސެއިލިން ޓީމް އިވެންޓްގެ ހަތަރު ވަނަ ހޯދުން
  • އިންޑިއަން އޯޝަން އައިލެންޑް ގޭމް ސެއިލިން ލޭޒަ ސްޓެންޑަޑްގެ ހަތްވަނަ ހޯދުން