ރާއްޖެ ވަށައި ބުރު ޖަހާލުމަކީ އޭނާގެ ހުވަފެނެކެވެ. ކުޑައިރު ދެކެމުން އައި އެ ހުވަފެން މިއަދު ހަގީގަތަކަށް ހަދައި އެއީ "ކޮމްޕްލީޓް" ދަތުރެއް ކަމުގެ ފާހަގަ ޖަހައިފި އެވެ. މިއީ ރާއްޖެ ވަށައި ކަޓަމަރާނެއްގައި ފުރަތަމަ ފަހަރަށް ބުރު ޖެހި ށ. ފޭދޫ، އަބްދުލްގަފޫރު އަލީ (ގައްބެ) 42، ގެ ވާހަކަ އެވެ. ކުޑައިރު ކާފަގެ ފަރާތުން ލިބުނު ހިތްވަރުގެ އެހީގަ އެވެ.
މީގެ މަހެއްހާ ދުވަސް ކުރިން މާލޭ އިއްޒުއްދީން ފާލަމުން ފެށި ދަތުރު މިއަދު އޭނާ ނިންމާލުމަށްފަހު އެނބުރި އެ ފާލަމާއި ހަމައަށް އާދެވުމުން އެންމެ ފުރަތަމަވެސް ހެއްދެވި ފަރާތްމަތިން ހަނދާންކޮށް ގައްބެ ސަޖިދަ ޖެހި އެވެ. މިދަތުރުގައި ގައްބެ ވަނީ 40 އަށްވުރެ ގިނަ ރަށަށް ގޮސްފަ އެވެ.
މާލެއިން މިދަތުރު ފެށިއިރު އޭނާ އަށް ހިތްވަރު ދޭން ފާލަން ދޮށަށް އެއްވެ ތިބި މީހުންގެ އެތައް ގުނައެއް އިތުރަށް މީހުން މިއަދު އެއްވެ ތިއްބެވެ. އެންމެންގެ ފަރާތުން އޭނައަށް ފެނިގެން ދިޔައީ ލޯތްބާއި ހިތެ ހެޔޮ ކަމެވެ. އޮހެމުންދިޔައީ ތައުރީފުގެ ބަސްތަކެވެ. އެތައް ދުވަހަކަށްފަހު އާއިލާ އާއި ބައްދަލުވުމުން ގައްބެގެ ލޮލުން ކަރުނަ އަ އެވެ. ކަނޑުމަތީ އެތައް ވަގުތެއް ހޭދަކުރުމުން ލިބިފައިވާ ވަރުބަލިކަންވެސް ފިލާފައިވާ ކަހަލަ އެވެ. ދަތުރަށް ފުރި އިރު ގައްބެގެ ކިބައިން ފެނުނު ހިތްވަރު މިއަދުވެސް އޭނަގެ މޫނުމަތިން ފެނިގެން ދިޔަ އެވެ. ކަޓަމަރާން އިން ފޭބުމުގެ ކުރިން ގައްބެ ވަނީ އޭނާގެ ދަރިފުޅު ކަޓަމަރާނަށް އަރުވާފަ އެވެ. އަދި ފޭބުމަށްފަހު އަންހެނުންނާއި ދަރިފުޅުގެ ގައިގައި ބައްދާލައި "ފެމިލީ ސްޕެޝަލް" ވަގުތުކޮޅެއް ހޭދަކޮށްލާފަ އެވެ.
ގައްބެގެ އާއިލާ އެކަންޏެއް ނޫނެވެ. ގައްބެއަށް އެދަތުރު ކުރުމަށް ފަހި ކޮށްދީ އެހީތެރިވެދިން ހުރިހާ ފަރާތެއް އަދި ހުރިހާ ސަޕޯޓަރުންވެސް ތިބީ އެފަދަ ވަގުތަކަށް އިންތިޒާރު ކޮށްކޮށެވެ. ގައްބެގެ ފޮޓޯތަކާއި ވީޑިއޯތައް ދިޔައީ ނަގަމުންނެވެ. ގައްބެގެ ސަޕޯޓަރުންނާއި ބައްދަލުކޮށް އެމީހުންނާއެކު ސެލްފީ ނަގާލާ ވާހަކަ ދައްކާލަން އެތައް އިރެއް ގައްބެ ހޭދަކުރި އެވެ. ގައްބެ މި ކުރި ދަތުރުގެ އަގު މި ދިވެހި ހުރިހާ ރައްޔިތުންވެސް އަގު ވަޒަން ކޮށްފި އެވެ.
ބޮޑުބެރުގެ ހިތްގައިމު ލަވަތައް ކުޅެމުން ދިޔައިރު ގައްބެގެ މޫނުމަތިން ފެންނަމުންދިޔައީ ހިތްގައިމު ހިނިތުން ވުމެކެވެ. ގައްބެގެ ސަޕޯޓަރުން ގައްބެ އާއި އެކު ގުނަ އަދަދު ނުކުރެވޭ ސެލްފީތައް ނަގަމުން ދިޔަ އިރު ގައްބެގެ ދަތުރު ސްޕޮންސާ ކޮށްދިން އެލިއާގެ އެމްޑީ އަލާއުވެސް ވަނީ ރާއްޖޭގައި އެންމެ ގިނަ މީހުންނާއެކު ސެލްފީ ނެގި ރިކޯޑުވެސް މިހާރު އޮންނާނީ ގައްބެގެ އަތުގައި ކަމަށް ބުނެފަ އެވެ.
ވަކި ވަކިން އާއްމުންނާއެކު ސެލްފީ ނެގުމަށްފަހު ގައްބެ ވަނީ އޭނާގެ ދަތުރަށް އެހީތެރވެދިން އެންމެންނާ އެކީވެސް ފޮޓޯ ނަގާފަ އެވެ. މި ދަތުރުގެ ހަނދާންތައް އަބަދަށް ބެހެއްޓުމަށެވެ.
ގައްބެ އަކީ ދިވެހިން އެދަރިޔަކަށް ޝުކުރުވެރިވެ ފަހުރުވެރިވުން ހައްގު ދަރި އެކެވެ. ގައްބެ މިވަނީ މުޅި ދުނިޔެއަށް ރާއްޖޭގެ ރީތިކަން ދައްކާލާފަ އެވެ.