ހަޔާތުގެ އެންމެ އުފާވެރި އަދި އެންމެ ހިތްދަތި ހަނދާންތަކާ އެކު އޭނާގެ މުޅި ހަޔާތް ގަންބާލާފައި މި އޮތީ މާސިންގާ ކަނޑުގެ ތެރެއަށެވެ. ހަޔާތުގެ ކޮންމެ ހާއްސަ ވަގުތުކޮޅެއް ވެސް އޭނާ ގުޅުވަނީ މޫދުގެ ތެރޭގައި ދިމާވި ކޮންމެވެސް ހާދިސާއެއްގެ ތެރެއަށެވެ.
ށ. ފޭދޫއަށް އުފަން އަބްދުލްޣަފޫރު، ގައްބެގެ ކުޑަކުޑަ ދުނިޔެ އަކީ ގަދަ ކަނޑުތަކާއި ރާޅުތަކެވެ. އެންމެ ހަނދާނުން ފިލުވާލަން ދަތި ދުވަހުގެ ވާހަކަ ގައްބެ ފެށީ މިހެންނެވެ؛ "ވަރަށް ހަނދާނުން ފިލުވައިލާން ދަތި ދުވަހެއް ވިންޑް ސާފް ކުރަން އުޅެނިކޮށް ރިޔާ ބިންދައިގެން ގޮސްގެން ކަނޑު މަތީ ރޭގަނޑު އޮތް ދުވަސް. އެ ވަގުތު ތިން ކޯމަސް އަހަރެން ވަށާލައިގެން އުޅުނު،" މިކަހަލަ އަދި އެތައް ހަނދާންތަކެއް އޭނާގެ އެބަ އޮތެވެ.
ގައްބެ ނިކުންނަން މިހާރު ތައްޔާރުވެފައި މި ހުރީ އަދި އެ ހުރިހާ ކަމަކަށް ވުރެ ނުރައްކާ އަދި ދިގު ދަތުރަކަށެވެ. ކަޓަމަރާންއެއްގައި އެކަނިމާ އެކަނި، ރާއްޖެ ވަށައި ބުރެއް ޖެހުމުގެ ދަތުރު އޭނާ ފަށާނެ އެވެ. ގާތްގަނޑަކަށް 23 ދުވަހުގެ އެ ދަތުރަކީ ފަސޭހަ ދަތުރަކަށް ނުވާނެ އެވެ. ގަދަ ކަނޑުތަކާއި ރާޅުތަކުގެ ތެރެއަށް އޭނާގެ ހިތްދޫވެގެން މި އައީ ކިހާ ހިސާބަކުން ހެއްޔެވެ؟
ރާއްޖެ ވަށައި ބުރު ޖަހަން ނުކުންނައިރު ގައްބެއަކީ ޅަދުވަހުން ފެށިގެން މޫދާ ރައްޓެރި މީހެކެވެ. އެ ރާޅުތަކުގެ ތެރޭ އުޅެ ބޮޑުވި މީހެކެވެ. މޫދަށް އޭނާ ފިސާރި ފަރިތަ އެވެ. ގައްބެ ބުނާ ގޮތުގައި އުފަން ރަށް ށ. ފޭދޫގައި އުޅުނު ދުވަސްވަރު، ކާފައާއެކު ރިޔަލު ދޯނީގައި ދަތުރު ކޮށް މޫދަށް ދާން ފެށި ހިސާބުން އޭނާގެ މުޅި ހަޔާތަކީ މާ ސިންގާ ކަނޑަށް ބަދަލުވީ އެވެ. އެ ހުރިހާ ދަތުރުތަކެއް ވެގެންދިޔައީ އޭނާގެ ހަޔާތުގެ އެއް ބަޔަަށް މޫދު ވެގެން ދިޔަ ކަމަކަށެވެ. މި ކުރު ދަތުރުތައް ވެގެން ދިޔައީ މާކަނޑުގައި ދިގު ދަތުރަކަށް ނުކުންނަން އޭނާ ހޯދި ހިތްވަރަކަށެވެ.
"އެންމެ ތުއްތުއިރު ރަށު [މީދޫ] ގައި ގޭގައި ނިދާފައި އޮންނައިރު އިރުގެ ދޯދިތައް ވަރަށް ރީތިކޮށް މޫނަށް އެޅޭ. އިރު އަރާއިރަށް ވޭކްއަޕް ކޯލެއް ދޭނެ. ކޮންމެ ދުވަހަކު ވެސް މި ފެންނަނީ އެއް މަންޒަރެއް. މޫދު ކައިރީގައި ގެ ހުންނާތީ. މޫދު ކައިރިއަށް ދާއިރު މަސްވެރިން ނައްޓާލައިގެން ދާ ތަން ފެނޭ. އެހެންވެ މޫދު ފެނި، މޫދަށް އެރި އުޅެގެން މި ދާއިރާއަށް ވަނުމުގެ ޝައުގުވެރިވީ،" ވޯޓާ ސްޕޯޓްސްގެ ދާއިރާގައި މަސައްކަތް ކުރާތާ 26 އަހަރުވެފައިވާ ގައްބެ، އޭނާ ޅަދުވަހުގެ ހަނދާންތައް އާކުރި އެވެ.
މާޒީގެ ވާހަކަ ބޭއްވުމަށްފަހު ގައްބެ މިހާރުގެ ދަތުރަށް ނުކުންނަށް ކުރި މަސައްކަތުގެ ވާހަކަ ދައްކާނަމަ މިކަހަލަ ދަތުރަކަށް ތައްޔާރަށް ހުރި މީހަކު ވަކި މި ދިވެހި ފަސްގަނޑަކުން ނުނެގޭނެ އެވެ. ރާއްޖެވަށައި އެކަނިމާ އެކަނި ބުރު ޖަހާ ފުރަތަމަ މީހާއަށް ވުމަކީ އޭނާގެ ހުވަފެނެ ކެވެ. މި ދަތުރަށް ތައްޔާރުވާން ފެށީ މީގެ 12 އަހަރު ކުރިންނެވެ.
"މި ކަމަކީ ވަރަށް ބޮޑު އުންމީދެއް. އަބަދު ވެސް ހިތުގައި އޮވޭ ބޭރު މީހަކު އައިސް މިކަން ކުރުމުގެ ކުރިން މިކަން ކުރުމަށް. މި ދަތުރު މިކުރަނީ މުޅި ރާއްޖޭގެ މީހުންނާއެކު. އެހެންވެ ދައްކަން ބޭނުންވަނީ ރާއްޖެ ޕްރޮމޯޓް ކުރުން. ދިވެހިންނަކީ މެހުމާންދާރީ ދިނުމަށް ވަރަށް ރަނގަޅު ބައެއްކަން ދައްކުވައި ދިނުން،" އެލިޔާގެ ސްޕޮންސާ ކޮށްގެން ރާއްޖެ ވަށައި ދަތުރު ފަށާ ގައްބެ ބުންޏެވެ.
ގަދަ ކަނޑުތަކުގައި ދިގު ދަތުރުތައް ކޮށްލުމަކީ ގައްބެއަށް އާ ކަމެއް ނޫނެވެ. މިކަހަލަ ދަތުރެއް އޭނާ މީގެ ޒަމާން ގަނޑެއް ކުރިން ވެސް ކޮށްފި އެވެ. ރާއްޖެ އިން ފުރައިގެން ކަޓަމަރާންއެއްގައި އިތުރު މީހަކާ އެކު ގައްބެ ވަނީ، މަޑަގަސްކަރަ އަދި ސީޝެލް އަށް ވެސް ދަތުރު ކޮށްފަ އެވެ. ނުރައްކާ އެތައް ވަގުތުތަކެއް 18 ދުވަހުން ހޭދަކޮށްގެންކުރި އެ ދަތުރުން ގައްބެއް ބުނާ ގޮތުން ލިބެނީ ހިތްހަމަ ޖެހުމާއި އުފާވެރި ކަމުގެ އިހުސާސެވެ. އެ ދަތުރުގެ ކޮންމެ ހިދުކޮޅެއް އޭނާ ފާހަގަ ކުރަނީ އުފަލެއްގެ ގޮތުގަ އެވެ. ބޮޑު ކާމިޔާބެއްގެ ގޮތުގަ އެވެ.
"ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ނުކުންނަން ދެން ވަރަށް ރީތި މަންޒަރުތައް ފެނުނު. މަސް އައިން، ވޭލް، ޑޮލްފިން. ގާތްގަނޑަކަށް ދެ ދުވަސް ވަންދެން އުޅެދާނެ ހުސް ޑޮލްފިން [ކޯމަސް] ކަނޑުމަތީގައި ކުރި މި ދަތުރުގައި ކޮންމެ ދުވަހަކީ ވެސް ތަފާތު ދުވަހެއް. ކޮންމެ ދުވަހެއްގެ އިރު އެރުމާއި އޮއްސުން ވެސް އެހާ ރީތި. ރީތި މަންޒަރުތައް ފެނޭ،" ސީޝެލްސް އަށް 18 ދުވަހުން ކުރި ދަތުރުގެ ތަޖުރިބާ ހިއްސާކުރަމުން 42 އަހަރުގެ ގައްބެ ބުންޏެވެ.
ގައްބެ ސީޝެލްއަށް ކުރި ދަތުރަކީ އޭނާގެ ހިތުން ނުފިލާނެ ދަތުރެކެވެ. ތަފާތު ތަޖުރިބާތަކެއް ވެސް މި ދަތުރުގައި އޭނާ ކުރި އެވެ. އެ ގައުމުގައި އުޅޭ ދިވެހިންގެ ބަޔަކު އޭނާ އަށް ހަމަ ހަގީގަތުގައި ވެސް ސަޕްރައިޒް އެއް ދިނެވެ. އެ ދުވަސްތައް ދުވަހަކު ހަނދާން ނުނެތޭނެ ކަމަށް ގައްބެ ބުންޏެވެ.
"ސީޝެލްސް އަށް ދިއުމުން އެތަނުން ވެސް ވަރަށް ހޫނު މަރުހަބާއެއްކީ. ސީޝެލްގައި އުޅޭ [ދެކުނު ބަގާވާތުގައި އެންމެ އިސްކޮށް އުޅުނު] އަބްދުﷲ އަފީފްގެ އާއިލާ އިން އަޅުގަނޑަށް ވަރަށް ހޫނު މަރުހަބާއެއް ކީ،" މަޑަގަސްކަރަ އަށް ވެސް ކަޓަމަރާންގައި ދަތުރުކުރި ގައްބެ ބުންޏެވެ.
ކިތަންމެ އުފަލާ އެކު އޭނާ، ސީޝެލްސްއަށް ކުރި ދަތުރުގެ ވާހަކަ ކިޔައިދިނަސް، އެ ދަތުރުގައި ގަދަ ކަނޑުތަކުގެ ތެރޭގައި އެތައް ގަނޑިއިރެއް އޭނާ ހޭދަކޮށްލި އެވެ. އެއީ ހާސްކަން އޭނާ ބައްދާލައި ވަގުތުތަކެކެވެ. ހޮލީވުޑްގެ ސުޕަ ހިޓް ފިލްމް "ޕާފެކްޓް ސްޓޯމް" ބަލައިލީމާ ހަމަ ގައްބެގެ އެ ތަޖުރިބާ ވަރަށް ރަނގަޅަށް ފެންނާނެ އެވެ. އެ ފިލްމަކީ ވެސް އޭނާގެ އޯލްޓައިމް ފޭވަރިޓެކެވެ.
ގައްބެ މި ކުރާ ތަޖުރިބާ ގޮސް ނިމިފައި އޮތީ ހަމައެކަނި މަޑަގަސްކަރަ އާއި ސީޝެލްސްއާ ހަމަޔަކަށް ނޫނެވެ. އޭނާ ވަނީ ޔޫރަޕުގެ ބައެއް ގައުމުތަކުގައި މޫދު ކުޅިވަރުތައް ދަސްކޮށްދިނުމުގައި އެކި މަސައްކަތްތައް ކޮށްފަ އެވެ. އިޓަލީ އާއި ސްވިޓްޒަލޭންޑާއި ފްރާންސް އަދި ޔޫރަޕުގައި ވެސް މަސައްކަތް ކުރި އެވެ. ވޯޓާ ސްޕޯޓްސްގެ ހުނަރުތައް މީހުންނަށް ދަސްކޮށްދިނުމުގައި އޭނާގެ ހިދުމަތުގެ ލިސްޓް ނުހަނު ދިގެވެ.
ރާޅުގަނޑުގެ ހިމެނޭ ސަރަހައްދުގައި ހުންނަ "މަޅު" ސާފިން ސްކޫލް އަކީ އޭނާގެ މި ހިދުމަތްތަކުގެ ދިރިހުރި ހެއްކެކެވެ. "ޖޭޕީ އޮސްޓްރޭލިޔާ" ގެ އެހީތެރިކަމާއެކު ގައްބެ ވަނީ ރާޅާ އެޅުންތެރިންނަށް އެހީވަމުންނެވެ. ގައްބެ ދެކޭ ގޮތުގައި މި ދާއިރާއަކީ ޒުވާނުން ހަރަކާތެރިވުން މުހިންމު ދާއިރާ އެކެވެ. އަދި ގިނަ ފުރުސަތުތަކެއް އޮތީ މި ދާއިރާއަށް ހުޅުވިފަ އެވެ.
"ކޮންމެ ކަމެއް ވެސް ކުރެވޭނީ ވަރަށް ހިތްވަރު ކޮށްގެން. އަޅުގަނޑު މިކަން ދަސްކުރިއިރު ސެއިލިން ބޯޑަކަށް އަރާލަން މަޑު ކުރަން ދުވަހުގެ ހާފުވަރު [ދެބައިކުޅަ އެއްބައި] އެއިރު ސެއިލިން ބޯޑަކަށް އަރާލަން ލިބެނީ އެންމެ ފަހަކު. އެއް ފަހަރު އަރާފަ ވެއްޓުނީމަ އެ ނިމުނީ. އެކަމަކު މިހާރު ރާއްޖޭގައި ކޮންމެ ކުއްޖަކަށް ވެސް ޗާންސް އެބަ އޮތް،" ގައްބެ ބުންޏެވެ.
ގައްބެގެ ހުވަފެން ހަގީގަތަކަށް ހެދުމުގެ ދަތުރު މާދަމާ އޭނާ ފަށާނެ އެވެ. އޭނާގެ ހަމައެކަނި އަޒުމަކީ ރާއްޖޭގެ ޖާލުކަން މުޅި ދުނިޔެއަށް ދައްކާލަައި ހައިރާން ކޮށްލުމެވެ. ރާއްޖެއަށް އެތައް ބައެއްގެ ސަމާލުކަން ދަމައިގަންނާނެ ފަދަ ހިތްވަރު ގަދަ މަސައްކަތެއް ކުރުމަށް އޭނާ އެ ހުރީ އަޒުމް ކަނޑައަޅައިގެންނެވެ. މި މުހިންމު މަގުސަދުގައި އޭނާ ނިކުންނަ ދަތުރުގައި އޭނާއާއެކު މުހިންމު ބައިވެރިން ތަކެއް ވެސް އެބަ ތިއްބެވެ. ހަމަ ގައިމު ވެސް އެ މީހުންނާ ނުލައި މި ވަރުގެ ބޮޑު ދަތުރެއް އޭނާއަށް ނިންމައެއް ނުލެވޭނެ އެވެ. ގައްބެ އެ ނަންތައް ޝުކުރުވެރިކަމާއެކު ފާހަގަ ވެސް ކުރެ އެވެ.
"އެންމެ ފުރަތަމަ ޝުކުރު އަދާކުރަން ބޭނުންވަނީ ހެއްދެވި ފަރާތައް. މީގެ އިތުރުން މެއިން ސްޕޮންސާ ޔަމަހާ އާއި ދިރާގު އަދި ސެއިލިން މޯލްޑިވްސް އަށް އަޅުގަނޑު ހަމަ ވަރަށް ބޮޑަށް ހަމަ ޝުކުރު ދަންނަވަން،" ނިންމާލަމުން ގައްބެ ބުންޏެވެ.