ފިނިޕޭޖް

އެންސީންކް ގުޅިގެން "ޓްރޯލްސް" ފިލްމަށް ލަވައެއް ކިޔައިފި

ގާތްގަނޑަކަށް 20 އަހަރުގެ މެދުކެނޑުމަކަށްފަހު އެންސީންކްގެ މެންބަރުން އެއްވެގެން ލަވައެއް ނެރޭނެ ކަމަށް އިއުލާންކޮށްފި އެވެ.

އެންސީންކް އިން އިއުލާންކޮށްފައިވާ ގޮތުގައި ބޭންޑްގެ އާ ލަވަ "ބެޓާ ޕްލޭސް" ރިލީޒްކުރާނީ މިމަހުގެ 29 ވަނަ ދުވަހު އެވެ.

މި ލަވައިގެ ހަބަރު އިއުލާންކުރުމުގެ ކުރިން އެންސީންކް އިން "ފްރެންޑްސް" ސީރީޒްގެ ސީންއެއްގެ އޯޑިއޯ ބޭނުންކޮށްގެން، ކަމެއް އެނގޭކަމާއި އެކަކު އަނެކަކު ކައިރި ނުބުނާނަމޭ ބުނާތަން ފެންނަ ޓީޒާ ވީޑިއޯއެއް އިންސްތަގްރާމްގައި ޝެއާކޮށްފައިވެ އެވެ.

މި ލަވައިގެ ތަންތަންކޮޅު ޑްރީމްވޯކްސްގެ ކާމިޔާބު އެނިމޭޝަން ފިލްމް ސީރީޒް "ޓްރޯލްސް"ގެ ތިންވަނަ ފިލްމު، "ޓްރޯލްސް ބޭންޑް ޓުގެދާ"ގެ ޓްރޭލާއިން އިވެ އެވެ. މީގެ އިތުރުން ޓިކްޓޮކުންވެސް މި ލަވައިގެ ތަންތަންކޮޅު އިވޭނެ އެވެ.

"ޓްރޯލްސް" ފިލްމު ސީރީޒްގައި މައި ރޯލެއް ކަމުގައިވާ ބްރާންޗްގެ ރޯލަށް އަޑުއަޅާފައިވާ ޖަސްޓިން ޓިމްބާލޭކް އަކީ އެންސީންކްގެ މެންބަރެކެވެ. އަދި ޖަސްޓިން "ޓްރޯލްސް" އަށް ކިޔާފައިވާ ލަވަ "ކާންޓް ސްޓޮޕް ދަ ފީލިން" އަށް ޖަސްޓިން އަށް ވަނީ އެކަޑަމީ އެވޯޑް ނޮމިނޭޝަނެއް ލިބިފައެވެ. "ޓްރޯލްސް"ގެ ދެވަނަ ފިލްމު، "ޓްރޯލްސް ވޯލްޑް ޓުއާ" އަށް ޖަސްޓިން "ދި އަދާ ސައިޑް" ކިޔާފައިވެ އެވެ.

1995 ގައި އުފެއްދި މި ބޯއިބޭންޑް އެތައް އަހަރަކަށްފަހު ވަނީ އަންގާރަ ދުވަހު ބޭއްވި އެމްޓީވީ މިއުޒިކް ވީޑިއޯ އެވޯޑްސް ޝޯގައި އެކުގައި ސްޓޭޖްމަތިން ފެނިފަ އެވެ. މި ބޭންޑް ޓޭލާ ސްވިފްޓަށް "ބެސްޓް ޕޮޕް ވީޑިއޯ"ގެ އެވޯޑް ހަވާލުކޮށް، ފްރެންޑްޝިޕް ބްރެސެލެޓްވެސް ވަނީ ބަދަލުކޮށްފަ އެވެ.

މި ބޭންޑްގެ މެންބަރުންގެ ތެރޭގައި ޖަސްޓިންގެ އިތުރުން ޖޯއީ ފެޓޯން، ކްރިސް ކާކްޕެޓްރިކް، ޖޭސީ ޗޭސެޒް އަދި ލާންސް ބޭސް ހިމެނެ އެވެ.

އެންސީންކް ވަނީ 2007 ގައި ރޫޅި ފައެވެ. މި ބޭންޑް 2013 އާއި 2016ގެ އެމްޓީވީ މިއުޒިކް ވީޑިއޯ އެވޯޑްސް ޝޯގައި ޕާފޯމްކުރުމަށް އެއްވި ނަމަވެސް، އާ މިއުޒިކެއް ނެރެފައެއް ނުވެ އެވެ.

"ޓްރޯލްސް ބޭންޑް ޓުގެދާ" ސިނަމާތަކަށް އަންނާނީ މިއަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހު އެވެ.