ފިނިޕޭޖް

ސޯފިއާ ކޮޕޯލާގެ "ޕްރިސިލާ"އަށް ރަނގަޅު ފާޑުކިޔުންތަކެއް

އެކަޑަމީ އެވޯޑް ލިބިފައިވާ ޑައިރެކްޓަރު ސޯފިއާ ކޮޕޯލާގެ "ޕްރިސިލާ"އަށް ވެނިސް ފިލްމު ފެސްޓިވަލްގައި ބޮޑު ތަރުހީބެއް ލިބުނެވެ.

މިގޮތުން ބެލުންތެރިން ވަނީ ކޮޅަށް ތެދުވެ، ހަތް މިނެޓް ވަންދެން އަތްތިލަބަޑި ޖަހާ، ތަރުހީބު ދީފަ އެވެ.

މިދިޔަ އަހަރު ނެރުނު ކާމިޔާބު ފިލްމް "އެލްވިސް"ގައި ކިންގ އޮފް ރޮކް އެންޑް ރޯލްގެ ލަގަބު ދެވިފައިވާ އެލްވިސް ޕްރެސްލީގެ ހަޔާތް ދައްކާފައިވީއިރު "ޕްރިސިލާ" ގައި ފެންނާނީ އެލްވިސްގެ ކުރީގެ އަންހެނުން، ޕްރިސިލާގެ ނަޒަރުން އެލްވިސްއާ އެކު ވޭތުކުރި ދުވަސްތަކެވެ.

އެލްވިސްއާ ޕްރިސިލާ ދިމާވިއިރު އެލްވިސް އަށް 24 އަހަރެވެ. ޕްރިސިލާ އަށް 14 އަހަރެވެ. އެހެން ނަމަވެސް ޕްރިސިލާގެ ކުޑަ އުމުރަށް ބަލައި، ދެމީހުންގެ މެދުގައި ގުޅުން ބަދަހިވަމުން ގޮސް އެ ގުޅުން ބޮޑަށް ގާތްވީ ޕްރިސިލާ ބޮޑުވުމުން ކަމަށް މި ފިލްމުގައި ދައްކަ އެވެ.

މި ފިލްމު ޑައިރެކްޓްކުރުމުގެ އިތުރުން ސްކްރީންޕްލޭވެސް ލިއުނީ ސޯފިއާ އެވެ. މި ފިލްމު ބިނާކޮށްފައިވަނީ ޕްރިސިލާ އާއި ސޭންޑްރާ ހާމަން ނެރުނުގެ ވާހަކަ "އެލްވިސް އެންޑް މީ" އަށެވެ.

މި ފިލްމުގައި ޕްރިސިލާގެ ރޯލް ކެއިލީ ސްޕޭނީ އަދާކޮށްފައިވާއިރު، އެލްވިސްގެ ރޯލް އަދާކުރީ ޖޭކަބް އެލޯޑީއެވެ. މި ފިލްމުގައި މީގެ އިތުރުން ޑަގްމާރާ ޑޮމިންޒިކް، ޖޯޖާ ކޭޑެންސް، ޓިމް ޕޯސްޓް، ލޫކް ހަމްޕްފްރީ އަދި ޖޮސެޓް ހެލްޕާޓް ފަދަ އެކްޓަރުންނާއި އެކްޓްރެސް އިން ހިމެނެ އެވެ.

"ޕްރިސިލާ" އަށް ރޮޓަން ޓޮމާޓޯސް ގައި 35 ކްރިޓީކުން 94 ޕަސަންޓް ދީފައިވާއިރު މެޓާކްރިޓިކް އިން 100 އަކުން 84ގެ ރޭޓިންގ ދީފައިވެ އެވެ.

ބީބީސީ ކަލްޗާގެ ނިކޮލަސް ބާބާ ބުނީ "އެލްވިސް" ފިލްމުގައި ބަޒް ލޫމަންއާ ހިލާފަށް ސޯފިއާ މި ފިލްމު ގެނެސްދީފައިވަނީ ޕްރިސިލާގެ ނަޒަރިއްޔާއިން އެހެންނަމަވެސް ޕްރިސިލާއާ މެދު "ޖަޖްމެންޓަލް" ނުވާ ގޮތަކަށް ކަމަށެވެ.

"ޕްރިސިލާ" ނިއު ޔޯކް ފިލްމް ފެސްޓިވަލްގައި އެޅުވުމަށްފަހު ސިނަމާތަކުގައި އަޅުވާނީ އަންނަ މަހުގެ 27 ވަނަ ދުވަހު އެވެ.